ޝާހިދުގެ ދަތުރުތަކާ ބެހޭގޮތުން ޖާބިރު ސުވާލުކުރައްވަނީ

ފޮރިން މިނިސްޓަރު ޝާހިދު، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްއާއެކު -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެއިން ބޭރުގެ އެކި ގައުމުތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުތަކާ ބެހޭގޮތުން ސުވާލުކުރެއްވުމަށް އެދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ޖާބިރު ފޮނުއްވި ސިޓީއެއްގައި ދަތުރުތަކާ ބެހޭގޮތުން ޝާހިދުއާ ކުރައްވަން ދެ ސުވާލެއް ހުށަހަޅުއްވާފައިވެއެވެ.

އޭގެ ތެރެއިން އެއް ސުވާލަކީ ފޮރިން މިނިސްޓަރު އަދި އެ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އެކުގައި ރާއްޖެއިން ބޭރަށް ކުރެއްވީ ކިތައް ދަތުރުތޯއެވެ. އަދި މިނިސްޓަރާއި ސްޓޭޓު މިނިސްޓަރު ދަތުރު ކުރަން ޖެހެނީ ކީއްވެގެންތޯއާއި އެހާ ގިނަ ދަތުރު މިނިސްޓަރާއި ސްޓޭޓް މިނިސްޓަރު އެކުގައި ކުރުމަކީ އެހެން ގައުމުތަކުގައި އާންމު ކަމެއްތޯވެސް ޖާބިރު ވަނީ އައްސަވާފައެވެ.

މީގެ އިތުރުން ދެ ބޭފުޅުންގެ ދަތުރުތަކުގައި ވަޑައިގަންނަވަނީ ފަސްޓް ކްލާހުގައިތޯވެސް ޖާބިރު ވަނީ އައްސަވާފައެވެ.

މީގެ އިތުރުން ޖާބިރު ވަނީ ފޮރިން މިނިސްޓަރު ޝާހިދުއާ ކުރައްވާ އިތުރު ސުވާލުތަކެއް، ދެވަނަ ސިޓީއެއްގައިވެސް ހުށަހަޅުއްވާފައެވެ. އެ ސިޓީގެ ފުރަތަމަ ސުވާލުތައް ކުރައްވާފައި ހުރީ ރާއްޖެ އދގެ އެއްވެސް މަގާމަކަށް ކުރިމަތިލައްވާފައި ވޭތޯއެވެ. އަދި އެހެން ނަމަ އެއީ ކޮން މަގާމެއްތޯއާއި، އެކަމުގެ ކެމްޕޭނަށް ކިތައް ގައުމަށް މިހާރު ވަޑައިގެންފައިވާނެތޯ އަދި އެކަމަށް މިހާތަނަށް ކިހާ ހޭދައެއް ކުރިއޯއާއި ހޮވިއްޖެނަމަ ކިހާ ހޭދައެއް އިތުރުވާންޖެހޭތޯ ޖާބިރު އައްސަވާފައިވެއެވެ.

އަދި ދިވެހި ސަރުކާރުގެ ސަފީރުންގެ ގޮތުގައި އެކި ގައުމުތަކަށް އައްޔަނުކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި އެހެން ގައުމެއްގެ ރައްޔިތުކަން އޮތް ބޭފުޅަކު ހިމެނޭތޯވެސް ޖާބިރު ވަނީ އައްސަވާފައެވެ.

ޖާބިރު ވަނީ މި ސުވާލުތައް ކުރުމަށް މިނިސްޓަރަށް ނޯޓިސް ފޮނުވައިދިނުމަށާއި ނޯޓިސްގެ މުއްދަތު ހަމަވުމާއެކު މަޖިލީހުގައި ސުވަލު ކުރެވޭނެ ގޮތުގެ މަތިން އެޖެންޑާކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދަންނަވާފައެވެ.

comment ކޮމެންޓް