ލައުންޖު ހުޅުވައި މަންޓާ އެއާގެ ސީޕްލޭން ދަތުރުތައް ފަށައިފި

މަންޓާ އެއާގެ ސީޕްލޭން ދަތުރުތައް ފެށުން -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

މަންޓާ އެއާ އިން ސީޕްލޭން ދަތުރުތައް ފަށައިފި އެވެ.

އެ އެއާލައިންގެ ސީޕްލޭން ލައުންޖު ހުޅުވުމަށާއި، ސީޕްލޭން ދަތުރުތައް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހިދުމަތް ފައްޓަވައިދެއްވީ އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ވެރިންނާއި މަންޓާ އެއާގެ ވެރިން އަދި ސީޕްލޭން ހިދުމަތުގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ ސީޕްލޭން ހިދުމަތާއެކު އެ އެއާލައިންއަށް ބޮޑު ކާމިޔާބީއެއް ހާސިލް ކުރެވިއްޖެ ކަމަށެވެ.

"މިކަމުގައި އަޅުގަނޑުމެންގެ ސްޓާފުންނާއި އެމްއޭސީއެލްގެ ފަރާތުން ވަރަށް ބޮޑު އެހީއެެއްލ ިބިގެން މިކަން ހާސިލްވީ،" ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ މަންޓާ އެއާއިން ސީޕްލޭން ހިދުމަތް ފެށުމަށް ސީޕްލޭން ޓާމިނަލް އެޅުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށްވެސް އެމްއޭސީއެލް އިން ބޮޑު އެހީއެއް ދިން ކަމަށެވެ.

މަންޓާ އެއާއިން ސީޕްލޭން ދަތުރުތައް ފެށުމާއެކު އެ އެއާލައިން ވެގެންދާނީ ރާއްޖޭގައި ސީޕްލޭންގެ ހިދުމަތްދޭ ތިންވަނަ ކުންފުންޏަށެވެ. މިހާރު ރާއްޖޭގައި ސީޕްލޭންގެ ހިދުމަތްދެނީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓާއެކު ޓީއެމްއޭ އަދި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިންނެވެ.

މަންޓާ އެއާ އިން ވަނީ ސީޕްލޭން ދަތުރުތައް ފެށުމަށް ހަތަރު ފްލައިޓުގެނެސްފައެވެ. ސީޕްލޭން ހިދުމަތަށް ޖުމްލަ 10 ފްލައިޓު ގެންނާނެ ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ.

މަންޓާގެ ސީޕްލޭން ތަކަކީ ގާމިން ޖީ950 އެންއެކްސްއައި ނެކްސްޓް ޖެނެރޭޝަން ފްލައިޓް ޑެކް ޓެކްނޮލަޖީއާއެކު ވެދާ ރާޑަރެއް ހިމެނޭ ފްލައިޓެކެވެ. މި ފްލައިޓުތަކަކީ އާންމުކޮށް ބޭނުންކުރާ ސީޕްލޭންތަކަށްވުރެ ލުއި، ފަސިންޖަރުންނަށް ފަސޭހަވާނެ ފްލައިޓުތަކެއް ކަމަށް މަންޓާ އިން ބުންޏެވެ.

ސީޕްލޭން ދަތުރުތައް ފުރަތަނަ ފަށާނީ މަންޓާއިން ދަތުރުކުރާ އެއާޕޯޓުތަކާ ކައިރީ އޮންނަ ރިސޯޓުތަކަށެވެ. މަންޓާ އެއާއިން ރާއްޖޭގައި ވައިގެ ދަތުރުގެ ހިދުމަތް ދޭންފެށިތާ ހަތް މަސްވެފައިވާއިރު ދ. ކުޑަހުވަދޫގައި ހިންގާ ދާލު އެއާޕޯޓަށާއި ބ. ދަރަވަންދޫ އެއާޕޯޓަށް އެ އެއާލައިނުގެ ދަތުރުތައް ކުރެ އެވެ. އެވެ.

comment ކޮމެންޓް