ރާއްޖޭގައި ބާއްވައި ފުރަތަމަ ބައިނަލް އަގުވާމީ ޓެނިސް މުބާރާތް ފަށައިފި

50 ވަނަ ގައުމީ ޓެނިސް މުބާރާތް ހުޅުވުމުގެ ރަސްމިޔާތުގެ ތެރެއިން --- ފޮޓޯ// ޓެނިސް އެސޯސިއޭޝަން

ރާއްޖޭގައި ޓެނިސް ކުޅޭތާ 50 އަހަރު ފުރި ގައުމީ ފެންވަރުގައި ޓެނިސް މުބާރާތްތަށް އިންތިޒާމް ކުރެވޭތާ 50 އަހަރު ފުރުން ފާހާގަ ކުރުމުމުގެ ގޮތުން މިފަހަރުގެ ގައުމީ ޓެނިސް މުބާރާތް އިތުރު ހަތަރު ގައުމުގެ ކުޅުންތެރިންނާ އެކު އިއްޔެ ފަށައިފި އެވެ.

މާލޭ، ޓެނިސް ކޯޓުގައި އިއްޔެ ފެށި ބޭންކް އޮފް މޯލްޑިވްސް ނޭޝަނަލް ޓެނިސް ޗެމްޕިއަންޝިޕްގައި ޖުމުލަ 145 ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ. މި މުބާރާތް މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އިރު އެހެން ފަހަރުގެ ޓެނިސް މުބާރާތާއި މިފަހަރުގެ މުބާރާތް ވަނީ ގިނަ ގޮތްގޮތުން ތަފާތު ކޮށްފަ އެވެ.

އެގޮތުން މި މުބާރާތުގައި ރާއްޖޭގެ އިތުރުން ސްރީލަންކާއާއި އިންޑިއާއާއި ނޭޕާލާއި، ކެމްބޯޑިއާގެ ކުޅުންތެރިން މުބާރާތުގެ އެކި ކެޓަގަރީތަކުގައި ވާދަކުރާ އިރު މިއީ ރާއްޖޭގައި ބޭއްވޭ ފުރަތަމަ ބައިނަލްއަގުވާމީ ޓެނިސް މުބާރާތެވެ. އަދި މި މުބާރާތުގެ ފައިސާގެ އިނާމުގެގޮތުގައި 25،000 އެމެރިކާ ޑޮލަރުވަނީ ހުށަހަޅައިފަ އެވެ.

50 ވަނަ ގައުމީ ޓެނިސް މުބާރާތް ހުޅުވުމުގެ ރަސްމިޔާތުގެ ތެރެއިން --- ފޮޓޯ// ޓެނިސް އެސޯސިއޭޝަން

ރާއްޖޭގައި މީގެ ކުރިން ބައިނަލް އަގުވާމީ ޓެނިސް މުބާރާތްތައް ބޭއްވިފައި ނުވަނީ ޓެނިސް ކުޅޭނެ ކޯޓުތައް މަދުވެގެންނެވެ. އެގޮތުން ޓެނިސްގެ ބައިނަލް އަގުވާމީ ސްޓޭންޑާރޑުގެ ދަށުން ހަތަރު ކޯޓު ހުރެގެން ނޫނީ މުބާރާތްތަކެއް ނުބޭއްވެ އެވެ. އެހެންކަމުން މިފަހަރުގެ މުބާރާތް ބޭއްވުމަށްޓަކައި ޓެނިސް ކޯޓާއި އިންވެގެން މާލޭ ހުޅަނގު ފަރާތުގައި އޮތް ވޮލީ ކޯޓު ނެގުމަށްފަހު އެތަނުގައި އިތުރު ޓެނިސް ކޯޓެއް ވަނީ އަޅައިފަ އެވެ.

މިފަހަރުގެ މުބާރާތުގައި ނުވަ ކެޓަގަރީ އަކުން ޖުމުލަ 145 ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް އަހަރުން ދަށުގެ އުމުރުފުރާ، އަށް އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް، ޖޫނިއާ އޯޕަން، މެންސް އޯޕަން، ވުމެން އޯޕަން އަދި މިކްސްޑް ޑަބަލްސްގެ އިތުރުން 45 އަހަރުން މަތީގެ އުމުރުފުރާ އެވެ. އޭގެ ތެރެއިން 10 އަހަރުން ދަށުގެ އުމުރުފުރާތަކުގެ ކެޓަގަރީތަކުގެ މެޗުތައް ކުޅޭނީ ރައުންޑް ރޮބިން ފޯމެޓަށެވެ. އަދި 10 އަހަރުން މަތީ ކެޓަގަރީގެ މެޗުތައް ކުޅޭނީ ނޮކްއައުޓް ފޯމެޓަށެވެ.

50 ވަނަ ގައުމީ ޓެނިސް މުބާރާތް ހުޅުވުމުގެ ރަސްމިޔާތުގެ ތެރެއިން --- ފޮޓޯ// ޓެނިސް އެސޯސިއޭޝަން

މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓެނިސް އެސޯސިއޭޝަންގެ ރައީސް އަހްމަދު ނަޒީރު ވިދާޅުވީ މި މުބާރާތް މިހާ ފުރިހަމަކޮށް، ރާއްޖޭގެ ޓެނިހަށް 50 އަހަރު ފުރޭ އަހަރުގައި ބޭއްވުމަކީ ލިބޭ ކާމިޔާބީއެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވީ އަލަށް ހެދުނު ޓެނިސް ކޯޓު ވަރަށް ފުރިހަމަ ކަމަށާއި، މި ފެސިލިޓީޒްގެ ސަބަބުން ޓެނިހަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ޓެނިސް އެސޯސިއޭޝަނުން އެދިފައިވާ ގޮތަށް ހުޅުމާލެއިން ޓެނިސް ކޯޓު އެޅުމަށް ބިމެއް ހަމަޖައްސައިދޭނެ ކަމަށް ވެސް މަހްލޫފް ވަނީ އެ ހަފްލާގައި ވިދާޅުވެފަ އެވެ.

comment ކޮމެންޓް