ބަޖެޓު 2020: ލަފާކުރާ އާމްދަނީ ހާސިލުވާނެތަ؟

ނޮވެމްބަރު 13، 2019: އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމެޓީގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ބަޖެޓަކީ ރާއްޖޭގައި މިހާތަނަށް އެކުލަވާލާފައިވާ އެންމެ ބޮޑު ބަޖެޓެވެ. ޖުމުލަ 37.9 ބިލިއަން ރުފިޔާގެ ބަޖެޓާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވަނީ އަންނަ އަހަރުގެ ބަޖެޓަކީ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖައްސައިދޭނެ ބަޖެޓެއް ކަމަށާއި އެ ބަޖެޓަކީ ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭނެ ބަޖެޓެއް ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ބޭނުންވާ އަސާސީ އަދި އުމްރާނީ ވަސީލަތްތައް ގާއިމްކޮށް އިގްތިސޯދީ މަންފާ ހޯދުމަށް މަގު ތަނަވަސްކުރުމަށް އެހީވެދޭނެ ބަޖެޓެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޖުމްލަ ބަޖެޓުގެ 14 ޕަސެންޓަކީ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ފައިސާ ކަމަށް ހިމަނާފައިވާ އިރު ދައުލަތަށް ލިބޭ އާމްދަނީގެ 48 ޕަސެންޓަކީ ޓެކުހުން ލިބޭ އާމްދަނީ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ޓެކްސް ނޫން ގޮތް ގޮތުން ލިބޭ އާމްދަނީ އަކީ އަންނަ އަހަރަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީގެ 18 ޕަސެންޓެެވެ. މީގެ އިތުރުން ފައިނޭންސިން އަދި އެހެނިހެން ގޮތް ގޮތުން ލިބޭ އާމްދަނީ އަކީ ޖުމްލަ އާމްދަނީގެ 12 ޕަސެންޓު ކަމަށް ލަފާކޮށްފައިވާ އިރު މަޝްރޫއުތަކުން ލިބޭ ފައިސާ އަކީ އާމްދަނީގެ އަށް ޕަސެންޓު ކަމަށް ވަނީ ހިމަނައިފަ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ސަރުކާރުން އާންމުކޮށްފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ހިމަނާފައިވާ ކަންތައްތައް ހާސިލުކުރުމަށް އެކުލަވާލާފައިވާ ބަޖެޓެކެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބެޖެޓު ދިރާސާކުރާ ރައްޔިތުން މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަޖެޓު އާމްދަނީގެ މައިގަނޑު ބައިތައް

  • އިމްޕޯޓު ޑިއުޓީގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ
  • ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް އިން ހަތަރު ބިލިއަން ރުފިޔާ
  • މުދަލާއި ހިދުމަތުން ނަގާ ޓެކުހުގެ ގޮތުގައި 7.9 ބިލިއަން ރުފިޔާ
  • އެހެނިހެން ޓެކްސް އަދި ޑިއުޓީގެ ގޮތުގައި ދެ މިލިއަން ރުފިޔާ
  • ހިދުމަތްތަކުން ނަގާ ޓެކުހުގެ ގޮތުގައި ދެ މިލިއަން ރުފިޔާ
  • ހަރު މުދަލުގެ އާމްދަނީގެ ގޮތުގައި ދެ މިލިއަން ރުފިޔާ
  • އިންޓްރެސްޓާއި ފައިދާގެ ގޮތުގައި 1.6 މިލިއަން ރުފިޔާ

ބަޖެޓަށް އާމްދަނީ ހޯދުމަށް ސަރުކާރުން ވަނީ އާ ކަންތައްތަކެއް ވެސް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި އެއާޕޯޓް ޑެވޮލަޕްމަންޓް ފީ (އޭޑީއެފް) ރޭޓަށް ބަދަލު ގެނައުމާއި ބައެއް މުދަލުން ނަގާ ޑިއުޓީ ބޮޑުކުރުން އަދި ބިދޭސީ ކޯޓާ ފީ ތައާރަފުކުރުން ފަދަ ކަންތައް ހިމެނެ އެވެ. މީގެ އިތުރުން ފަރުދުންގެ އާމްދަނީ އިން ނަގަން ނިންމާފައިވާ ޓެކުހަކީ ވެސް ދައުލަތަށް އާމްދަނީ ލިބޭނެ ގޮތްތަކުގެ ގޮތުގައި ހިމަނާފައިވާ ކަމެކެވެ.

އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އާ ކަންތައްތައް---

އޭޑީއެފް ރޭޓު ބަދަލުކުރުމާއި އިމްޕޯޓު ޑިއުޓީ އަށް ބަދަލު ގެނައުން އަދި އާމްދަނީ އިން ޓެކްސް ނެގުން ފަދަ ކަންތައް ތަންފީޒު ކުރެވެން އަންނަނީ އެކަމަށް ބޭނުންވާ ގާނޫނުތައް އެކުލަވާލައި އަދި މިހާރު އަމަލުކުރަމުންދާ ގާނޫނުތަކަށް ބަދަލު ގެނެސްގެންނެވެ. އެކަމަކު އަންނަ އަހަރުން ފެށިގެން ތަންފީޒު ކުރަން ނިންމާފައިވާ ކަންތައްތައް އަމަލީ ގޮތުން ތަންފީޒުކުރަން ބޭނުންވާ ގާނޫނުތައް 2020 ފެށޭ އިރު އެކުލަވާ ނުލެވިއްޖެ ނަމަ، އަންނަ އަހަރަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ ހާސިލުކުރުމަކީ ދަތިކަމަކަށް ވާނެ އެވެ.

ސަރުކާރުން ހުށަހަޅާފައި ވަނީ އޭޑީއެފްގެ ގޮތުގައި ނަގާ ޓެކްސް، ގިންތިކޮށް ބިޒްނަސް ކްލާހާއި ފަސްޓް ކްލާހުން ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ފީ ބޮޑު ކުރުމަށެވެ. އެގޮތުން ބިޒްނަސް ކުލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާފީ 60 ޑޮލަރަށް (925.2 ރުފިޔާއަށް) ބޮޑުކުރާނެ ކަމަށް ބަޖެޓްގައިވެ އެވެ. އަދި ފަސްޓް ކުލާހުން ދަތުރުކުރާ ދިވެހިންނާއި ބޭރު މީހުންގެ އަތުން ވެސް 90 ޑޮލަރު (1387.8 ރުފިޔާ) ނަގަން ވަނީ ހިމަނައިފަ އެވެ.

މިހާރު އޮންނަ ގޮތުން ނަމަ ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓުން ދަތުރުކުރާ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރު ނަގަ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ރައްޔިތުން މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަޖެޓްގައި ފިނޭންސް މިނިސްޓްރީ އިން އެދިފައި ވަނީ އަންނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން އެއާޕޯޓް ޑެވޮލަޕްމަންޓް ފީ (އޭޑީއެފް) ރޭޓްތަކަށް ބަދަލު ގެނެވޭ ގޮތަށް ގާނޫނު އިސްލާހުކޮށް ދިނުމަށެވެ. ބަދަލުތަކާ އެކު ބަޖެޓަށް އިތުރަށް 159.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިއީ މި އަހަރުގެ އޭޑީއެފް އިން ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީއަށް ވުރެ، 24.3 ޕަސެންޓް އިތުރު އަދަދެކެވެ.

މީގެ އިތުރުން އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބިދޭސީއެއްގެ ކޯޓާ 2000 ރުފިޔާއަށް ވިއްކައި، ދައުލަތަށް އިތުރަށް 500 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދަން ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. މިއާ އެކު މިހާރު ހިލޭ ދޫކުރާ ކޯޓާ އަންނަ އަހަރުން ފަށައިގެން ވިއްކާނީ 2000 ރުފިޔާ އަށެވެ. ބަޖެޓުގައި ބުނެފައި ވަނީ މިގޮތުން ދޫކުރާ ކޯޓާއާ އެކު ކޮންމެ ބިދޭސީއަކަށް އަހަރަކު އެއްފަހަރު 2،000 ރުފިޔާގެ ފީއެއް، ކޯޓާ ފީގެ ގޮތުގައި ދައްކަން ޖެހޭނެ އެވެ.

މީގެ އިތުރުން ބިދޭސީންގެ ވޯކް ޕާމިޓް ފީގެ ގޮތުގައި މިހާރު ނަގާ އަދަދަށް ވުރެ އިތުރަށް 100 ރުފިޔާ ނަގަން ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. މިހާރު ބިދޭސިންގެ ވޯކްޕާމިޓް ފީގެ ގޮތުގައި ނަގަނީ 250 ރުފިޔާ އެވެ. މި ފީއަށް 100 ރުފިޔާ އިތުރުކޮށް އަންނަ އަހަރުން ފެށިގެން 350 ރުފިޔާ ވޯކް ޕާމިޓް ފީގެ ގޮތުގައި ނަގަން ފެށުމާ އެކު އާމްދަނީގެ ގޮތުގައި 213.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އަންނަ އަހަރު އާމްދަނީ އިން ޓެކްސް ނަގަން ބަޖެޓުގައި ހިމަނާފައިވީ ނަމަވެސް އާމްދަނީ އިން ޓެކްސް ނެގުމުގެ ބިލު އަދި މަޖިލީހުން ފާސްކޮށްފައެއް ނުވެ އެވެ. ސަރުކާރުން ހުށަހަޅާފައި ވަނީ 40،000 ރުފިޔާ އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުން ޓެކުހެއް ނެގުމަށެވެ. ނަމަވެސް މި އާމްދަނީ އަކީ ޓެކްސް ނަގަން އެކަށީގެންވާ އާމްދަނީއެއް ނޫންކަމަށް ބުނެ ގިނަ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެމްޑީޕީގެ އެޖެންޑާ 19 މެނިފެސްޓޯގައި ވެސް ބުނެފައި ވަނީ އާމްދަނީ އިން ޓެކްސް ނަގާނީ 60،000 އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުން ކަމަށެވެ.

ބަޖެޓު ފޮތުގައި ބުނެފައި ވަނީ 2020 ފެށޭ އިރު އާމްދަނީ އިން ޓެކްސް ނަގަން ފެށިއްޖެ ނަމަ އަންނަ އަހަރު އާމްދަނީގެ ގޮތުގައި 705.9 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމެޓީގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި ވާހަކަ ދައްކަވަމުން ގަވަރުނަރު އަލީ ހާޝިމް ވަނީ ބަޖެޓަށް އާމްދަނީ ހޯދަން ކަނޑައަޅާފައިވާ ކަންތައް އަހަރު ފެށޭ އިރު ތަންފީޒު ކުރުމުގެ މުހިއްމުކަން ފާހަގަ ކުރައްވައިފަ އެވެ. މީގެ އިތުރުން ބަޖެޓު ފައިނޭންސިންގެ ބޮޑުބަޔަކީ ބޭރުގެ ލޯނު އެހީ އިން ހޯދާ ފައިސާއަށްވުމުން އެކަމުގެ އަސަރު ދިގު ރާސްތާގައި ކުރާނެ ކަމަށް ވެސް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ.

"އަޅުގަނޑުމެންގެ ކޮންސާން އަކީ ޑެޓް [ދަރަނި] ނަގައިގެން ރިކަރަންޓު ހަރަދު ކުރާ ނަމަ، އެއީ ޑެޓް އިތުރުވެގެންދާނެ ކަމެއް. އެއީ އަޅުގަނޑުމެން ކަންބޮޑުވާކަމެއް ކަމުގައި ތަކުރާރުކޮށް ފާހަގަކުރަން،" ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އިމާދު ވިދާޅުވި އެވެ.

ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ނަގާ ލޯނާއި ބޮންޑު އަދި ސުކޫކުގެ އަސަރު އިގުތިސާދަށް ކުރާނީ ދިގު ރާސްތާގައި ކަމަށާއި ބަޖެޓަށް ފައިސާ ހޯދުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރޭގައި ލޯނާއި ބޮންޑު ހިމެނޭއިރު އޭގެ އަސަރު އިގްތިސޯދަށް ކުރާނެ ކަމަށެވެ. މިއީ ބޭރު ފައިސާގެ ރިޒާވަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއްކަން ގަވަރުނަރު ފާހަގަ ކުރެއްވި އެވެ. ގަވަރުނަރު ވަނީ ސަރުކާރުގެ ހަރަދުތައް ރޭވުމުގައި ރިކަރަންޓް ހަރަދުތައް ކުޑަކޮށް، ޖުމްލަ ހަރަދުތައް މަދުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ފަސް ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ހިމަނާފައިވާތީ، އެ އަދަދަކީ ރިއަލިސްޓިކް ނޫނީ ހަގީގީ އަދަދެއްތޯ ބައެއް މެންބަރުން ސުވާލު އުފައްދާފައިވެ އެވެ. އެކަމަކު ބަޖެޓު ކޮމެޓީގައި ސަރުކާރުގެ ބައެއް މެންބަރުން ވިދާޅުވީ އެ އަދަދަކީ "ކޮމިޓެޑް" އަދަދެއް ކަމަށާއި ބޭރުގެ އެހީ ލިބޭނެ ކަމަށް ލަފާކޮށްފައިވާ އަދަދަށް އެހީ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ބަޖެޓުފޮތުގައި ބުނެފައި ވަނީ އަންނަ އަހަރު 150 މިލިއަން ޑޮލަރުގެ (2313 މިލިއަން ރުފިޔާ) ހިލޭ އެހީ ހޯދުމަށް ސަރުކާރުން ރާވާފައިވާ ކަމަށެވެ. އަދި މި އަހަރު ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ރާއްޖޭގެ ޓީ ބިލްގައި އިންވެސްޓުކޮށްފައިވާ 150 މިލިއަން ޑޮލަރު އަންނަ އަހަރު ހިލޭ އެހީއަށް ބަދަލުކޮށްދޭނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެފައި ވާތީ، ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އަދަދުގައި އެ ބައި ވެސް ހިމަނާފައިވާނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބެޖެޓު ދިރާސާކުރާ ރައްޔިތުން މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަޖެޓާ ގުޅޭ ގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ މި އަހަރު ވެސް އަންދާޒާ ކުރިވަރާ ގާތަށް ވެސް އާމްދަނީގެ ގޮތުގައި ފައިސާ ދައުލަތަށް ނުލިބޭ ކަމަށެވެ. އަންނަ އަހަރަށް ލަފާކޮށް ދައުކަތަށް އަމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް 29 ބިލިއަން ރުފިޔާ ހިމަނާފައި ވާތީ އެކަމަށް އިޝާރާތް ކުރައްވައި ޝިޔާމު ވިދާޅުވީ ފައިސާ ލިބޭނީ ފައިސާ ހޯދަން އެނގޭ ބަޔަކަށް ކަމަށާއި އާމްދަނީއަށް ލިބޭނެ ކަމަށް ލަފާކޮށް ބޭނުން އަދަދެއް ބަޖެޓުގައި ޖެހިދާނެ ކަމަށެވެ.

"މިއަހަރު މިހާތަނަށް އަދަދުތައް ރިވައިޒްކޮށްގެން ވެސް 24 ބިލިއަނެއްހާ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭގޮތަށް މިއޮތީ. އެހެންވެ އަޅުގަނޑު މި ދަންނަވަނީ އާމްދަނީގެ ގޮތުގައި ޖެހިދާނެ ބޭނުން އަދަދެއް. އަދި ޕީއެސްއައިޕީ ބަޖެޓުގެ ގޮތުގައި ވެސް ޖެހިދާނެ ބޭނުން އަދަދެއް. އެހެން ނަމަވެސް ޕީއެސްއައިޕީގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދަން އިނގޭ ބަޔަކަށް އެ ފައިސާ ލިބޭނީ. އަދި އެ ފައިސާ ލިބިއްޖެ ނަމަވެސް ޕީއެސްއައިޕީގެ މަޝްރޫއުތައް ހިންގުމުގެ ޝައުގުވެރިކަމާއި އެ މަޝްރޫއުތައް ހިންގަން އެނގޭ ބަޔަކަށް ނޫނީ އެ މަޝްރޫއުތަކެއް ނުވަތަ ބަޖެޓުގައި ޖަހާފައި ހުރި ފައިސާގެ އަދަދުތަކެއް ބޭނުމެއް ނުކުރެވޭނެ،" ޝިޔާމު ވިދާޅުވި އެވެ.

https://sun.mv/budget_2020

ބަޖެޓާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ބަޖެޓުން އިސްކަންދޭނީ ސަރުކާރުން ތަސައްވަރުކުރާ ފާގަތި ދިވެހިރާއްޖެއެއްގައި ހުންނަ ކަންތައްތަކެއް ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ 37.9 ބިލިއަން ރުފިޔާގެ ބަޖެޓާ އެކު އަންނަ އަހަރު ދައުލަތުގެ ހަރަދުތައް ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ 35.6 ބިލިއަން ރުފިޔާގަ އެވެ. ބަޖެޓާއި ހަރަދާ ހުރި ތަފާތުގެ ބޮޑުބައެއް ހިއްސާކުރަނީ ދައުލަތުގެ ދަރަނި ދެއްކުމަށް ހަރަދުކުރާ 1.9 ބިލިއަން ރުފިޔާގަ އެވެ. އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް 5.7 ބިލިއަނަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

comment ކޮމެންޓް