އެންމެ ފަހުން "ފްރެންޑްސް" އެނބުރި އަންނަނީ!

ފްރެންޑްސް ސީރީޒްގެ ކާސްޓުން --- ފޮޓޯ : ބްލޫމްބާގް

ގިނަ ބަޔަކަށް އަދިވެސް ކަމުދާ ޓީވީ ޝޯ ކަމަށްވާ "ފްރެންޑްސް"ގެ ލީޑު ކާސްޓުންނާއެކު އެ ޝޯގެ ހާއްސަ އެޕިސޯޑަކަށް ތައްޔާރުވެއްޖެ އެވެ.

ފްރެންޑްސް ދައްކަން ފެށިތާ 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ޝޯގެ ޕްރޮޑިއުސަރުން ވަނީ ކާސްޓާ ބައްދަލުކުރަން ފަށައިފަ އެވެ. އަދި ހާއްސަ "ރިޔޫނިއަން" އެޕިސޯޑެއް ނެރުމަށް ތައްޔާރުވަމުން ދާ ކަމުގެ އަޑުތަކެއް ވަނީ މިހާރު ފެތުރެން ފަށައިފަ އެވެ.

ވާހަކަ ދެކެވޭ ގޮތުގައި ޝޯގެ ލީޑް އެކްޓަރުން ކަމަށްވާ ޖެނިފާ އެނިސްޓަން އާއި ކޯޓްނީ ކޮކްސް އާއި ލީސާ ކުޑްރޯ އާއި މެޓް ލެބްލާންކް އާއި މެތިއު ޕެރީ އަދި ޑޭވިޑް ޝްވިމާ އެންމެ އެކީގައި ފެނިގެންދާނެ އެޕިސޯޑެއްގެ މަސައްކަތް ވަނީ މިހާރު ފަށައިފަ އެވެ. ނަމަވެސް އެ އެޕިސޯޑަކީ ސްކްރިޕްޓުކޮށް ތައްޔާރުކުރާ އެޕިސޯޑެއް ނޫން ކަމަށް ވާހަކަ ދެކެވެ އެވެ.

ފްރެންޑްސްގެ ކާސްޓުން އެކީގައި އެއްތަނަކުން ބައްދަލުކޮށްލާ ވާހަކައަކީ ގިނަ ފޭނުން އުފާ ވާނެ ހަބަރެކެވެ. އެ ވާހަކަތައް ދެކެވެން ފަށާފައިވަނީ ފްރެންޑްސް ޝޯ، ނެޓްފްލިކްސް ދޫކޮށް އެޗްބީއޯގެ ސްޓްރީމިން ސާވިސް ކަމަށްވާ "އެޗްބީއޯ މެކްސް" އަށް ދާން ތައްޔާރުވެފައި ވަނިކޮށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ އެޕިސޯޑު އުފެއްދުމުގެ މަސައްކަތް ކުރަނީ އެޗްބީއޯ މެކްސް އިންނެވެ. އެހެންކަމުން އެޗްބީއޯއަށް އެ ޝޯ ލިބޭއިރު ދައްކަން ފަށާނީ ރިޔޫނިއަން އެޕިސޯޑަކާ އެކު ކަމަށް ބެލެވެ އެވެ.

comment ކޮމެންޓް