ޕާކިސްތާން އެކްޓަރު ހަމްޒާ، ދީން ފެތުރުމަށްޓަކައި ފިލްމީ ދާއިރާ ދޫކޮށްލައިފި

ހަމްޒާ އަލީ އައްބާސީ --

އިސްލާމް ދީން ފެތުރުމަށްޓަކައި، ޕާކިސްތާނުގެ ކާމިޔާބު އެކްޓަރު ހަމްޒާ އަލީ އައްބާސީ، ފިލްމީ ދާއިރާ ދޫކޮށްލައިފި އެވެ.

ހަމްޒާ ވަނީ އޮކްޓޫބަރު ފަހުކޮޅު ވަރަށް ބޮޑުކަމެއް އިއުލާނު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އެއަށް ފަހު މިދިޔަ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޭނާ އާންމު ކުރި ވީޑިއޯއެއްގައި ވަނީ އޭނާ ފިލްމު ކުޅުން ހުއްޓާލައި، ފިލްމީ ދާއިރާ ދޫކޮށްލާފައިވާކަން ހާމަކޮށްފަ އެވެ.

ހަމްޒާ ބުނީ އޭނާ ދެން މަސައްކަތް ކުރާނީ އިސްލާމްދީން ފެތުރުމާއި، ދީނާ ގުޅޭ މައުލޫމާތު މީހުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެއްވެސް ކަހަލަ ފިލްމެއް ނުވަތަ ޑޮކިއުމެންޓްރީއެއް އުފައްދާ ނަމަ އުފައްދާނީ ވެސް އިސްލާމް ދީނާ ގުޅޭ ގޮތުން ކަމަށެވެ.

ވީޑިއޯ ފެށުމުގެ ގޮތުން ހަމްޒާ ބުނެފައި ވަނީ މިއީ އޭނާގެ ދިރިއުޅުމުގައި މިހާތަނަށް ނިންމި އެންމެ ބޮޑު ނިންމުން ކަމަށެވެ.

ހަމްޒާ އަކީ މީގެކުރިން ދީން ގަބޫލު ނުކުރާ މީހެކެވެ. އޭނާ ވަނީ ދީން ގަބޫލު ނުކުރާ މީހެއްގެ ގޮތުގައި އުޅުމަށް ފަހު އިސްލާމީ ހިދާޔަތު ލިބި އިސްލާމް ދީން ގަބޫލުކުރި ގޮތް ވެސް 23 މިނެޓުގެ ވީޑިއޯގައި ކިޔައިދީފަ އެވެ.

ހަމްޒާ އަކީ ޕާކިސްތާނުގައި ވަރަށް މަޝްހޫރު ފަންނާނެކެވެ. ގިނަ ފިލްމުތަކެއް ކުޅެ ގިނަ އެވޯޑުތަކެއް ވެސް ހަމްޒާ ވަނީ ހޯދައިފަ އެވެ. ނަމަވެސް ގޭގައި ކަބަޑަކަށް ލާފައި ހުރި އެވޯޑުތަކަކީ އެއްވެސް އަގެއް ނެތް އެއްޗެއް ކަން މިހާރު ވިސްނިފައިވާ ކަމަށާއި، އެހެންކަމުން ދުނިޔަވީ އުފާ ހޯދުން ހުއްޓާލައި ދެން މަސައްކަތް ކުރާނީ އާޚިރަތް ކާމިޔާބު ކުރުމަށް ކަމަށް ހަމްޒާ ބުންޏެވެ.

"އަހަރެން ބޭނުންވަނީ އާޚިރަތް ދުވަހުން ކާމިޔާބު ވާން. ދުނިޔެމަތީގައި މާނައެއް ނެތް ކާމިޔާބީތަކެއް ބޭނުމެއް ނޫން." ހަމްޒާ ބުންޏެވެ.

ވަރަށް ފަހުން ކައިވެންޏެއް ކުރި ހަމްޒާ ބުނީ އޭނާ ދެން މަސައްކަތް ކުރާނީ ދީނުގައި އަންގަވާފައިވާ ގޮތަށް އޭނާގެ ދިރިއުޅުން ބަދަލު ކުރުމަށް ކަމަށެވެ. އަދި ސިޔާސީ ދާއިރާގައި ވެސް ޕާކިސްތާނުގެ ކުރިމަގު ބައްޓަން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ހަމްޒާ ބުންޏެވެ.

ހަމްޒާ ފިލްމީ ދާއިރާއަށް ނުކުތީ 2006 ވަނަ އަހަރު އެވެ. އޭނާގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "މޭ ހޫން ޝާހިދު އަފްރީދީ"، "ޖަވާނީ ފިރް ނެހީ އާނީ"، ހިމެނެ އެވެ.

comment ކޮމެންޓް