ކާރު ހޯދަން ރައީސް އެދުނީ މެމްބަރުންނާ މަޝްވަރާނުކޮށް: ވަޒީފާ ޓްރަބިއުނަލް

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުން އަދި އެ ޓްރައިބިއުނަލްގެ ރައީސް މުހައްމަދު ޒާހިރު (މ) --- ފޮޓޯ/ މަޖިލިސް

މެމްބަރުންނަށް ކާރެއް ހޯދުމަށް ވަޒީފާއާ ބެހޭ ޓްރަބިއުނަލްގެ ރައީސް މުހައްމަދު ޒާހިރު ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންނަވީ އެހެން މެމްބަރުނާ މަޝްވަރާނުކޮށް ކަމަށް އެ ޓްރައިބިއުނަލުން ބުނެފިއެވެ.

މިދިޔަ އަންގާރަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވާހަކަ ދައްކަވަމުން އެ ޓްރަބިއުނަލްގެ ރައީސް މުހައްމަދު ޒާހިރު ވަނީ، އެ އޮފީހުގައި ކާރެއް ނެތުމުން މެމްބަރުންނަށް ދަތިތަކެއް ކުރިމަތިވާ ކަމަށާއި ކާރެއް ބޭނުންވާ ކަަމަށެވެ.

އެކަމާ ގުޅިގެން ޒާހިރު ފިޔަވާ ޓްރައިބިއުނަލްގެ އެހެން މެމްބަރުން ސޮއިކޮށް މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކޮމިޓީގައި މެމްބަރުންގެ ނަމުގައި ޒާހިރު ދެއްކެވި ވާހަކައަކީ އެ މެމްބަރުންނާ މަޝްވަރާކޮށްގެން ނުވަތަ މެމްބަރުން އެދިގެން ދެއްކެވި ވާހަކައެއް ނޫން ކަމަށެވެ.

"މެމްބަރުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކާރެއް ނުވަތަ އެނޫންވެސް އުޅަނދެއް ބޭނުންވާކަމުގެ ޝަކުވާއެއް އެއްވެސް މެމްބަރެއްގެ ފަރާތުން ޓްރައިބިއުނަލްގެ ރައީސަށް ނުވަތަ ދައުލަތުގެ އެއްވެސް އިދާރާއަކަށް ވެސް އުފުލާފައި ނުވާނެ،" ޓްރައިބިއުނަލްގެ ނައިބު ރައީސާއި ހަތަރު މެމްބަރުން ސޮއިކޮށް ނެރުނު ބަޔާނުގައި ވެއެވެ.

https://sun.mv/127241

ކޮމިޓީގައި ޒާހިރު ވިދާޅުވީ، ވަރޭ ވެހޭ ދުވަސްދުވަހުގައި ސައިކަލުގައި އޮފީހަށް އައުމަށް މެމްބަރުން ބިރުގަންނަ ކަމަށެވެ. އަދި އޭނާއާއި އެހެން މެމްބަރުންނަށްވެސް ސައިކަލު ކަހާލުމުގެ ހާދިސާތައް ކުރިމަތިވެފައިވާ ކަމަށާއި މިއީ "ވެލިޑް ކޮންސާން"އެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް އަމިއްލަ ކާރުގައިވެސް ދެވިދާނެ، ނުވަތަ ކުޑައެއް ނަގައިގެންވެސް. އަޅުގަނޑުގެ ޝަކުވާއެއް ނެތް. އެހެން ނަމަވެސް މެމްބަރުންގެ ޝަކުވާ އެބަހުރި އެގޮތަށް. ވާރޭ ވެހޭ އިރު ސައިކަލުގައި ދާން ބިރުގަނޭ. ކަހާލުމުގެ ފުރުސަތު އޮތީމަ. [މިއީ] ވެފަ ހުރި ކަންކަން. އަޅުގަނޑަވެސް އެހެން ވެފައި އެބަހުރި. ވެލިޑް ކޮންސާން އެއީ،"

ޓްރަބިއުނަލުން ނެރުނު ބަޔާނުގައި ބުނީ، ކޮމިޓީގައި ޒާހިރު ދެއްކެވި ވާހަކަތަކަކީ އޭނާ ފަރުދީ ހައިސިއްޔަތުން ދެއްކެވި ވާހަކަތަކެއް ކަމަށާއި އެ ވާހަކަތަކަށް އެހެން މެމްބަރުން ގާނޫނީ ގޮތުން ޒިންމާ އުފުލަން ޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އަންގާރަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީއަށް ހާޒިރުވެވަޑައިގަތީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްގެ ހައިސިއްޔަތުންނެވެ.

"ގާނޫނުން މެމްބަރުންނަށް މަތިކޮށްފައިވާ ވާޖިބުތަކާއި ޒިންމާތައް އަދާކުރުމުގައި އެއްވެސް ފަސްޖެހުމެއްނެތި ސާބިތުކަމާއެކު ތިބިކަމުގެ ޔަގީންކަން އަރުވަން،" ބަޔާނުގައި ބުނެއެވެ.

ޓްރައިބިއުނަލްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އަންނަ އަހަރަށް އެ އޮފީހުގެ ބަޖެޓު އެކުލަވާލާފައިވަނީ ފިނޭންސް މިނިސްޓްރީގެ ލަފަޔާއި ޓްރައިބިއުނަލުން އެކުލަވާލާފައިވާ ތަސައްވަރާވެސް އެއްގޮތަށް ކަމަށެވެ. އެހެން ނަމަވެސް އަންގާރަ ދުވަހުގެ ރޭ ކޮމިޓީގައި ޓްރައިބިއުނަލްގެ ރައީސް ވިދާޅުވީ އެ ބަޖެޓަކީ އެންމެ އެކަށީގެންވާ މިންވަރުގެ ބަޖެޓެއް ނޫންކަމަށެވެ.

ޒާހިރުގެ އެވާހަކަތަކަށް ޝޯޝަލް މީޑިއާގައިވެސް ދަނީ އާންމުގެ ފާޑުކިޔުން އަމާޒުވަމުންނެވެ.

ޒާހިރުގެ އިތުރުން ޓްރަބިރުނަލްގައި ތިއްބަވަނީ ނައިބު ރައީސް އައިމިނަތު އަބްދުﷲ ޒުހައިރު އަދި މެމްބަރުން މަރިޔަމް ރިޝްފާ، ފާތިމަތު މަހީރާ މުހައްމަދު، އަބްދުﷲ މިފްރާޒު ނިޒާރު، އަދި މަރިޔަމް ޝަމްއާ އިބްރާހިމެވެ.

comment ކޮމެންޓް