"ޗާލީސް އޭންޖެލްސް" ބޮޑު ފްލޮޕަކަށް!

ޗާލީސް އޭންޖެލްސްގެ ރީބޫޓުގެ ޕޯސްޓަރެއް --- ފޮޓޯ : މެޝް ވައިރަލް

އަންހެން ލީޑުންތަކެއް އެކްޝަން ރޯލުން ފެނިގެން ގޮސްފައިވާ މަޝްހޫރު ފިލްމު "ޗާލީސް އޭންޖެލްސް" ރީބޫޓުކޮށް އަލަށް ނެރުނު ފިލްމު ބޮޑު ފްލޮޕަކަށް ވެއްޖެ އެވެ.

މިހާރު ހޮލީވުޑްގެ ބޮޑެތި މަޝްހޫރު ފަންނާނުންގެ ތެރޭގައި ހިމެނޭ ކްރިސްޓެން ސްޓުވާޓް އާއި ނެއޯމީ ސްކަޓް ލީޑް ރޯލުން ފެނިގެންދާ ޗާލީސް އޭންޖެލްސްގެ ރިލީޒްކޮށްފައި ވަނީ މިދިޔަ ހަފްތާ ބަންދުގަ އެވެ. ނަމަވެސް އުއްމީދުކުރި ނަތީޖާއެއް ފިލްމަށް ލިބޭގޮތް ވަނީ ނުވެފަ އެވެ.

މިދިޔަ ހަފްތާ ބަންދުގައި ޗާލީސް އޭންޖެލްސް އަށް އެމެރިކާއިން ލިބިފައި ވަނީ ހަމައެކަނި 8.6 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. ނަމަވެސް ބައިނަލްއަގުވާމީކޮށް އެ ފިލްމަށް ލިބިފައިވާ އަމްދަނީ އަދި އާންމުކޮށްފައެއް ނުވެ އެވެ.

ހަފްތާ ބަންދުގައި އެ ފިލްމާއެކު އިތުރު ދެ ފިލްމެއް އަޅުވާފައިވެ އެވެ. އެއީ "ފޯޑް ވާސަސް ފެރާރީ" އާއި "މިޑްވޭ"އެވެ. ބޮކްސް އޮފީހުގެ ޗާޓުގެ އެއްވަނާގައި މި ހަފްތާ ބަންދު އޮތީ ފޯޑް ވާސަސް ފެރާރީ އެވެ. އެ ފިލްމަށް ވަނީ ތިން ދުވަހުގެ ތެރޭގައި 31 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.

ޗާލީސް އޭންޖެލްސްގެ ރީބޫޓް ޑައިރެކްޓު ކޮށްފައި ވަނީ މަޝްހޫރު އެކްޓަރު އެލިޒަބެތު ބޭންކްސް އެވެ. ފިލްމު ފްލޮޕްވި ނަމަވެސް އެ ފިލްމާއި ކާސްޓާ މެދު ފަހުރުވެރިވާ ކަމަށް އޭނާ ބުންޏެވެ.

އެ ރީބޫޓުގެ އޮރިޖިނަލް ފިލްމަށްވެސް ކިޔަނީ "ޗާލީސް އޭންޖެލްސް"އެވެ. އެ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ޑްރޫ ބެރިމޯ އާއި ކެމެރަން ޑިއޭޒް އަދި ލޫސީ ލޫއެވެ. އޮރިޖިނަލް ފިލްމަށް ބޮކްސް އޮފީހުގައި ވަނީ 261 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.

comment ކޮމެންޓް