ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރާނެކަމުގެ ޔަގީންކަން ރައީސް ދެއްވި: މެމްބަރު ސަނީފް

ގދ. އަތޮޅު ތަމްސީލު ކުރައްވާ ތިން މަޖިލީސް މެންބަރަކާ ރައީސް ބައްދަލު ކުރެއްވުން -- ފޮޓޯ ޓްވިޓާ

ގދ. ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފި ކަމަށް ގދ. އަތޮޅު ތަމްސީލު ކުރައްވާ މަޖިލިސް މެންބަރުން ވިދާޅުވެއްޖެ އެވެ.

ގދ. އަތޮޅުގައި މިހާރު އޮޕަރޭޓުކުރާ ހަމައެކަނި އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވީ، ގދ. އަތޮޅު ތަމްސީލު ކުރައްވާ މަޖިލީސް ތިން މެންބަރަކާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީ އާއި މަޑަވެލި ދާއިރާގެ މެންބަރު ހުސެން ފިރުޝާން އާ އެކު ރައީސް ސޯލިހު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.

ރައީސް ސޯލިހާ އެކު ބޭއްވި ބައްދަލު ކުރެއްވުމުގެ ތަފްސީލު ދެއްވަމުން މެންބަރު ސަނީފް މިއަދު "ސަން" އަށް ވިދާޅުވީ ރައީސްގެ ވިސްނުންފުޅަކީ ކާޑޭއްދޫ އާއި ތިނަދޫ ގުޅާލާ، ކާޑެއްދޫ އެއާޕޮތު ތަރައްގީ ކުރުން ކަމަށެވެ.

"ރައީސް ވިދާޅުވީ މިހާރު ޕްރޮޕޯޒަލް އެއް ލިބިފައިވާ ކަމަށް. މިހާރު ކުރަމުންދަނީ އިތުރު އިންވެސްޓަރުންޝައުގުވެރިވޭތޯ ބެލުމުގެ މަސައްކަތް ކަމަށް. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި އަންނަ އަހަރުގެ ތެރޭގައި މިކަމުގެ އަމަލީ މަސައްކަތް ފެށޭނެ،" ސަނީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސްގެ ތަސައްވަރަކީ ވެރިކަމުގެ ދައުރު ނިމޭއިރު މަސައްކަތް ނިންމާ ރައްޔިތުންނަށް ހިދުމަތްދޭން ފެށުމެވެ.

ތިނަދު އާ ކާޑެއްދޫ ގުޅުވާލާއިރު އެދެމުދުގައި ފަޅުރަށްތަކަކާއި ދެ ކަނޑުއޮޅި އޮވެ އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ގއ. ވިލިނގިލީގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ ހުވަދޫ އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން ހުވަދޫ އަތޮޅުގައި އިންޓަނޭޝަނަލް ޕޯޓެއް ގާއިމްކޮށްދެއްވާނެ ކަމަށް ވެސް ރައީސް ސޯލިހު އޭރު ވަނީ ވިދާޅުވެފަ އެވެ.

ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމަކީ ކުރީގެ ރައީސް ޔާމީން ވެސް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވެލެއްވި ވައުދެކެވެ. އޭރު ޔާމީން ވިދާޅުވީ ކާޑެއްދޫ އެއާޕޯޓުގެ ރަންވޭ ބޮޑު ކުރުމަށް ކުރެވޭނެ ކަންތައް ވަޒީރުންގެ މަޖިލީހުން ބަލަމުން އަންނަ ކަމަށާއި ތިން އަހަރު ތެރޭ ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރެވޭނެ ކަމަށެވެ.

ގދ. އަތޮޅުގައި މިހާރު އޮޕަރޭޓު ކުރަނީ ކާޑެއްދޫ އެއާޕޯޓު އެކަނި ނަމަވެސް އެ އަތޮޅު މާވާރުލު އަދި ފަރެސްމާތޮޑާގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

comment ކޮމެންޓް