އިންސްޓަގްރާމަށް މިފަހަރު އަންނަނީ ޓިކްޓޮކްގެ ފީޗާތައް!

އިންސްޓަގްރާމް އެޕްލިކޭޝަން ----

އެންމެންގެ މަގުބޫލުކަން ހޯދާފައިވާ ސޯޝަލް މީޑިއާ އެޕްލިކޭޝަން އިންސްޓަގްރާމަށް އަނެއްކާވެސް މުޅިން އާ ފީޗާއެއް އިތުރުކޮށް، ބައެއް ގައުމުތަކުގައި ޓެސްޓް ކުރަން ފަށައިފި އެވެ.

ޓެކް ހަބަރުތައް ގެނެސްދޭ ވެބްސައިޓްތައް ބުނާ ގޮތުގައި، އިންސްޓަގުރާމުން ޓެސްޓް ކުރަން ފެށި އާ ފީޗާތަކަކީ، އެކްޓުކުރުމަށް ފަހު ވީޑިއޯތައް ހިއްސާކުރެވޭ މަޝްހޫރު އެޕްލިކޭޝަން ޓިކްޓޮކްގެ އެޕްލިކޭޝަންގެ ނަކަލެކެވެ.

"ރީލްސް"ގެ ނަމުން ނަން ދީފައިވާ އެ ފީޗާއާ އެކު، 15 ސިކުންތުގެ ވީޑިއޯތައް ޝޫޓްކޮށް އެމީހެއްގެ އެކައުންޓްގެ ސްޓޯރީއަށް ލެވޭނެ އެވެ.

ބްރެޒިލްގައި މިހާރުވެސް އެ ފިޗާ ލިބެމުން އަންނައިރު ހުރިހާ އެންމެންނަށް އެ ފީޗާ ބޭނުންކުރެވޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ލަފާކުރެވޭ ގޮތުގައި ވަރަށް އަވަސް މުސްތަގްބަލެއްގައި ހުރިހާ ރީޖަންއެއްގައި ވެސް އެންޑްރޮއިޑް އަދި އައިއޯއެސްގެ ފޯނުތަކަށް މި ފީޗާ ދޫކޮށްލާނެ އެވެ.

ބިލިއަނަކަށް ވުރެ ގިނަ މީހުން ބޭނުންކުރާ އިންސްޓަގްރާމް 2010 ވަނަ އަހަރު ތައާރަފްކުރީ ހަމައެކަނި ފޮޓޯ ޝެއާ ކުރާ ޕްލެޓްފޯމެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް، މިފަހުން އެ އެޕްލިކޭޝަނަށް ވަނީ ސްޓޯރީ އާއި އެހެން ވެސް ވީޑިއޯ ހިއްސާކުރެވޭނެ ގިނަ ފީޗާތައް އިތުރުކޮށްފަ އެވެ.

comment ކޮމެންޓް