ނޮކު މޯލްޑިވްސް ރިސޯޓުން އުފެއްދި ޚާއްސަ ދަބަހެއް އީވާއަށް

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ، މަޖިލީހުގެ ނައިބު ރައީސާ އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަށް ރިޔޫޒަބަލް ދަބަހެއް ހަދިޔާ ކުރެއްވުން ---

ނ. ކުޑަފުނަފަރުގައި ހިންގާ ނޮކު މޯލްޑިވްސް ރިސޯޓުން ފެށި މަޝްރޫއެއްގެ ދަށުން ޑިޒައިންކޮށް އުފެއްދި ހާއްސަ ރޫޔޫޒަބަލް ދަބަހެއް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲއަށް ހަދިޔާ ކުރައްވައިފިއެވެ.

މި ދަބަސް ނޮކު މޯލްޑިވްސްގެ ފަރާތުން ހަދިޔާކުރެއްވީ އެ ރިސޯޓު ހިންގާ ނ. ކުޑަފުނަފަރު ނިސްބަތްވާ އަތޮޅު ތަމްސީލުކޮށްދެއްވާ މެމްބަރެއް ކަމުގައިވާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާއެވެ.

އީސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީވާއަށް ހަދިޔާކުރެއްވީ ނޮކު މޯލްޑިވްސްއިން ކުރާ ތިމާވެއްޓާ ރަހުމަތްތެރިކަމުގެ މަސައްކަތުގެ ތެރެއިން ޑިޒައިންކުރި ފުރަތަމަ ރީޔޫޒަބަލް ދަބަސް ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

އެ ރިސޯޓުން އިސްނަގައިގެން އުފައްދާ ރީޔޫޒަބަލް ކޮތަޅު ނުވަތަ ދަބަހާއެކު އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ނ އަތޮޅުގައި ބޭނުންކުރުން މަދުވާނެކަމަށް އުންމީދު ކުރައްވާކަމަށް އީސަ ވިދާޅުވިއެވެ.

އީވާއަށް މެމްބަރު އީސަ ދަބަސް ހަދިޔާ ކުރެއްވި އިރު، ރައޔްިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، އެއްވެސް މެމްބަރަކު އެފަދަ ދަބަހެއް ބޭނުންވާނަމަ މެމްބަރު އީސައާ ގުޅުއްވުމަށް އެދިވަޑައިގެންފައެވެ.

"އެއްވެސް އިއްޒަތްތެރި މެންބަރަކު، އަންހެން އިއްޒަތްތެރި ބޭފުޅަކު ވިޔަސް ރިޔޫޒަބަލް ދަބަހެއް ބޭނުންވެ ވަޑައިގަންނަވަންޏާ ކެނދިކުޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރާ ގުޅުއްވީމަ ލިބިވަޑައިގަންނަވާނެ،" މިއަދުގެ މަޖިލިސް ނިންމަވާލައްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް