ގަޑިއަށް ފުރުމުން މަންޓާ އަށް 94 ޕަސެންޓް ހާސިލް ކުރެވިއްޖެ

މަންޓާ އެއާގެ ސީއީއޯ ހަލީލް -- ސަންފޮޓޯ: އަހުމަދު އައުޝަން އިލްޔާސް

ފްލައިޓު ޑިލޭ ނުވެ، ގަޑިއަށް ފުރުމުން މަންޓާ އެއާ އަށް 94 ޕަސެންޓް ހާސިލްކުރެވިއްޖެ ކަމަށް އެކުންފުނީގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވެއްޖެއެވެ.

މަންޓާ އެއާގެ ސީޕްލޭން ހިދުމަތް ފެށުމަށާއި ސީޕްލޭން ލައުންޖު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވީ ފާއިތުވި ހަފްތާގައި އެ އެއަލައިން އަށް ބޮޑު ކާމިޔާބީ އެއް ހާސިލް ކުރެވިއްޖެ ކަމަށާއި އެއީ އެތެރޭގެ އުދުހުންތަކުގައި ގަޑިއަށް ފްލައިޓު ފުރުމުން 94 ޕަސެންޓް ހާސިލް ކުރެވުން ކަމަށެވެ.

މަންތާ އެއާގެ އެއާކްރާފްޓެއް --- ފޮޓޯ/ މަންތާ އެއާ

އެންމެ ރަންވޭ އަކާއެކި އިންޓަނެޝަނަލް އަދި ޑޮމެސްޓިކް ދަތުރުތައް ކުރާއިރު މިއީ ބޮޑު ކާމިޔާބީއެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މަންޓާ އެއާ ފަށައިގަންނަން ކުރި މަސައްކަތުގެ ތެރެއިންވެސް ލިބުނު ކޮމެންޓެއް އެއީ ފްލައިޓު ގަޑިއަށް ފުރުމުން 80 ޕަސެންޓުވެސް ހާސިލް ކުރުމަކީ އުނދަގޫ ކަމެއް ކަމަށް. އެކަމަކު އެންމެ ރަންވޭ އެއް ބޭނުންކުރާއިރުވެސް މަންޓާ އިން މިވަނީ މި ކާމިޔާބީ ހޯދާފައި،" ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ މި ކާމިޔާބީ އަކީ އެމްއޭސީއެލް އާއި އެއާލައިންގެ މުވައްޒަފުންގެ އެއްބާރުލުމާއެކު ލިބުނު ކާމިޔާބީ އެއް ކަމަށެވެ.

މަންޓާ އެއާއިން ރާއްޖޭގައި ވައިގެ ދަތުރުގެ ހިދުމަތް ދޭންފެށިތާ އަށް މަސްވެފައިވާއިރު ދ. ކުޑަހުވަދޫގައި ހިންގާ ދާލު އެއާޕޯޓަށާއި ބ. ދަރަވަންދޫ އެއާޕޯޓަށް އެ އެއާލައިނުގެ ދަތުރުތައް ކުރެ އެވެ. އެ އެއާލައިނުގެ ސީޕްލޭން ދަތުރުތައްވެސް ފުރަތަމަ ފަށާނީ މި ދެއަތޮޅުގެ ރިސޯޓުތަކަށެވެ.

comment ކޮމެންޓް