ރާއްޖޭގައި ބޭއްވޭ ކޮންމެ ރިޔާސީ އިންތިހާބަކީ އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ބައިވެރިވެވޭ އިންތިހާބަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވެ، އަވަސް އިންތިހާބަކަށް ދިއުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.
ޖާބިރު މިއަދު މަޖިލީހަށް ހުށަހެޅުއްވި ގަރާރު އަދި މަޖިލީހުގައި ތާވަލެއް ނުކުރެއެވެ. ޖާބިރުގެ ގަރާރުގައި ބުނެފައިވަނީ 2018 ވަނަ ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބަކީ ގާނޫނުއަސާސީއާ ހިލާފަށް ބޭއްވުނު ރިޔާސީ އިންތިހާބެއް ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ މަގާމަށް އިންތިހާބުވީވެސް ގާނޫނުއަސާސީއާ ހިލާފަށްކަމަށް ޖާބިރު ވިދާޅުވިއެވެ.
އެހެންކަމުން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގައި ހުރިހާ ސިޔާސީ ޕާޓީތަކަށް ވާދަކުރެވޭ މިނިވަން ރިޔާސީ އިންތިހާބެއް ވީހާވެސް އަވަހަށް ބޭއްވުމުގެ މަސައްކަތް މިހިނދުން މިހިނދަށް ފެށުމަށް ޖާބިރުގެ ގަރާރުގައި ވަނީ ގޮވާލާފައެވެ.
"އަވަސް މުއްދަތެއްގައި އަލުން ރިޔާސީ އިންތިހާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލާޒިމުކޮށް މި އިއްޒަތްތެރި މަޖިލީހުން ގަރާރެއް ފާސްކުރުމަށް ބާރުއެޅުމުގެ ގޮތުން މި ގަރާރު ހުށަހެޅީމެވެ." އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވެ އެވެ.
ޖާބިރަކީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެ ވަޑައިގަތުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އެހެންނަމަވެސް މިހާރަކަށް އައިސް ސަރުކާރަށާއި ރައީސް ސޯލިހަށް ޖާބިރު ދަނީ ފާޅުގައި ފާޑު ވިދާޅުވަމުންނެވެ. އަދި ރައީސް ސޯލިހުގެ އިސްތިއުފާއަށްވެސް ވަނީ ގޮވާލާފައެވެ.
މަޖިލިސް ގަވައިދުގެ 167 ވަނަ މާއްދާގައި ބުނެފައި ވަނީ މަޖިލީހުން ހަމައެކަނި ކަމަކާ ދޭތެރޭގައި ދެކޭގޮތް ހާމަކުރުމަށްޓަކައި މަޖިލީހަށް ގަރާރެއް ހުށަހެޅިދާނެ ކަމަށެވެ. އަދި ،މަޖިލީހުގެ ހިންގުމުގެ އުސޫލުތައް ބަޔާންކުރުމަށާއި އަދި އެ އުސޫލުތަކަށް ގެނެވޭ ބަދަލުތައް ފާސްކުރުމަށްވެސް ގަރާރެއް ހުށަހެޅިދާނެ ކަމަށް ގަވައިދުގައި ބުނެފައިވެއެވެ. ޖާބިރު ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިގަތުމަށް މަޖިލީހުގައި ވޯޓަކަށް އަހަންޖެހޭނެ އެވެ.