ނައިފަރުގައި ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދަން އަލުން އިއުލާނުކޮށްފި

ޅ. ނައިފަރު -- ސަން ފޮޓޯ: އަހުމަދު ހަސަން

ޅ. ނައިފަރުގައި އަޅަން ނިންމާފައިވާ 100 ހައުސިން ޔުނިޓުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީ އިން ބުރާސްފަތު ދުވަހު ކުރި އިއުލާނުގައި ބުނީ ހައުސިން މިނިސްޓްރީގެ އެދުމުގެ މަތިން ޅ. ނައިފަރުގައި އަޅާ 100 ހައުސިން ޔުނިޓުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑު އުސޫލުން ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކުރާ ކަމަށެވެ.

މި މަސައްކަތަށް ބިޑުކުރުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް ވަނީ ހުޅުވާލަައިފައެވެ. ބީލަމުގައި ބައިވެރިވުމަށް 100 ޑޮލަރު (1،500 ރުފިޔާ) ގެ ނަން ރިފަންޑަބްލް ފީ އެއް ދައްކަންޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ ގޮތުގައި އެއްލައްކަ ޑޮލަރު ނުވަތަ އެއާ އެއް އަދަދަކަށް ދިވެހި ފައިސާ ހުށަހަޅަން ޖެހެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުއެވެ.

ނައިފަތުގައި ހައުސިން ޔުނިޓު އެޅުމަސް މީގެ ކުރިންވެސް އިއުލާނު ކުރިއެވެ. އެ މަސައްކަތް ހަވާލު ކުރީ ޑަބްލިއު އެންޑް އޭ އޯވަސީސް ޕްރައިވެޓް ލިމިޓެޑާއެވެ. ނަމަވެސް އެ ކުންފުންޏާ ހައުސިން މިނިސްޓްރީ އާދެމެދު ވެފައިވާ އެއްބަސްވުން ވަނީ ބާތިލު ކޮށްފައެވެ.

އެ ކަމާ ގުޅޭގޮތުން އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނީ އެ އެއްބަސްވުމަކީ ޣައިރު ގާނޫނީ ގޮތަކަށް އަމަލުކުރަންޖެހޭ އެއްބަސްވުމެއްކަމަށްވާތީ އެ އެއްބަސްވުން ބާތިލުކޮށް މަޝްރޫއުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށްޓަކައި އަލުން ބީލަމަށް ހުޅުވާލުމަށް ހައުސިން މިނިސްޓްރީއަށް ލަފާދީފައިވާ ކަމަށެވެ.

އެ މަޝްރޫއުއަކީ ބީލަމުގެ އުސޫލުން އިއުލާނުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެއް ކަމަށްވާއިރު، އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ޝަރުތެއްގެ ގޮތުން މަސައްކަތަށް ކުރިމަތިލާ ކޮންޓްރެކްޓަރަކީ "ނެޝަނަލް ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީ"ގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށްވާންޖެހޭނެ ކަމަށް ބިޑް ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވެއެވެ.

ޑަބްލިއު އެންޑް އޭއަށް ދޫކޮށްފައިވާ ރަޖިސްޓްރީ 20 އޮގަސްޓް 2019ގައި ޕްލޭނިން މިނިސްޓްރީއިން ވަނީ ބާތިލުކޮށްފަ އެވެ. އެހެންކަމުން، އެ ކުންފުނީގެ ޝަރުތުހަމަ ނުވާތީ ހައުސިން މިނިސްޓްރީއިން އެކަމުގައި އޭޖީގެ ލަފަޔަކަށް އެދުނީ އެވެ.

އޭޖީއިިން ދިން ލަފާގައި ބުނީ، ޑަބްލިއު އެންޑް އޭގެ ރަޖިސްޓްރީ ބާތިލުކޮށްފައިވާތީ އެ ކުންފުންޏާ އެކު ހަދާފައިވާ އެއްބަސްވުމަކީ ޣައިރު ގާނޫނީ ގޮތަކަށް އަމަލު ކުރަން ޖެހޭ އެއްބަސްވުމެއް ކަމަށެވެ. އެހެންކަމުން، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ބީލަމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އަލުން ބީލަމަށް ހުޅުވާލައިގެން މަޝްރޫއު ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމަށް ހައުސިން މިނިސްޓްރީއަށް އެ އޮފީހުން ލަފާ ދިނެވެ.

ޕްލޭނިން މިނިސްޓްރީއިން ޑަބްލިއު އެންޑް އޭގެ ރަޖިސްޓްރީ ބާތިލުކޮށްފައި ވަނީ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ރަޖިސްޓްރީވުމަށްޓަކައި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާތީ ކަމަށް ބުނެއެވެ. އެ ކުންފުނި ރަޖިސްޓްރީކުރެވިފައިވަނީވެސް އެ ލިޔެކިޔުންތައް ފުރިހަމަވެފައި ނެތީސް ކަމަށް ޕްލޭނިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ނައިފަރުގައި 100 ހައުސިން ޔުނިޓު އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައިވެސް ވަނީ ހިމަނައިފައެވެ. އެކަމަށް 42.8 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

comment ކޮމެންޓް