ރަފާލް އެއްބަސްވުމުގެ މައްސަލަ އަލުން ބަލަން އިންޑިއާގެ ސުޕްރީމް ކޯޓުން ދެކޮޅު ހަދައިފި

ޑަސޯލްޓުގެ ރަފާލް ފައިޓާ ޖެޓެއް -- އޭޕީ

ދިއްލީ (ނޮވެމްބަރު 15): އިންޑިއާ އިން 2016 ވަނަ އަހަރު ފްރާންސުގެ 36 ރަފާލް ފައިޓާ ޖެޓު ގަންނަން ހެދި އެއްބަސްވުމުގައި މައްސަލަތަކެއް ހުރި ކަމަށް ކުރެވޭ ތުހުމަތުތައް އަލުން ބަލަން އިންޑިއާގެ ސުޕްރީމް ކޯޓުން ދެކޮޅު ހަދައިފި އެވެ.

އިންޑިއާގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ފްރާންސުގެ ޑަސޯލްޓު އޭވިއޭޝަނުގެ ފައިޓާ ޖެޓުތައް ގަތީ، އޭގެ ކުރިން އޮތް ކޮންގްރެސް ޕާޓީގެ ސަރުކާރުން އެޖެޓުތައް ގަތުމަށް އެއްބަސްވި އަގަށް ވުރެ ތިން ގުނަ އިތުރު އަދަދަކަށެވެ.

އަދި އެހާވަރަށް ޖެޓުތަކުގެ އަގު ބޮޑު ކުރީ، ޑަސޯލްޓުގެ އޮފްސެޓް ޕާޓްނަރަކަށް ހަމަޖެއްސި ބިލިއަނަރު އަނިލް އަމްބާނީގެ ކުންފުންޏަށް ފައިދާވާ ގޮތަށެވެ.

އެމައްސަލަ ބަލަން މީގެ ކުރިން ވެސް ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެކޯޓުން ވަނީ ސަރުކާރުގެ ނިންމުމާ މެދު ޝައްކު ކުރަންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި ޖެޓުތަކުގެ އަގު ކަނޑައެޅުމަކީ އެކޯޓުގެ ޒިންމާއެއް ނޫން ކަމަށް ބުނެފަ އެވެ.

އެމައްސަލަ އަނެއްކާ ވެސް ބަލައިދިނުމަށް އެދި ކުރީގެ ދެ މިނިސްޓަރަކާއި އެކްޓިވިސްޓަކު ޕެޓިޝަނެއް ހުށަހެޅުމުން، އިއްޔެ ސުޕްރީމް ކޯޓުން ވަނީ އެމައްސަލަ އަނެއްކާ ވެސް ބަލަންވީ ސަބަބެއް ނެތް ކަމަށް ބުނެފަ އެވެ. އަދި އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވާ މައްސަލަތަކާ ބެހޭ ގޮތުން މިދިޔަ އަހަރު ސުޕްރީމް ކޯޓުން ގޮތެއް ނިންމާފައިވާނެ ކަމަށް ބުނެފަ އެވެ.

ފްރާންސުގެ ޑަސޯލްޓާއި އިންޑިއާ އިން ވަނީ ކޮންގްރެސް ޕާޓީގެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. ނަމަވެސް އިންޑިއާއިން ޖެޓުތައް ގަތް އަގު ހާމަ ކުރެވެން ނެތް ކަމަށް ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް