ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ހައްގުތަކުގެ ގާނޫނު ތަސްދީގުކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އޮކްޓޫބަރު މަހު ދ. ހުޅުދެއްޔަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ރައްޔިތުންނާއެކު -- ފޮޓޯ/ ރައީސް އޮފީސް

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު އަލުން އެކުލަވާލައި، މަޖިލީހުން ފާސްކުރި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ބިލު ތަސްދީގު ކުރައްވައި ގެޒެޓުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މި ދެ ގާނޫނު މިއަދު ތަސްދީގުކުރެއްވި އިރު، މިއަދަކީ އދއިން އެކުލަވާލި ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގައި ގައުމުތަކުން ސޮއިކުރުމަށް ހުޅުވާލިތާ 30 އަހަރު ފުރޭ ދުވަހެވެ. އެ މުއާހަދާގައި އެކުލަވާލައި، ސޮއިކުރަން ފެށީ 20 ނޮވެމްބަރު 1989 ގައެވެ. އަދި މުއާހަދާ ތަންފީޒުކުރަން ފެށީ 2 ސެޕްޓެމްބަރު 1990 ގައެވެ.

މި ދެ ގާނޫނުވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ 14 ވަނަ ދުވަހުއެވެ. މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ދެ ގާނޫނުވެސް ތަސްދީގު ކުރައްވައިފައެވެ. ދެ ގާނޫނު މިހާރު ވަނީ ގެޒެޓުކޮށްފައެވެ.

ކުޑަކުދިންގެ އަދުލުގެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ރައްޔިތުންގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. އެ ބިލު މަޖިލީހުން ފާސްކުރީ 66 މެމްބަރުންގެ ވޯޓުންނެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު އަލުން އެކުލަވާލުމުގެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ. އެ ބިލުވެސް ފާސްކުރީ 66 މެމްބަރެއްގެ ވޯޓުންނެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގައިވާ ކަންތައްތަކުގެ ތެރޭގައި ބަލިތަކުން ސަލާމަތްވުމަށް ޖަހަންޖެހޭ ވެކްސިން ޖެހުން ވަނީ މަޖުބޫރުކޮށްފައެވެ. ކުޑަކުދިންނާ މެދު އިހުމާލުވުމާއި، އަނިޔާގެ އަމަލަކުން ކުޑަކުއްޖަކު ސަލާމަތް ކުރުމަށް އިހުމާލުވުމާއި، ކުޑަކުއްޖަކަށް އަނިޔާކުރުމުގެ ކުށެއް ރިޕޯޓުނުކުރުމަކީ ވެސް ކުށެއް ކަމަށް އެ ގާނޫނުގައިވެއެވެ.

އެ ގާނޫނުގައި ދަރިމައިވުމުގެ ކުރިން ކުރަންޖެހޭ ފަރުވާ އާއި، މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަތީއްސުރެ އެކުއްޖާ ވިހެއުމާ ހަމައަށް އަދި ކުއްޖާ ވިހެއުމަށްފަހު ބޭނުންވާ ފަރުވާ އާއި ކުއްޖާ އާއި ކުއްޖާގެ މަންމަގެ އާންމު ސިއްހަތާއި ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެހައި ފަރުވާތަކަކީ ކޮންމެ ކުއްޖަކަށް ލިބިގެންވާ ހައްގެއްގެ ގޮތުގައިވެސް ވަނީ ހިމަނައިފައެވެ.

https://sun.mv/127269

ކުޑަކުދިންގެ އަދުލުގެ ގާނޫނުގައިވާ ކަންތައްތަކުގެ ތެރެއިން، ކުށުގެ ބަންދުގައި ތިބޭ ކުދިންނަށް ތައުލީމު ދިނުން ލާޒިމުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނުން ކުށުގެ ތުހުމަތު ކުރެވޭ ކުއްޖާއަށް ނުވަތަ ހުކުމެއް ތަންފީޒު ކުރަމުންދާ ކުއްޖާއަށްވެސް ގިނަ ހައްގުތަކެއް ވަނީ ކަށަވަރުކޮށްދީފައެވެ. އެގޮތުން ކުއްޖާގެ ކަރާމާތް ގެއްލޭ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

ކުޑަކުދިންނަށް ހާއްސަ އިސްލާހީ މަރުކަޒުތަކެއް ހަދަންވެސް ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ލާޒިމުކޮށްފައިވެއެވެ. އެގޮތުން ކުރު މުއްދަތަށް ނުވަތަ ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާދޭން ޖެހޭ ކުޑަކުދިންނާއި އިސްލާހީ ފިޔަވަޅު އެޅުމަށްޓަކައި ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަން ޖެހޭ ކުދިން ބޭތިއްބުމަށް ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒުތަކާއި ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތައް ގާއިމުކުރަން ޖެހޭނެކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

https://sun.mv/127472

comment ކޮމެންޓް