1300 އަށް ވުރެ ގިނަ ވެހިކަލްގައި ސްޓިކާ ޖަހައިފި

ޕާކިން ޒޯނެއްގައި ސައިކަލުތަކެއް ޕާކު ކޮށްފައި: ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވި ހަފްތާގައި 1300 އަށް ވުރެ ގިނަ އެއްގަމު އުޅަނދުގައި ސްޓިކާ ޖަހައިފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ޓްރެފިކް މެނޭޖުމެންޓު ޑިޕާޓުމެންޓުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި 1382 އެއްގަމު އުޅަނދުގައި ވަނީ ސްޓިކާ ޖަހައިފައެވެ.

މިދިޔަ ހަފްތާގެ ތެރޭގައި 655 ވެލިކަލެއް ޗެކުކޮށް 52 އުޅަނދެއް ޓޯކޮށްފައިވާކަމަށްވެސް ފުލުހުންގެ ތަފާސް ހިސާބުތައް ދައްކައެވެ.

ޓްރެފިކް މެނޭޖުމެންޓު ޑިޕާޓުމެންޓުން އޭގެ ކުރިން ހަފްތާ އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އެ ހަފްތާގެ ތެރޭގައި ޕާކިންގަވައިދާ ހިލާފަށް ކާޕުކޮށްފައިވާ 753 ވެހިކަލެއްގައި ވަނީ ސްޓިކާ ޖަހައިފަ އެވެ. މި މުއްދަތުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައިވާ 30 އުޅަނދެއް ފުލުހުން ވަނީ ޓޯ ކޮށްފަ އެވެ.

މިދިޔަ ހަފްތާ 43 އެކްސިޑެންޓު ހިނގާފައިވާއިރު އެކްސިޑެންޓު ތަކުގައި 12 މީހަކަށް ވަނީ އަނިޔާވެފައެވެ. އެކްސިޑެންޓުތަކާ ގުޅިގެން ހަތް މީހެއްގެ ލައިސަންސް ހިފަހައްޓާފައިވާކަމަށްވެސް ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކައެވެ. އޭގެ ކުރިން ހަފްތާ 38 އެކްސިޑެންޓު ހިނގި އިރު އެއްވެސް މީހެއްގެ ލައިސެންސް ހިފަހައްޓައިފައެއް ނުވެއެވެ.

ފުލުހުން ބުނީ މިދިޔަ ހަފްތާގައި އަތުގައި ލައިސަންސް ނެތި އުޅަނދު ދުއްވި 40 މައްސަލައެއް ފާހަގަވެފައިވާ ކަމަށާއި އަދި ލައިސަންސް ނޯންނަ މީހުން އުޅަނދު ދުއްވި 67 މައްސަލައެއްވެސް ފާހަގަވިކަމަށެވެ.

ހެލްމެޓާ ގުޅުންހުރި 12 މައްސަލައެއް މި މުއްދަތުގައި ފާހަގަވި ކަމަށާއި ފޯނުގައި އިނދެގެން ނުވަތަ ހެޑްފޯނު އަޅައިގެން އިނދެ އުޅަނދު ދުއްވި 23 މައްސަލައެއްވެސް ފާހަގަވިކަމަށް ފުލުހުން ބުންޏެވެ.

އޭގެ ކުރީ ހަފްތާ ލައިސަންސް ނެތް މީހުން އެއްގަމު އުޅަނދު ދުއްވި 77 މައްސަލައެއް ވަނީ ފާހަގަ ކުރެވިފައެވެ.

ޓްރެފިކް ގަވައިދާ ހިލާފުވި 31 މައްސަލައެއް މިދިޔަ ހަފްތާ ފާހަގަވެފައިވާއިރު ގަވައިދާ ހިލާފަށް ޓެކްސީ ކުރި ދެ މައްސަލައެއްވެސް ވަނީ ފާއިތުވި ހަފްތާގައި ފާހަގަވެފައެވެ.

comment ކޮމެންޓް