ކެމިކަލް ގުދަން އަޅަން އެސްޖޭއަށް ވުރެ އަގުހެޔޮކޮށް ބަޔަކު ހުށަހެޅިކަން ހާމަވެއްޖެ

އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ތިލަފުށީގައި އެޅި ކެމިކަލް ރައްކާކުރާ ގުދަން -- ފޮޓޯ/ އެސްޖޭ ކޮންސްޓްރަކްޝަން

ތިލަފުށީގައި ކެމިކަލް ގުދަން އެޅުމުގެ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރި އިރު، އެ ކުންފުނިން ހުށަހެޅި އަގަށްވުރެ ހަތަރު މިލިއަން ރުފިޔާ ހެޔޮ އަގެއް އެހެން ކުންފުންޏަކުން ހުށަހެޅިކަން ހާމަވެއްޖެ އެވެ.

މާލޭގައި ހުރި ކެމިކަލް ގުދަންތައް މާލެއިން ބޭރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެންގެވުމުން، އެ ގުދަންތައް ބަދަލުކުރަން ނިންމީ ތިލަފުއްޓަށެވެ. އެރަށް ބަލަހައްޓާ ޖީއެމްއައިޒެޑްއެލްއިން ފުރަތަމަ އެ މަސައްކަތް ބިޑު ނުކޮށް ބަޔަކާ ހަވާލުކޮށްފައި ވަނިކޮށް އޭސީސީން އެކަން ހުއްޓުވި އެވެ. އަދި ފަހުން ބިޑު ޕްރޮސެސްއަކަށް ފަހު ޖީއެމްއައިޒެޑްއެލް އިން އެ މަސައްކަތް ހަވާލުކުރީ އެއް ލައްކަ އަކަފޫޓު ބިމެއްގައި 60 ދުވަސް ތެރޭގައި ގުދަންތައް އަޅާއި ނިންމުމަށް އެސްޖޭ ކޮންސްޓްރަކްޝަނަށް، 9.5 މިލިއަން ރުފިޔާ އަށެވެ.

އެ މައްސަލައާ ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް މި މަހުގެ ހަ ވަނަ ދުވަހު ފޮނުވި ސިޓީއެއްގެ މައްސަލަ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން މިއަދު ބެލި އެވެ. "ސަން"އަށް ކޮޕީ ލިބިފައިވާ ސިޓީގައި އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ފާހަގަކުރައްވާފައި ވަނީ ބިޑު ނުކޮށް ގުދަން އަޅަން ހަވާލުކުރި މައްސަލަ ބަލަމުންދާ ކަމާއި، އެ މައްސަލާގައި ފާހަގަވެފައިވާ ކަންކަމެވެ.

އޭސީސީގެ ރައީސް ވިދާޅުވީ އާންމުކޮށް އިއުލާނުކޮށްގެން މަސައްކަތް ކުރިއަށް ގެންދަން ކޮމިޝަނުން ސެޕްޓެމްބަރު 30ގައި ޖީއެމްއައިޒެޑްއެލްއަށް އެންގި ނަމަވެސް ޓެންޑަރުކުރުމުގެ ހުރިހާ ކަމެއް ކުރާނެ ގޮތް ކަނޑައެޅީ އެންގުމާ ހިލާފަށް، އަދި ޑިރެކްޓަރުންގެ ބޯޑުގެ ގަރާރެއް ފާސްކޮށްގެން ކަމަށެވެ. އަދި ޖީއެމްއައިޒެޑްއެލްއިން މަސައްކަތަށް އިއުލާނުކުރީވެސް ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާ ހިލާފަށްކަން ފާހަގަވެފައިވާ ކަމަށެވެ.

ޕްރޮކިއުމަންޓް ޕޮލިސީގައި އޮންނަ ގޮތުން އެފަދަ އިއުލާނުތައް ކުރާނީ ވެބްސައިޓާއި ގެޒެޓު އަދި އެހެން މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށްކަން ބަޔާންކޮށްފައި އޮތް ނަމަވެސް އެ އިއުލާނުކުރީ ހަމައެކަނި ކުންފުނީގެ ވެބްސައިޓުގައި ކަމަށާއި، ބިޑު ހުށަހެޅުމަށް މަދުވެގެން ރަސްމީ 7-3 ދުވަހުގެ މުއްދަތެއް ދޭންޖެހޭ ނަމަވެސް އެކަމަށް ދިނީ އެންމެ ތިން ދުވަސްކަމަށް އޭސީސީން ފާހަގަކުރިއެވެ.

ބިޑު އިވެލުއޭޝަނުން އެއްވަނައަށް ދިޔަ އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި އަގަކީ 7.7 މިލިއަން ރުފިޔާ ނަމަވެސް އެއަށް ވުރެ ހެޔޮ އަގު ހުށަހެޅި ކުންފުންޏެއްވެސް އޮތްކަން އޭސީސީން ފާހަގަކުރިއެވެ. އެއީ އޭޖޭއީ ކޯޕަރޭޓް ޕްރައިވެޓް ލިމިޓެޑެވެ. އެކުންފުނިން ހުށަހެޅީ 3.4 މިލިއަން ރުފިޔާއެވެ.

އޭސީސީން ބުނީ ބިޑު އިވެލުއޭޝަން ޝީޓުގައި އޮތް ގޮތުން އެ މަސައްކަތް ކުރުމަށް އޭޖޭއީ ކޯޕަރޭޓް ޕްރައިވެޓް ލިމިޓެޑަށް ހަވާލުކުރުމަށް އިވެލުއޭޝަން ކޮމިޓީން އިރުޝާދު ދިން ނަމަވެސް، އޭގެ ހަތަރު މިލިއަން ރުފިޔާ އަގުބޮޑުކޮށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާކަން ތަހުގީގަށް އެނގޭ ކަމަށެވެ.

ޖީއެމްއައިޒެޑްއެލްގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ރަޝީދު މިއަދު "ސަން"އަށް ވިދާޅުވީ، އިވެލުއޭޝަން ކޮމިޓީގެ ނިންމުން ބަދަލު ކުރީ ބޯޑުން ކަމަށެވެ. އަދި އެއީ ކުންފުނީގެ މެނޭޖްމަންޓާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

"އަޅުގަނޑާއި މެނޭޖްމަންޓުން ނިންމާފައި ވާނީ ކޮމިޓީގެ ނިންމުމާ އެއްގޮތަށް އޭޖީއީއަށް ދިނުމަށް. ނަމަވެސް އެ ނިންމުމާ ދެކޮޅަށް އެސްޖޭއަށް ދިނުމަށް ނިންމީ ބޯޑުން،" އިބޫ ވިދާޅުވިއެވެ.

ކުންފުނީގެ ޗެއާމަން ސައުދުﷲ އަހްމަދު "ސަން"އަށް ވިދާޅުވީ ކުންފުނީގެ ބޯޑުން ގާނޫނާ ހިލާފަށްކޮށްފައި އޮތް އެއްވެސް ކަމެއް ނޯންނާނެކަމަށާއި ބޯޑުން މަސައްކަތް އެވޯޑުކުރީ ކޮމިޓީން އެންމެ ގިނަ މާކްސް ދިން ބަޔަކަށް ކަމަށެވެ.

"ވިނިން ޕާޓީއަކީ އެސްޖޭ ކޮންސްޓްރަކްންކަން ނިންމީ ކޮމިޓީން. ލިޔުމުން އެކަން އޮތް ފެންނަން. އަޅުގަނޑުމެން ބެލީ މެނޭޖްމަންޓުން އެކަން ކުރީ އުސޫލުތަކުގެ ތެރެއިންތޯ. ބެލި އިރު، ކޮމިޓީން ހާޒިރުކޮށް ސުވާލުކުރުމުން ކޮމިޓީން ބުނި، އެންމެ ގާބިލު ކުންފުންޏަކީ އެސްޖޭއޭ. މިކަން ނިންމޭނެކަމުގެ އިތުބާރެއް އޮތީވެސް އެސްޖޭއޭއިން ކަމަށް،" ސައުދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި، ކޮމިޓީން އެކަން ކޮށްފައި އޮތީ އުސޫލުތަކުގެ ތެރެއިން ކަމަށްވުމުން ބޮޑުން ނިންމީ ކޮމިޓީގެ ނިންމުމާ އެއްގޮތަށް އެސްޖޭ ކޮންސްޓްރަކްޝަނަށް މަސައްކަތް އެވޯޑުކުރަން ކަމަށެވެ.

އޭސީސީގެ ސިޓީގައި އެސްޖޭގެ އަގަކީ 7.7 ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެސްޖޭ ކޮންސްޓްރަކްޝްގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، އެ ކުންފުނިން ބިޑް މަރުހަލާގައި ހުށަހެޅީ 11.2 މިލިއަން ރުފިޔާއަށް މަސައްކަތް ކުރުމަށެވެ.

އޭނާ ވިދާޅުވީ، އެ ކުންފުންޏަށް ވުރެ އަގު ހެޔޮކޮށް ތިން ކުންފުންޏަކުން ބިޑަށް ހުށަހެޅި ކަމަށާއި ނަމަވެސް އެކުންފުނިތަކާ ވާދަކޮށް، އެސްޖީ ކުންފުނިން އެންމެ މަތިން މާކްސް ލިބި ބިޑް ކާމިޔާބު ކުރީ ކަމަށެވެ. ބިޑް ކާމިޔާބު ކުރުމަށް ހަމަ އެކަނި ބަލީ އަގު ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ކުންފުނީގެ ގާބިލު ކަމާއި ކުރިން މަސައްކަތްކޮށްފައިވާ ގޮތުގެ އިތުރަށް މުއްދަތަށް މަސައްކަތް ނިންމުމުގެ ގާބިލުކަން ހުންނަވަރު ބަލާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ބިޑް ކާމިޔާބު ކުރުމަށް ފަހު، ޖީއެމްއައިޒެޑްއެލް އިން އެ ކުންފުނީގެ ބަޖެޓަށް ނުފެތޭތީ އަގު ކުޑަ ކުރުމަށް އެދުނު ކަމަށާއި ފަހުން ދެކުންފުނީގެ މަޝްވަރާތަކަށް ފަހު 9.5 މިލިއަނަށް އަގު ކުޑަކޮށް މަސައްކަތް ކުރިއަށް ގެންދިޔުމަށް އެއްބަސްވީ ކަމަށެވެ.

މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީން މިއަދު ނިންމާފައި ވަނީ އެކަންތައްކާ ގުޅޭގޮތުން ކުންފުނީގެ ބޯޑު ބުދަ ދުވަހު ކޮމިޓީއަށް ހާޒިރުކޮށް ސާފުކުރަން ޖެހޭ ކަންކަން ސާފުކުރުމަށެވެ.

އޭސީސީން އަދިވެސް އެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، އެސްޖޭ ކޮންސްޓްރަކްޝަންއިން ވަނީ ގުދަންތައް އަޅައި ނިންމައި ގުދަންތައް ޖީއެމްއައިޒެޑްއެލްއާ މިހާރު ހަވާލުވެސްކޮށްފައެވެ. އެކުންފުނިން ގުދަންތައް ނިންމާފައިވަނީ 34 ދުވަސް ތެރޭގައެވެ. އަދި މިހާރު ގުދަންތައް މީހުންނާ ހަވާލު ކުރުމުގެ އެއްބަސްވުންތައްވެސް ދަނީ ހަދަމުންނެވެ.

comment ކޮމެންޓް