ކުޑަ ތަފާތަކުން ބަލިވުމުން ލިޕީ އިސްތިއުފާ ދިން އިރު ސެގާޓް އަދިވެސް ހެވިފައި

ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގަރޓްއާއި ޗައިނާގެ ކޯޗުގެ މަގާމުގައި ހުރި މާސެލީ ލިއްޕީ --- ސަން ފޮޓޯ

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފައިންގައި ރޭ ސީރިއާ އަތުން 2-1 އިން ޗައިނާ ބަލިވުމުން އެ ޓީމުގެ ކޯޗު އިޓަލީގެ މާސެލޯ ލިއްޕީ އިސްތިއުފާ ދިން އިރު ވިދިވިދިގެން ތިން މެޗުން ރާއްޖެ ބަލިވި އިރު ވެސް ޓީމުގެ ކޯޗު ޕީޓާ ސެގާރްޓްގެ މޫނުމަތިން ހާސްކަމުގެ އަސަރެއް ވެސް ފެންނާކަށް ނެތެވެ.

ގުރޫޕް ސްޓޭޖުގެ އެއްވަނަ ހޯދުމަށް ދުބާއީގައި ރޭ ސީރިއާއާ ދެކޮޅަށް ކުޅުނު މެޗުން ޗައިނާ ބަލިވި އިރު، މީގެ މަހެއްހާ ދުވަސް ކުރިން ފިލިޕީންސާ ދެކޮޅަށް ކުޅުނު މެޗުން ވެސް ޗައިނާ ވަނީ އެއްވަރުވެފަ އެވެ. ރޭ ސީރިއާ އިން އޮސާމާގެ ގޯލުން ލީޑުނަގާފައިވަނިކޮށް ޗައިނާ އަށް އެއްވަރުކޮށްދިނީ ވޫ ލޭއި އެވެ. ޗައިނާ ބަލިވީ ދެ ވަނަ ހާފުގައި އެ ޓީމުގެ ޒޭން ލިންޕެން އަތުން ބައިކޮޅަށް ވަން ގޯލުގެ ސަބަބުންނެވެ. މިއީ ޗައިނާގެ ކުޅުން ދަށްވެގެން ނުކުތް ނަތީޖާއެއް ނޫންކަން މެޗު ބެލި އެންމެންނަށް ވެސް އިނގޭނެ އެވެ.

ޗައިނާގެ ކޯޗުގެ މަގާމުގައި ހުރި މާސެލީ ލިއްޕީ --- ސަން ފޮޓޯ

އެހެން ނަމަވެސް ޗައިނާ ކޯޗުގެ މަގާމުގައި ހުރި ލިއްޕީ އަހަރެއްހާ ދުވަހުގެ ތެރޭގައި ދެވަނަ ފަހަރަށް އެ މަގާމު ދޫކޮށްލަން ރޭ ނިންމާފައި ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ އަށް އެކަށީގެންވާވަރުގެ ކުޅުމެއް ނުދެއްކޭ ކަމަށް ބުނެ އެ ގައުމުގެ ފުޓްބޯޅައިގެ އެކި ފަރާތްތަކުން ލިއްޕީ އަށް ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

ލިއްޕީ ބުނީ އެކަށީގެންވާ ނަތީޖާތަކެއް ޓީމަށް ނުނެރެވޭ ކަމުގައި ވަނީ ނަމަ އޭގެ މާނަ އަކީ އޭނަގެ ވަޒީފާ ރަނގަޅަށް އަދާ ނުކުރެވެނީ ކަމަށެވެ. އެހެން ކަމުން ބޮޑު މުސާރައެއް ނަގައިގެން އެ މަގާމުގައި ދެމިހުރުމަކީ ޓީމަށް ވެސް އަދި އޭނާއަށް ވެސް އެންމެ ރަނގަޅުގޮތް ނޫން ކަމަށެވެ.

"އަހަރެން ދައްކާނެ މާ ގިނަ ވާހަކަތަކެއް ނެތް. ޗައިނާ ކޯޗުކަމުން އަހަރެން އިސްތިއުފާދޭން ނިންމައިފިން،" ލިއްޕީ ރޭގެ މެޗު ނިންމައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުންޏެވެ.

ގްރޫޕް އޭގެ އެއް ވަނާގައި ސީރިއާ އޮތީ ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާ އެކު އެވެ. ދެ ވަނާގައި އޮތް ޗައިނާ އިން ވަނީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައިފަ އެވެ. ރާއްޖެ އަތުން މާލޭގައި އިއްޔެ 2-1 އިން މޮޅުވި ފިލިޕީންސް ވެސް ވަނީ ހަތަރު މެޗުން ހަތް ޕޮއިންޓް ހަމަކޮށްފަ އެވެ. ފިލިޕީންސް އޮތީ ތިން ވަނައިގަ އެވެ. ހަތަރު ވަނާގައި އޮތް ރާއްޖެ އަށް ހަތަރު މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ފިލިޕީންސާ ދެކޮޅަށް އިއްޔެ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި، ރާއްޖެ ސަލާމަތް ކޮށްދިނީ، ގޯލްކީޕަރު މުހައްމަދު ފައިސަލް އެވެ. ފިލިޕީންސަށް ލިބުނު ޕެނަލްޓީ ފައިސަލް ދިފާއު ކުރީ އިތުބާރާ އެކު އެވެ. ނަމަވެސް އެއަށް ފަހު ރާއްޖޭގެ ކޯޗުގެ ގޯސް ރޭވުންތަކަކާ އެކު ޓީމުގެ އިތުބާރު ގެއްލި ފިލިޕީންސުން ލިބުނު މަދު ފުރުސަތުތަކުގައި ގޯލު ޖަހައި ލީޑު ފުޅާ ކުރީ އެވެ.

ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގަޓާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް --- ފޮޓޯ// އެފްއޭއެމް

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ބުނީ ކުޅުންތެރިން ކުރި މަސައްކަތަށް ތައުރީފުކުރާ ކަމަށާއި މެޗުގެ ނަތީޖާ ދިޔައީ ބޭނުންވި ގޮތަށް ނޫން ކަމަށެވެ. މިއީ ކޮންމެ މެޗެއް ވެސް ނިންމާފައި ސެގާރޓްގެ އަނގަމަތީ ބަހެއް ފަދައިން ބުނެލާ ބަހެކެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ޖެހެނީ އެއްތާކު އެވެ. މިކަން ތިމަންނާއަށް ނުވާނޭ ކިޔަން ވިސްނުމުގައި ނެތް ނަމަވެސް އޭނައަށް އިތުބާރު ދިވެހިންގެ ތެރޭގައި މިހާރު އެއްގޮތަކަށް ވެސް ނެތޭ ދެންނެވުމަކީ ދޮގަކަށް ނުވާނެ އެވެ.

"މެޗު ބަލާލުމުން އިނގޭނެ ފިލިޕީންސަށް ލިބުނީ ނަސީބު މޮޅެއްކަން. އަހަރަމެންނަށް އެ ނަސީބު މިއަދު ނުލިބުނީ. މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ އަހަރަމެން. ނިންމާލަން ޖެހޭ ފުރުސަތުތަކުގެ ބޭނުން ނުހިފުމުން އޭގެ ނަތީޖާ މިއީ." ސެގާޓް ބުންޏެވެ.

ސެގާޓް މިހެން ބުނި އިރު މިދިޔަ މެޗުގައި ސީރިއާ އަތުން ބަލިވި އިރު ވެސް ފެނިގެން ދިޔައީ ހަމަ އެއްގޮތަކަށް ކަންތައް ވީ މަންޒަރެވެ. މެޗު ކޮންޓްރޯލް ކޮށްގެން ރާއްޖެ ކުޅުނު އިރު ލިބުނު ފުރުސަތުގައި ސީރިއާއިން ލީޑު ނެގި އެވެ. އެހެން ނަމަވެސް ފަހު ވަގުތު ރާއްޖެއިން ގޯލު ޖަހައި ފަރަގު ކުޑަ ކުރީ އެވެ. މިއަދުގެ މެޗުގައި ވެސް ހަމަ އެއްކަމެއް ތަކުރާރުވި އިރު މިކަމަށް ހައްލެއް ނުހޯދުމަކީ ކޯޗެއްގެ ގޮތުގައި ފެއިލްވުން ކަމަށް ގިނަ ބަޔަކު ބުނަމުންދާ އިރު ވެސް ސެގާޓްގެ ފަރާތުން އެއްވެސް ހާސް ކަމެއް އަދި މާޔޫސްވުމެއް ވެސް ފެންނަށް ނެތް ކަމީ ރާއްޖޭގެ ފުޓުބޯޅައިގެ މުސްތަގުބަލު ބަނަކޮށް އޮތްކަން ދޭހަކޮށްދޭ ކަމެކެވެ.

ވިދިވިދިގެން ތިން މެޗުން ރާއްޖެ ބަލިވި އިރު ދެން އޮތީ ޖުމުލަކޮށް ފަސޭހަ މެޗެކެވެ. އެ މެޗުގައި ރާއްޖެއަށް ނަތީޖާ ނެރެން ފަސޭހަވާނެ އެވެ. ނަމަވެސް އިއްޔެގެ މެޗުން ބަލިވުމާ އެކު ރާއްޖެއަށް އޮތް ފުރުސަތު ވަނީ ވަރަށް ހަނިވެފަ އެވެ. އެހެން ގޮތަކުން ބުނާ ނަމަ ދެން އަމިއްލަ ބާރެއް ވެސް ނެތެވެ. މިކަން ކިތަންމެ ޕޮސިޓިވްކޮށް ވެސް ނެގިދާނެ އެވެ. ސުވާލަކީ ކޯޗަށް އިތުބާރުކޮށްގެން ދިވެހިން ތިބޭނީތޯ ނުވަތަ ކޯޗަށް މިކަން ނުވާނެކަން އަމިއްލައަށް ވިސްނެންދެން މަޑު ކުރާނީތޯ އެވެ.

comment ކޮމެންޓް