ކިޑްސް ފެސްޓިވަލުގައި ބައިވެރިވުމަށް ޔާޔާ ޓޫރޭ ރާއްޖެ އަންނަނީ

ސިޓީއާއި ބްރައިންޓަން ރޭ ކުޅުނު މެޗުގެ ތެރެއިން: މި ސީޒަން ނިންމާލުމަށްފަހު ސިޓީ ދޫކޮށްލާނެ ކަމަށް ބުނެފައިވާ ޔާޔާ ޓޫރޭ ރޭގެ މެޗުގައި ފެނިފައިވޭ --- ފޮޓޯ/ އޭޕީ

ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް) ގެ ހިންގާ ކޮމިޓީގެ އަހަރީ ދުވަހާ ގުޅިގެން ބާއްވާ ކިޑްސް ފެސްޓިވަލް ޝަރަފުވެރިކޮށްދިނުމުގެ ގޮތުން އެފްއޭއެމްގެ ހާއްސަ ދައުވަތަކަށް މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޔާޔާ ޓޫރޭ ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައި ދުނިޔޭގެ އެންމެ ބޮޑެތި ކުލަބުތައް ކަމަށްވާ ބާސެލޯނާ އަދި މެންޗެސްޓާ ސިޓީއަށް ވެސް ގިނަ ދުވަސްތަކެއް ވަންދެން ކުޅެދީ ފުޓުބޯޅައިގެ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ޓޫރޭ ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ. އެފްއޭއެމްގެ ދައުވަތަށް އޭނާ ރާއްޖެ އަންނަ އިރު ޓޫރޭ ބައިވެރިވާ ހާއްސަ އިވެންޓް އޮންނާނީ ބުރާސްފަތި ދުވަހު ހަވީރު ގަލޮޅު ދަނޑުގަ އެވެ.

އެފްއޭއެމްގެ ހާއްސަ މި ހަރަކާތުގައި ގައިގަނޑަކަށް 600 އަށް ވުރެން ގިނަ ކުދިން ބައިވެރިވާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. އެ އިދާރާއިން ބުނީ، ޓޫރޭއާ އެކު ފުޓްބޯޅައިގެ އެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ކުދިންނަށް ލިބޭނެ ކަމަށާއި އިވެންޓް ކުރިއަށްދާނީ ބުރާސްފަތި ދުވަހު ހަވީރު 4:00 އިން ހަވީރު 6:00 އަށް ކަމަށެވެ.

ފުޓުބޯޅައަށް ލޯބި ކުރާ އެތައް މިލިއަން ބަޔަކު މިހާރުވެސް ފޮލޯ ކުރަމުން އަންނަ ޓޫރޭ ރާއްޖެއަށް އަންނަ ކަން ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ކުރި ވީޑިއޯ ޕޯސްޓެއްގައި ހާމަކޮށްފަ އެވެ. ޗައިނާ ދެ ވަނަ ޑިވިޝަނުގެ ގިންޑާއޯ ހުއަންހާއި އަށް ކުޅެމުން އަންނަ ޓޫރޭ އާއްމު ކުރި ވީޑިއޯގައި އޭނާ ވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ޝުކުރު އަދާކުރުމުގެ އިތުރުން ފީފާ ވިޝަން ޕްރޮޖެކްޓްގެ މި ފަދަ ހަރަކާތެއްގައި ބައިވެރިވެވޭތީ ހިތްހަމަޖެހޭ ކަމަށް ބުނެފަ އެވެ.

ސްޕެއިންގެ ބާސެލޯނާއިން ވިދާލި ޓޫރޭ އަކީ ދުނިޔޭގައި އުފެދުނު މޮޅެތި މިޑްފީލްޑަރުންގެ ތެރެއިން މިޑްފީލްޑަރެއްކަމާ މެދު ފުޓުބޯޅަ ބަލާ އެކަކުވެސް ދެބަސް ނުވާނެ އެވެ. ރޮނާލްޑީނިއޯ، ލިއޮނެލް މެސީ އަދި ސަމުއެލް އެޓޫގެ އިތުރުން އަންދަރެސް އިނިއެސްޓާ ފަދަ ކުޅުންތެރިންނާ އެކު ބާސެލޯނާގެ އަލިގަދަތަރިއެއްގެ ގޮތުގައި ވިދަމުން ދިޔަ ޓޫރޭ ފަހުން އެންމެ ބޮޑު މަޝްހޫރުކަމެއް ހޯދީ އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރާ މެންޗެސްޓާ ސިޓީގަ އެވެ.

ކުރިން މާ ބޮޑު ކާމިޔާބީތަކެއް ލިބިފައި ނެތް ސިޓީ ދުނިޔޭގެ އެންމެ ނަން ވިދާ ގަދަބާރަކަށް ހެދުމުގައި ޓޫރޭގެ ދައުރު ބޮޑެވެ. އޭނާ ވަނީ އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހަތަރު ފަހަރެއްގެ މަތިން ހޯދާފަ އެވެ.

ޓޫރޭ ކުޅެމުން އަންނަ ގިންޑާއޯ އަށް ޗައިނީސް ސުޕަ ލީގުން އަންނަ ސީޒަނުގައި ފުރުސަތު ލިބިފައިވާއިރު، މިދިޔަ މެއި މަހު އޭނާ ވަނީ ކުއްލި ގޮތަކަށް ކުޅުން ހުއްޓާލަން ވެސް ނިންމައިފަ އެވެ. އެހެން ނަމަވެސް އޭނާއަށް ބައެއް ކޯޗުންނާއި ކުޅުންތެރިންގެ ފަރާތުން ލިބުނު ހިތްވަރާ އެކު އަލުން ކުޅުމުގެ ތެރެއަށް ވަނުމަށް ނިންމީ އެވެ.

comment ކޮމެންޓް