ފެނާއި ނަރުދަމާގެ ބިލެއް ރައީސް އޮފީހަށް ފޮނުވައިފި

ބަންޑާރަނައިބު އިބްރާހިމް ރިއްފަތު -- ސަން ފޮޓޯ/ އަޙްމަދު އަވްޝަން އިލްޔާސް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި، އެޓާނީ ޖެނެރަލްގެ އޮފީހުން ފެނާއި ނަރުދަމާގެ ބިލެއް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިއަދު ފޮނުވައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ފެނާއި ނަރުދަމާގެ ބިލް ޑްރާފްޓް ކޮށްފައިވާނީ މައިގަނޑު ހަތް މަގުސަދެއް ހާސިލް ކުރުމަށް ކަމަށެވެ.

ބިލުގެ މަގުސަދުތަކުގެ ތެރޭގައި ސިއްހީގޮތުން ރައްކާތެރި އަދި ބޭނުންކުރަން ކަމުދާ ސާފު ފެން ރައްޔިތުންނަށް ލިބިދޭކަން ކަށަވަރުކުރުމާއި، ލިބެންހުރި ފެނުގެ ވަސީލަތްތައް ބޭނުންކުރުމުގައި މިހާރުގެ ޖީލުތަކަށާއި، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެގޮތަށް އެ ވަސީލަތްތައް ރައްކާތެރިކުރުމާއި، ހިމާޔަތްކުރުމާއި، ތަރައްގީކުރުމާއި، އޭގެ މަންފާ ފުރިހަމައަށް ލިބިދެވޭނެ ގޮތްތަކެއް ކަނޑައަޅައި ތަންފީޒުކުރުން ހިމެނެއެވެ.

އަދި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށީގެންވާ މިންވަރެއްގެ ނަރުދަމާގެ ނިޒާމެއް ގާއިމުކޮށް، އެ ހިދުމަތް ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނެ ގޮތްތަކެއް ކަނޑައެޅުމާއި، އެކަން ކަށަވަރުކުރުން ވެސް ބިލުގައި ހިމަނާފައިވެއެވެ.

ދިވެހިރާއްޖޭގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކާއި ތަންތަނާއި ސިނާއީ މަސައްކަތްކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައާއި ތަންތަނުގައި އެތަނަކާ އެކަށީގެންވާ ގޮތެއްގައި ފެނާއި ނަރުދަމާގެ ހިދުމަތްތައް ލިބިދެވޭކަން ކަށަވަރުކުރުމާއި ފެނާއި ނަރުދަމާގެ ހިދުމަތާއި، އެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ރެގިއުލޭޓުކޮށް ބެލެހެއްޓުމާއި، ފެނާއި ނަރުދަމާގެ ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޒިންމާތައް ކަނޑައެޅުން ވެސް ހިމެނެއެވެ.

ފެނުގެ ވަސީލަތްތަކަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ހުއްޓުވުމަށް ނުވަތަ ކުޑަކުރުމަށް، ދުރު ރާސްތާގެ ޕްލޭނެއް އެކުލަވާލައި އޭގެ ދަށުން މަސައްކަތްކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ބާރުއެޅުމާއި
ފެނާއި ނަރުދަމާގެ ނިޒާމުތަކަށް ގަސްދުގައި ދޭ ގެއްލުމުގެ ސަބަބުން ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމު ހިންގާ ބެލެހެއްޓުމުގައި އިހުމާލުވުމުގެ ސަބަބުން ގެއްލުމާ ގުޅިގެން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރަންވެސް ބިލުގައި ވަނީ ހިމަނާފައެވެ.

comment ކޮމެންޓް