ގެސްޓުހައުސެއް އެޅޭތޯ ބަލާ، ޖީބަށް ޑޮލަރު ވައްދައިދޭނަން: މިނިސްޓަރު އަލީ

އަލީވަހީދު: ރަށް ރަށުގައި ގެސްޓު ހައުސްތައް އެޅުމަށް އޭނާ ވަނީ ގޮވާލާފައި -- ސަން ފޮޓޯ: މުޒައްޔިން ނާޒިމް

އާންމު ރައްޔިތު މީހާ މުއްސަނދި ކޮށްދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު ވިޝަނެއް ކަމަށާއި އެގޮތުން ރަށްތަކުގައި ގެސްޓްހައުސްތައް އެޅުމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ގޮވާލައްވައިފިއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ފަތުރުވެރިކަން ކުރިއެރުވުމަށް ލުއި ލޯނުތައް ދޫކުރުމަކީ މި ސަރުކާރުން އިސްކަން ދޭ ކަމެއް ކަމަށާއި އޭގެ ނަތީޖާވެސް ފެންނަ ކަމަށެވެ.

އެގޮތުން އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި ގިނަ ފަރާތްތަކަކުން ގެސްޓުހައުސް އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ދެން ތިބި ރައްޔިތުންވެސް ގެސްޓުހައުސްއެއް އެޅޭތޯ ހަމަ މަސައްކަތް ފަށާށޭ. އަޅުގަނޑުމެންގެ ސަރުކާރުން ގެސްޓުން ގެނެސްދޭނަމޭ. ޑޮލަރު ޖީބަށް ވެއްދޭ ވަރަށް މި ވަސީލަތްތައް ގާއިމު ކޮށްދޭނަން،" އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގެ ޓުއަރިޒަމް ފުޅާކުރުމުގެ ގޮތުން "ހަލާލު" ޓުއަރިޒަމް ފެށުމަކީވެސް މި ސަރުކާރުގެ ވިސްނުމެއްކަން އަލީ ވަހީދު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ސަތޭކެ ޕަސެންޓް މުސްލިމް ގައުމެއްގެ ޔުނިކް އައިޑެންޓިޓީތައް އެމްޕަވަރ ކުރުމަކީވެސް މި ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.

"ރާއްޖޭގެ ލޯކަލް ޓުއަރިޒަމް ތެރޭގައި އަޅުގަނޑުމެނަށް ފާހަގަވޭ އަރަބި އިސްލާމު ގައުމުތަކުން އެބައާދޭ މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރަލާއި އޫރުމަސް ވިއްކަން ނެތީމަ އެ ސަބަބުތަކަށްޓަކައި،" އަލީ ވަހީދު ވިދާޅުވިއެވެ.

މި އަހަރު ރާއްޖެ ގެނައުމަށް އަމާޒުކުރި އަދަދަށް ފަތުރުވެރިން ގެނެވުނު ނަމަވެސް އަދިވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މި ސަރުކާރުގެ ފަސް އަހަރު ތެރޭގައި 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަކީ އަމާޒަކަށްވާއިރު އެ އަމާޒަށް ވީ އެންމެ އަވަހަށް ވާސިލުވާން ބޭނުންކަން އަލީ ވަހީދު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް