ސަލަފު ޖަމިއްޔާގެ މައްސަލާގައި މަހުލޫފާ، މަޖިލީހުގައި ސުވާލުކުރަން ހުށަހަޅައިފި

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފައިލް ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

ރައްޔިތުންގެ މަޖިލީޙުގެ ކުރީގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ސަލަފް ޖަމިއްޔާގެ މައްޗަށް ތުހުމަތުތަކެއް ކުރެވޭތީ އެކަމާ ގުޅިގެން ސަލަފް ޖަމިއްޔާ އަށް އެއްވެސް ފިޔަވަޅެއް އެޅިތޯ ސާފު ކުރުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި އެވެ.

މަހުލޫފު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެވެ.

ޖާބިރު ކުރައްވާ ސުވާލެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ސަލަފް ޖަމިއްޔާއާ މެދު ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން އެ ޖަމިއްޔާއަށް އެއްވެސް ފިޔަވަޅެއް އެޅިތޯ އަދި އެޅި ފިޔަވަޅަކީ ކޮބައިތޯ ސާފު ކުރުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވާ ގޮތުން ވަޒީރަކާ ސުވާލު ކުރުމަށް 14 ދުވަހުގެ ނޯޓިސްއެއް ވަޒީރަށް ފޮނުވަން ޖެހޭނެ އެވެ. އެހެންނަމަވެސް އެ 14 ދުވަހުގެ ކުރިން ވަޒީރު ޖަވާބު ދާރީވާން ތައްޔާރަށް ހުންނެވި ނަމަ މަޖިލީހަށް ސިޓީއަކުން އެކަން ހުށަހެޅުމުން މަޖިލީހުގެ ރައީސަށް އެމައްސަލަ ތާވަލުކުރެވޭ ކަމަށް ވެސް ގަވައިދުގައި ވަނީ ބުނެފަ އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ ރިޔާސީ ކޮމިޝަނުން ތަހުގީގުކޮށް ނިންމައި އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ އެކި ދުވަސްމަތިން ޑރ. އަފްރާޝީމާ މެދު މީހުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ސަލަފް ޖަމިއްޔާއިން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެ ތަހުގީގު ރިޕޯޓުގައި ފާހަގަ ކުރީ 2008 ވަނަ އަހަރު ޑރ. އަފްރާޝީމާއި ދެކޮޅަށް ސަލަފުން ނެރިފައިވާ ނޫސްބަޔާނުގެ ވާހަކަ އެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައި ވަނީ 2012 އޮކްޓޫބަރު އެއްވަނަ ދުވަހުގެ ރޭ މެންދުގެ ވަގުތެއްގައި އެމަނިކުފާނު ދިރިއުޅުވި ގެކޮޅު ހ.ފުންވިލުގެ ސިޑި ކައިރިން ވަޅިން ހަމަލާދީ އެވެ. ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި އަމަލީގޮތުން ބައިވެރިވެފައި ވަނީ ހ.ލޮބީ ހުސައިން ހުމާމާއި، ހ. ހިލްޓަން އަޒްލިފް ރައޫފް އަދި ހ. ހިކޯޓް އަލީ ޝާނު ކަމަށް ރިޔާސީ ކޮމިޝަނުގެ ތަހުގީގުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް