ސަލަފް ރަޖިސްޓްރީ ކުރީ ނަޝީދުގެ ވެރިކަމުގައެއް ނޫން!

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ---- ފޮޓޯ/ މަޖިލިސް

ޖަމިއްޔަތުއް ސަލަފް އުފެއްދެވީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށް ވިދާޅުވެ މަޖިލިސް ރައީސް، މުހައްމަދު ނަޝީދު މިއަދު މަޖިލީހުގައި ދެއްކެވީ ރަނގަޅު ވާހަކައެއް ނޫންކަން ހާމަވެއްޖެއެވެ.

މިއަދު މަޖިލިސް ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީން އެކުލަވާލާފައިވާ ރިޕޯޓެއްގައި ބުނޭ ގޮތުން ޖަމިއްޔަތުލް ސަލަފު ޓެރެރިޒަމަށް ވާގިދޭ ކަމަށް ބުނެފައިވާ ކަމަށެވެ.

އަދި ސަލަފް ޖަމިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދީފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށާއި، އެކަން ކުރެއްވީ ކުރީގެ ވެރިންނާއި ދޮށީ ބޭފުޅުން އެގޮތަށް އެކަން ނުކުރައްވަން އެދެމުން ދަނިކޮށް ކަމަށެވެ.

"އަޅުގަނޑަށް ފެނުނު ތަނުގައި އެ ޖަމާއަތް އެދުވަހު ރަޖިސްޓްރީކޮށް ނުދިންނަމަ އެ ޖަމާއަތް އަންޑަގްރައުންޑްގައި މަސައްކަތް ފެށީސް. މިއަދުވެސް އެ ޖަމާއަތް ހުއްޓުވައިފިއްޔާ އަޑިއަށް ދާނެ،" ނަޝީދު ވިދާޅުވިއެވެ.

އެހެން ނަމަވެސް ސަލަފް ރަޖިސްޓްރީކޮށްފައި ވަނީ ނަޝީދު ވެރިކަމަށް އައުމުގެ ކުރިން، 2006 ވަނަ އަހަރުއެވެ. އޭރު ވެރިކަމުގައި ހުންނެވީ މައުމޫން އަބްދުލްގައްޔޫމެވެ.

ސަލަފް ޖަމިއްޔާ ރަޖިސްޓްރީކޮށް ހޯމް މިނިސްޓްރީން ދޫކުރި ޖަމިއްޔާގެ ރަޖިސްޓްރީ "ސަން"އަށް ލިބިފައިވާއިރު، އެންމެ ފުރަތަމަ އެ ޖަމިއްޔާ ރަޖިސްޓްރީކޮށްފައި ވަނީ "ޖަމިއްޔަތުލް އަންޞާރު" ގެ ނަމުގައި، 12 މާޗް 2006 ގައެވެ.

އޭގައި ބުނާ ގޮތުން އެ ޖަމިއްޔާ "ޖަމިއްޔަތުލް ސަލަފް"ގެ ނަމަށް ބަދަލުކޮށްފައި ވަނީ 7 ޖޫން 2006 ގައެވެ.

ސަލަފް ޖަމިއްޔާއާ މެދު ފިޔަވަޅު އެޅުމަށް ސަބް ކޮމިޓީން ނިންމިކަމަށް ނަޝީދު ވިދާޅުވި އިރު، އިއްޔެ ބޭއްވި މަޖިލިސް ޖަލްސާގައި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ ސަލަފް ޖަމިއްޔާ އުވާލުމަށް ގޮވާލައިފައެވެ.

comment ކޮމެންޓް