ޑިންގީއަކުން ފުންމާލީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

މަރުވި މީހާގެ ހަށިގަނޑު މާލެ ގެނެސް ބާލަނީ -- ފޮޓޯ/ އެމްއެންޑީއެފް

މާލެއިން ތިލަފުއްޓަށް ދިޔަ ޑިންގީއަކުން ފުންމާލި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ، މިއަދު 3:30 އެހާކަންހާއިރު 10 މީހުންނާ އެކު ތިލަފުއްޓަށް ދަތުރުކުރި ޑިންގީއަކުން ކަނޑައަށް ފުންމާލި ދިވެއްސަކު ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނިފައި ވަނީ ކަނޑުއަޑީގައި އޮއްވައި ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މަރުވެފައި ވަނީ މާލޭ ހިޔާ1، 13-02 އަހުމަދު އަނީސް، 33، ކަމަށެވެ.

އެމްއެންޑީއެފް އިން ބުނެފައި ވަނީ އެމީހާ ގެއްލުމާ އެކު ކޯސްޓްގާޑުގެ ޑައިވަރުން ވަނީ މީހާ ފުއްމާލީ ސަރަހައްދުގައި ހަރަކާތްތެރިވެފައި ކަމަށެވެ.

އަދި އެމީހާގެ ހަށިގަނޑު، ކަނޑުއަޑީން ފެނިފައި ވަނީ ކޯސްޓުގާޑުން އޭނާ ހޯދަމުން ދަނިކޮށް 44 މީޓަރު އަޑީން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ މިހާރު އެމީހާގެ ހަށިގަނޑު މާލެއަށް ގެނެސްފައިވާ ކަމަށެވެ.

އެމީހާ ކަނޑަށް ފުންމާލި ސަބަބާއި އެމީހާއާ ގުޅުންހުރި މައުލޫމާތެއް އަދި ލިބިފައެއް ނުވެ އެވެ.

comment ކޮމެންޓް