ޑައިވް ކުރާ މީހުން ޑީކޯވުން އިތުރުވެފައިވާތީ މަޖިލީހަށް ކުއްލި މައްސަލައެއް

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު: --- ފޮޓޯ: މަޖިލިސް

މަސްވެރިކަން ކުރުމަށް އެން ހޯދަން ޑައިވް ކުރާ މަސްވެރިން ޑީކޯވުން އިތުރުވަމުން އަންނާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންނަކީ މިހާރު ވެސް މަސްވެރިކަމުގައި ހަރަކާތްތެރިވާ ބަޔަކަށް ވާއިރު، މަސްވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މަސްދޯނި ފަހަރަށް ބޭނުންވާ މިންވަރާއި ގާތަށް ވެސް ރާއްޖެއިން އެން ނުލިބޭތީ ޑައިވް ކޮށްގެން އެން ހިފުމަށް ދިވެހި މަސްވެރިންނަށް މަޖުބޫރުވެފައިވާ ކަމަށެވެ.

އަދި އެގޮތުން އެން ހިފުމަށް ޑައިވް ކުރާ ފަރާތްތައް ޑީކޯ ވުމަކީ މިހާރު އާންމުކޮށް ކުރިމަތިވަމުން އަންނަ ނުރައްކާތެރި މައްސަލައަކަށް ވާއިރު، ޑީކޯވާ ފަރާތްތަކަށް ދޭން ޖެހޭ އަވަސް ފަރުވާ ދެވޭނެ އެއްވެސް ވަސީލަތެއް މަސްވެރި އަތޮޅުތަކުގައި ގާއިމުވެފައި ނެތުމުން ދިވެހި އެތައް މަސްވެރިންގެ ފުރާނަ ގެއްލި އަދި އެތައް ބަޔަކު ނުކުޅެދޭ ހާލަތަށް ވެއްޓި އެ ހިތްދަތިކަމުގައި އުޅެން ޖެހިފައިވާ ކަމަށެވެ.

އިއްޔެ ވެސް ހުވަދު އަތޮޅުގެ ދެ މަސްވެރިއަކު ޑީކޯވެގެން އަވަސް ފަރުވާއަށް އެމްއެންޑީއެފް ހެލިކޮޕަޓަރުގައި މާލެ ގެންނަން ވަނީ ޖެހިފަ އެވެ. ޖާބިރު ވިދާޅުވީ އިއްޔެ ޑީކޯވި އެކަކަށް ދޭންޖެހޭ އަވަސް ފަރުވާ ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ލިބެން ނެތުމުގެ ސަބަބުން އެމީހާގެ ހަށިގަނޑުގެ އެއްފަޅިން ވާގިނެތިފައިވާ ކަމަށެވެ.

އެހެންކަމުން މި މައްސަލައިގެ ސީރިއަސް ކަމާމެދު މަޖިލީހުގައި ފުޅާ ދާއިރާއެއްގައި ބަހުސްކޮށް، މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ޖާބިރު ވަނީ އެދިވަޑައިގެންފަ އެވެ.

ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ އަޣްލަބިއްޔަތުން ވަނީ ބަލައިގެންފަ އެވެ.

comment ކޮމެންޓް