ބަލި ގަބޫލުކުރެއްވުމަށްފަހު ޔޫއެންޕީގެ ޑެޕިއުޓީ ލީޑަރުކަމުން ސަޖިތު އިސްތިއުފާދެއްވައިފި

(ކ-ވ) ސަޖިތު ޕްރޭމަދާސަ އަދި ގޯޓާބަޔަ ރާޖަޕަކްސަ ---

އިއްޔެ ސްރީލަންކާގައި ބޭއްވި ރިޔާސީ އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވި ޔޫއެންޕީގެ ކެންޑިޑޭޓު ސަޖިތު ޕްރޭމަދާސަ ބަލި ގަބޫލުކުރެއްވިކަން އިއުލާނުކުރައްވައިފިއެވެ.

ސަޖިތު ވަނީ އޭނާގެ ޕާޓީ، ޔުނައިޓެޑް ނޭޝަނަލް ޕާޓީގައި އަދާކުރައްވަމުން ގެންދަވާ ޑެޕިއުޓީ ލީޑަރުކަމުންވެސް އިސްތިއުފާދެއްވާފައެވެ.

ލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ ސަޖިތުއާ ވާދަކުރައްވައި، ކުރީގެ ޑިފެންސް ސެކްރެޓަރީ އަދި ޕޮޑުޖަނަ ޕާޓީގެ ކެންޑިޑޭޓު ގޯޓާބަޔަ ރާޖަޕަކްސައެވެ. ގޯޓާބަޔަ އިންތިހާބު ކާމިޔާބުކުރެއްވިކަން ކަށަވަރުވެފައިވާ އިރު، މިވަގުތު އޭނާގެ ވޯޓު ކައުންޓް އުޅެނީ 4.1 މިލިއަނުގައެވެ. ސަޖިތުއަށް ލިބިވަޑައިގަތީ 3.5 މިލިއަނެވެ. މިއާއެކު ގޯޓާބަޔައަށް އިންތިހާބުން 50.8 ޕަސަންޓު ވޯޓު ވަނީ ލިބިވަޑައިގެންފައެވެ.

ސަޖިތު ޕްރޭމަދާސަ ވަނީ ގޯޓާބަޔައަށް މަރުހަބާ ވިދާޅުވެފައެވެ.

https://sun.mv/127390

ސަޖިތު ވަނީ، ސްރީލަންކާގެ ހަތްވަނަ ރައީސްކަމުގެ ހުވާ ކުރައްވާ ރާޖަޕަކްސަ މަގާމާ ހަވާލުވެވަޑައިގަންނަވާ އިރު، އެކަމަށް މަގު ފަހިކޮށްދިން ޑިމޮކްރެޓިކް އަސާސުތަކާއި މުއައްސަސާތައް ބާރުވެރިކޮށް އަދި ރައްކާތެރިކޮށްދެއްވާނެކަމަށް އިލްތިމާސްކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އަދި ސްރީލަންކާގެ އެއްވެސް ރައްޔިތެއް، ނުވަތަ ސަޖިތު ނިސްބަތްވާ ޕާޓީއާއި ކޯލިޝަނުގެ ސަޕޯޓަރަކު ކެމްޕޭނުގައި ކުޅުނު ރޯލުތަކާ ގުޅިގެން ފިޔަވަޅު ނޭޅުއްވުމަށްވެސް ސަޖިތު ވަނީ ގޯޓާބަޔަ ރާޖަޕަކްސަގެ ކިބައިން އެދިވަޑައިގެންފައެވެ.

comment ކޮމެންޓް