މަރަދޫ ބޭރުތޮށި ލުމުގެ މަސައްކަތް ފަށައިފި

ސ. މަރަދޫ ބޭރު ތޮށި ހެދުމުގެ މަސައްކަތް އިފްތިތާހު ކުރުން--- ފޮޓޯ: އެމްޓީސީސީ

އައްޑޫ ސިޓީ މަރަދޫގެ ބޭރު ތޮށި ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް އިފްތިތާހުކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހުއެވެ.

މި މަޝްރޫއުގެ ދަށުން މަރަދޫ ބޭރު ތޮށީގެ ބަނދަރު ފަޅީގައި 276 މީޓަރަށް އެލް ބްލޮކް ޖައްސައި، އަދި މޫދާވީ ފަރާތަށް 340 މީޓަރަށް ބޮޑު ހިލަ ޖަހާނެ އެވެ. މީގެ އިތުރުން އެއްގަމު ތޮށިން ބޭރު ތޮށްޓަށް އެރުމަށް 140 މީޓަރުގެ ފާލަމެއް އެޅުމަށް ނިންމާފައިވާ އިރު ބޭރުތޮށީގައި ގާއެތުރުމާ އެކު ބަނދަރު ބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށާއި އެކަމަށް ޓަކައި ސަރުކާރަށް، ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އެމްޓީސީސީ އިން މިހާރު ވެސް އައްޑޫ ސިޓީގައި ހަތް މަޝްރޫއެއްގެ މަސައްކަތްކުރުމަށް ވަނީ ހަވާލުވެފަ އެވެ. އޭގެ ތެރޭގައި ބަނދަރު ހެދުމުގެ ތިން މަޝްރު އާއި މަގު ހެދުމުގެ އެއް މަޝްރޫއާއި ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ހެދުމުގެ ދެ މަޝްރޫއާއި އަދި ނަރުދަމާގެ އެއް މަޝްރޫއު ހިމެނެ އެވެ.

އެ މަޝްރޫޢުތަކުގެ ޖުމްލަ އަގު ގާތްގަނޑަކަށް 328 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

އެމްޓީސީސީ އިން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން، މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ޢަމަލީ މަސައްކަތް ފަށާފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހު އެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރު އިތުރަށް 57،996 ކިއުބިކް މީޓަރަށް ބޮޑުކުރުމުގެ މަސައްކަތް ކުރަން ވަނީ ހަމަޖެހިފަ އެވެ. މިމަސައްކަތު ދަށުން 115 މީޓަރުގެ ބޭރު ތޮށިލުމާއި، 208 މީޓަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ކުރާނެ އެވެ. މި މަޝްރޫޢުގެ 12 މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.

ދެން އެކުންފުނިން އައްޑޫގައި ކުރިއަށް ގެންދާ އަނެއް މަޝްރޫއަކީ މަރަދޫ ބަނދަރުގެ ބޭރުތޮށިލުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތެވެ. މިމަހުގެ ތިން ވަނަ ދުވަހު ފެށި މިމަޝްރޫޢުގެ ދަށުން 18،883 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، 276 މީޓަރުގެ އެއްގަމު ތޮށި ލުމާއި، އަދި 340 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެ އެވެ.

މީގެ އިތުުރުން ހުޅުމީދޫ މިފްކޯ ބަނދަރު ހެދުމުގެ މަސައްކަތް ވެސް އެމްޓީސީސީ އިން ދަނީ ކުރަމުންނެވެ. މިދިޔަ މަހުގެ 30 ވަނަ ދުވަހު އެކުންފުންޏާ ހަވާލުކުރި މި މަޝްރޫޢުގެ ދަށުން 97 މީޓަރުގެ ޝީޓް ޕައިލް ޖެހުމާއި ކެޕިންގްގެ މަސައްކަތް އަދި ބަނދަރަށް ބޭނުންވާ ބޮލާޑް ހަރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީ އިން ބުންޏެވެ. އަދި 471،000 ކިއުބިކް މީޓަރުގެ ވެލި ކޮނެގެން ނެގުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް