ހަނގުރާމައަށްދިޔަ މީހުންގެ ރިހެބް ސެންޓަރު އެއް މަސްތެރޭ ނިންމާލަނީ

ސީރިއާގައި ހަނގުރާމަ ކުރަމުންދަނިކޮށް މަރުވެފައިވާ ކަމަށް ބުނާ ދިވެއްސެއް -- ސަން ފައިލް ފޮޓޯ

ރާއްޖެއިން ބޭރުގެ ދާހިލީ ހަނގުރާމަތަކަށް ދިޔަ މީހުން ރިހެބިލިޓޭޓުކުރަން ހިންމަފުށީގައި އަޅަމުންދާ ޑީރެޑިކަލައިޒޭޝަން ސެންޓަރުގެ މަސައްކަތް އެއް މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ހޯމް މިނިސްޓްރީއިން ބުނެފިއެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު "ސަން"އަށް ވިދާޅުވި ގޮތުގައި ޑީރެޑިކަލައިޒޭޝަން ސެންޓަރުގެ އިމާރާތުގެ މަސައްކަތް ފަށައިގެން ކުރިއަށްދާތާ މިހާރު ދެ މަސް ވަރު ވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޕޮލިސް ވެލްފެއާ ކޯޕަރޭޝަން (ޕޮލްކޯ)އާއެވެ. އެއީ 49 މިލިއަން ރުފިޔާއަށެވެ.

ނަޒީރު ވިދާޅުވި ގޮތުގައި އެ މަސައްކަތް ހަވާލު ކުރީ ދެ މަސް ތެރޭގައި ނިންމާށެވެ. އެކަމަކު، ވިއްސާރައިގެ ސަބަބުން ދަތިތަކެއް ކުރިމަތިވިކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެތަނުގެ މަސައްކަތް ނިމޭނެ،" ނަޒީރު ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވީ، އެ ސެންޓަރުގެ އިމާރާތުގެ މަސައްކަތް ނިމުނަސް ސެންޓަރު ހުޅުވިގެން ދާނީ ހަނގުރާމައަށް ދާ މީހުން ގެނައުމުން ކަމަށެވެ. އަދި އެތަން އޮޕަރޭޓުކުރާނެ ގޮތުގެ ތަފްސީލުތައް މިނިސްޓްރީއިން ފަހުން ދޭނެކަމަށް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވިދާޅުވެފައި ވަނީ ސީރިއާގައި ހާލުގައި ޖެހިފައި ތިބި އަންހެނުންނާއި ކުޑަކުދިން އެހެން ގައުމަކަށް ގެންދިޔުމަށް ފަހު އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް، އެ މީހުން އަނބުރާ ރާއްޖެ ގެނެސް މުޖުތަމައަށް ނެރުމުގެ ކުރިން އެ މީހުން ރިހިބިލިޓޭޓް ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

ޓެރަރިޒަމް ގާނޫނު އިސްލާހުކުރި އިރު ޑީރެޑިކަލައިޒޭޝަން ސެންޓަރެއް ގާއިމުކުރަން ހިމަނާފައިވެއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ޑީރެޑިކަލައިޒޭޝަން ސެންޓަރު އެޅުމަށް ހިމަނާފައި ވަނީ 1.96 މިލިއަން ރުފިޔާއެވެ. އަދި 2021 ވަނަ އަހަރުވެސް އިތުރު 500،000 ރުފިޔާ އެ ސެންޓަރަށް ހަރަދުވާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެއެވެ. ސެންޓަރުގެ މަސައްކަތް ފަށާފައި ވަނީ ބަޖެޓު އާންމުކުރުމުގެ ކުރިންނެވެ.

ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖެއިން ސީރިއާގެ ދާހިލީ ހަނގުރާމައަށް ގޮސްފައިވަނީ 60 އެއްހާ ދިވެހީން ކަމަށެވެ. ނަމަވެސް އެ އަދަދު އެއަށް ވުރެ ބޮޑުތަން އިތުރުވާނެކަމަށް ބެލެވެއެވެ. އަދި އަފްޣާނިސްތާނުން މި ހަފްތާގެ ތެރޭގައި ހައްޔަރު ކުރި އައިއެސްގެ ހަނގުރާމަވެރިންގެ ތެރޭގައި ދިވެހީން ހިމެނޭ ކަމަށްވެސް އެގައުމުގެ ރިޕޯޓުތަކުން ބުނެއެވެ.

comment ކޮމެންޓް