ސަލަފްއަށް ފިޔަވަޅު އަޅަން ސަބްކޮމިޓީން ފާސްކުރީ ހަސަން ލަތީފު އެކަނި އިންނަވައިގެން: ކޮމިޓީ މެމްބަރުން

އާދަމް ޝަރީފް އާއި ހުސައިން މުހައްމަދު ލަތީފު: ސަބް ކޮމިޓީ ރިޕޯޓަށް ވޯޓު ނުދެއްވާ ކަމަށް ވިދާޅުވި --- ފައިލް ފޮޓޯ

ޖަމިއްޔަތުލް ސަލަފާ މެދު ފިޔަވަޅު އެޅުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ސަބް ކޮމިޓީން ފާސްކުރީ އެ ސަބް ކޮމިޓީގެ މުގައްރިރު ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އެކަނި އިންނަވައިގެން ކަމަށް އެ ކޮމިޓީގައި ދެން ހިމެނިވަޑައިގަންވާ ދެ މެމްބަރުން ވިދާޅުވެއްޖެ އެވެ.

އަނިޔާވެރިކޮށް މަރާލި ދީނީ އިލްމުވެރިޔާ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ މަރާ ގުޅިގެން ގެއްލުވާލެވިފައިވާ މީހުންނާއި މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓު މިދިޔަ އާދިއްތަ ދުވަހު ރައީސް އޮފީހުން ވަނީ އާންމުކޮށްފަ އެވެ. އެ ރިޕޯޓުގައި ސަލަފް ޖަމިއްޔާއަށް ވެސް ވަނީ ތުހުމަތުތަކެއް ކޮށްފަ އެވެ.

މަޖިލީހުގެ 241 ކޮމިޓީން ކޮމީޝަންގެ ރިޕޯޓުގައި ހުރި ކަންކަން ބަލަން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ދުވަހު ބޭއްވި ކޮމިޓީގައި އެ ރިޕޯޓާ ގުޅިގެން ހަތް ކަމެއް ބަަލަން ނިންމައި ސަބް ކޮމިޓީ އެކުލަވާލި އެވެ.

ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުގެ އިތުރުން ފަރެސްމާތޮޑާ ދާއިރާ މެމްބަރު ހުސައިން މުހައްމަދު ލަތީފާއި މަޑުއްވަރީ ދާއިރާ މެމްބަރު އާދަމް ޝަރީފު އުމަރެވެ.

ސަލަފް ޖަމިއްޔާއަށް ފިޔަވަޅު އެޅުމާއި އެހެން ގިނަ ކަންތައްތެކެއް ކުރަން ނިންމައި ސަބް ކޮމިޓީން ވަނީ އެ ރިޕޯޓު ރޭގެ ވަގުތެއްގައި ފާސްކޮށްފަ އެވެ. އަދި އެ ރިޕޯޓު މިއަދު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅި އެވެ.

ސަބް ކޮމިޓީގައި ހިމެނިވަޑައިގެންނަވާ މެމްބަރުން ހުސައިން މުހައްމަދު ލަތީފު އަދި އާދަމް ޝަރީފު މިރޭ "ސަން" އަށް ވިދާޅުވީ، އެ ދެ ބޭފުޅުން ސަބް ކޮމިޓީ ރިޕޯޓަށް ވޯޓު ނުދެއްވާ ކަމަށެވެ.

އާދަމް ޝަރީފު ވިދާޅުވީ، އެ ކޮމިޓީ ރިޕޯޓު އެކުލަވާލި އިރު ސަބް ކޮމިޓީގައި އޭނާ ބައިވެރިވި ކަމަށާއި ނަމަވެސް އެ ރިޕޯޓަކީ ސަބް ކޮމިޓީން ފާސްކޮށްގެން މައި ކޮމިޓީއަށް ހުށަހެޅި ރިޕޯޓެއް ނޫން ކަމެށެވެ.

"ސަބް ކޮމިޓީގެ ޖުމްލަ ތިން މީޓިން ބޭއްވުނީ. އޭގެ ތެރެއިން ފުރަތަމަ ދެ ކޮމިޓީއަށް އަޅުގަނޑު ދިޔައިން. އެންމެ ފަހުން ބޭއްވުނީ ކޮން ކަމަކަށް ކަމެއް އެނގިފައެއް ނެތް،" ސަބް ކޮމިޓީގެ ނައިބު މުގައްރިރު އާދަމް ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، މަޖިލީހުގައި އެހެން މަސައްކަތްތަކެއް ހުރުމުން ސަބް ކޮމިޓީގެ ފަހު ބައްދަލުވުމަށް އޭނާ އަށް ނުދެވުނު ކަމަށެވެ.

"ދެން ފެނުނީ މިއަދު ކުއްލިއަކަށް އެ ރިޕޯޓު. އެހެން ވީމާ އޭތި ފާސް ކުރިކަމަށް އަޅުުގަނޑު ނުބަލަން،" އޭނާ ވިދާޅުވި އެވެ.

ހުސައިން މުހައްމަދު ލަތީފު ވިދާޅުވީ، އޭނާ ވެސް އެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ކަމަށެވެ.

"އެކަން ކޮށްފައި އޮތީ އުސޫލުތަކާ ހިލާފަށް. އެގޮތަށް އެކަމެއް ނުވާނެ. ސަބް ކޮމިޓީން ނިންމައިގެން ނޫން މައި ކޮމިޓީއަށް ގެނައީ،" ހުސައިން މުހައްމަދު ލަތީފު ވިދާޅުވި އެވެ.

މިއަދު މައި ކޮމިޓީއަށް އެ ރިޕޯޓު ހުށަހެޅި އިރު، އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ނޫސްވެރިން ނުވައްދައި ސިއްރުކޮށްގެެނެވެ.

އެ ބައްދަލުވުމަށް ކޮމިޓީގެ މުގައްރަރު ވަޑައިނުގެންވުމުން މުގައްރިރުކަން ކުރެއްވީ ނައިބު މުގައްރިރު ހުސައިން މުހައްމަދު ލަތީފެވެ. އޭނާ މުގަރިރަކަށް އިންނަވައިގެން މައި ކޮމިޓީން މިއަދު ވަނީ އެ ރިޕޯޓު ފާސްވެސް ކޮށްފަ އެވެ.

އުސޫލުތަކުން ބޭރުން އެ ރިޕޯޓު މައި ކޮމީޓީއަށް ގެންނެވުމުން ރިޕޯޓަށް ވޯޓަށް އެއްސެވީ ކީއްވެގެންތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، އޭނާ ކޮމިޓީއަށް ވަޑައިގެންވި އިރު މުގައްރިރު ހާޒިރު ނުުވުމުން މެމްބަރުންގެ އެދިވަޑައިގަތުމަށް ބައްދަލުވުން ފެއްޓީ ކަމަށާއި ބައްދަލުވުން ފެށި އިރު އެޖެންޑާ ކޮށްފައި އޮތީ ހަމައެކަނި އެ ރިޕޯޓަށް ވޯޓަށް އަހަން ކަމަށެވެ.

"އަޅުގަނޑު ފެށި އިރު، [އެޖެންޑާގައި] އޮތީ ހަމައެކަނި ވޯޓަށް އެހުން. އަޅުގަނޑުގެ ޒިންމާއަކަށް ވާނީ މެމްބަރުން ހުށަހަޅާ ހުށަހެޅުންތަކަށް ފުރުސަތުދީގެން ކުރިއަށް ދިޔުން. އަޅުގަނޑު އެ ފުރުސަތުގައި އެހި ވޯޓެއް،" އޭނާ ވިދާޅުވި އެވެ.

ހުސައިން މުހައްމަދު ލަތީފު ވިދާޅުވީ، ރިޕޯޓު މައި ކޮމިޓީން ފާސްވީ ކޮމިޓީއަށް ވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ.

އެ ކަމާ ގުޅިގެން ހަސަން ލަތީފު އެއްޗެއް ވިދާޅުވާކަށް ބޭނުމެއް ނުވި!

ހަސަން ލަތީފު (ވ) -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ދެ މެމްބަރުންގެ ވާހަކަތަކާ ގުޅިގެން ހަސަން ލަތީފަށް ގުޅުމުން ވިދާޅުވީ، ސަބް ކޮމިޓީ ކުރިއަށް ދިޔައީ ސިއްރު ކޮމިޓީއެއްގެ ގޮތުގައި ކަމަށާއި އެހެން ކަމުން އެކަމަށް ކޮމެންޓް ކުރެވެން ނެތް ކަމަށެވެ.

ދެ މެމްބަރުން ވޯޓުގައި ބައިވެރި ނުވާ ކަމަށް ވިދާޅުވި ކަމަށާއި އެއީ ތެދެއްތޯ ސުވާލު ކުރުމުން ހަސަން ލަތީފު ވިދާޅުވީ، "އަޅުގަނޑަކަށް އެ ބޭފުޅުން ވިދާޅުވާ އެއްޗަކަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެވޭނެ ސަބް ކޮމިޓީއަކީ ސިއްރު ކޮމިޓީއެއް، ވީމާ ސިއްރު ހިފަހައްޓަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ އެބޭފުޅުން އަދި ކޮންމެ އެއްޗެއް ވިދާޅުވިޔަސް،" އެވެ.

comment ކޮމެންޓް