ސޯލާޕެނަލް ގަންނަން ނަގާ ލޯނުގެ އިންޓްރެސްޓް ސަރުކާރުން ދައްކައިދޭން މަޝްވަރާކުރަނީ

އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ރައްޔިތުންގެ މަޖިލިސް

ގޭބިސީތަކުގައި ސޯލާ ޕެނަލް ހަރުކުރަން ބޭންކުތަކުން ނަގާ ލޯނުގެ އިންޓްރެސްޓް ސަރުކާރުން ދައްކައިދިނުމާ ގުޅޭގޮތުން މަޝްވަރާކުރަން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވީ ކޮންމެ ކައުންސިލަކަށް ބަޖެޓެއް ދީގެން ސޯލާ ޕެނަލް ހަރުކުރަން އާންމުން ނަގާ ލޯނުތަކުގެ އިންޓްރެސްޓް ފައިސާ ދެއްކިދާނެ ކަމަށެވެ.

"މިހާރު އެބައޮތް 240 މިލިއަން ރުފިޔާ ރިނިއުބަލް އެނާޖީއަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި. އެކަމަކު އެ ބޭނުންކުރާނެ ގޮތުގެ ތަފްސީލެއް ނެތް. ކޮންމެ ރަށެއްގެ ކައުންސިލަށް އެއް މިލިއަން ރުފިޔާ (އޭގެ ތެރެއިން) އެލޮކޭޓް ކުރާށޭ ގޭގޭގައި ސޯލާ ބެހެއްޓުމަށް ބޭންކުގެ އިންޓްރެސްޓް ބައި ޑައުން ކުރަން." ސަލީމް ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން ސަލީމް ތައްޔާރުކޮށްފައިވާ ރިޕޯޓެއްގެ ޚުލާސާއެއް ކޮމިޓީގައި ވަނީ ހިއްސާ ކުރައްވާފައެވެ.

ކޮމިޓީގައި ފާހަގަކުރި ނުކުތާތައް

  • ތިން ކިލޯވޮޓުގެ ޖަނަރޭޓަރެއްގެ އަގަކީ 3000 ޑޮލަރު (46،260 ރުފިޔާ).
  • ސޯލާ ޕެނަލް ގަންނަން ނަގާ ލޯނު އަނބުރާ ދައްކަނީ ފަސް އަހަރުންކަމަށް ވާނަމަ، މަހަކު ދައްކަން ޖެހޭ ފައިސާގެ އަދަދަކީ 771 ރުފިޔާ.
  • ލޯނަށް ފައިސާ ދައްކާ މުއްދަތުގައިވެސް ކަރަންޓު ބިލަށް ފައިސާ ދައްކަން ނުޖެހޭނެ.
  • ކަރަންޓު އުފެއްދުން އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުން ސަރުކާރުން ދެމުންގެންދާ ސަބްސިޑީތަކަށް ލުޔެއް ލިބިގެންދާނެ.

ސަލީމް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އިޔާދަކުރިނިވި ހަކަތައިގެ މަޝްރޫޢުތަކަށް ހިމަނާފައިވާ 240 މިލިއަން ރުފިޔާގެ ބަޖެޓުން މި ޕްރޮގްރާމް ހިންގަން، 2،000 މީހުންނަށް ވުރެ އާބާދީ މަދު 143 ރަށުގެ ތެރެއިން ކޮންމެ ރަށެއްގެ ކައުންސިލަކަށް އެއް މިލިއަން ރުފިޔާ ދިނަސް އެ ރަށްތަކަށް ކަރަންޓު ސަބްސިޑީއަށް ހޭދަކުރާ ފައިސާ ސަލާމަތްކުރެވޭނެ ކަމަށެވެ.

ނަމަވެސް ހުރިހާ ރަށަކަށް އެއް މިލިއަން ޚަރަދުނުވާނެކަމަށާއި އެއީ އެވަރެޖް އަދަދެއްކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ރަށްރަށުގައި މިހާރުވެސް ސޯލާ ޕްރޮޖެކްޓުތަކެއް ކުރިއަށްގެންދާ ކަމަށާއި ނަމަވެސް އެކަމާ ގުޅޭ ގަވައިދުތައް ހެދިފައިވާ ގޮތުން އޭގެ ފައިދާ އާންމުންނަށް ނުކުރާ ކަމަށެވެ.

"ރައްޔިތުންގެ ލެވެލްގައި ކަރަންޓު ބިލު އަގުހެޔޮ ނުވާކަމުގެ ވާހަކަ ވަރަށް ބޮޑަށް ދައްކަމުން އެބަ ދޭ. މިހާރު މި ހަރުކުރެވޭ ސޯލާ ޕެނަލްތަކުން ބޮޑަށް މަންފާ ކުރަނީ ޔުޓިލިޓީ ކުންފުންޏަށް ކަމަށްވާތީ. ޔުޓިލިޓީ ކުންފުންޏަށް ވާ މަންފާ މުޅި ރާއްޖެއަށް ބެހިގެންދާއިރު ގޭބިސީތަކަށް އެނގުން ނުވަނީ،" ހޯރަފުށި ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މިހާރު ގަވާއިދު ހެދިފައިވާ ގޮތުން އިޔާދަކުރަނިވި ހަކަތައިން އެންމެ ގިނަވެގެން އުފެއްދެނީ އެތަނަކަށް ބޭނުންވާ ކަރަންޓުގެ 30 ޕަސެންޓު ކަމަށެވެ.

މިކަމާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއި ބޭންކްތަކާއެކު މަޝްވަރާކުރުމަށް ކޮމިޓީން މިއަދު ވަނީ ނިންމާފައެވެ.

comment ކޮމެންޓް