ބަޖެޓް ބަހުސްގައި އިދިކޮޅު މެމްބަރުންނަށް ފުރުސަތު ދޭން ޖެހޭ: ރައީސް ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު --- ފޮޓޯ: މަޖިލިސް

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަސް ބަހުސްކުރުމުގެ ފުރުސަތު ވާދަވެރި އެހެން ސިޔާސީ ޕާޓީތަކުގެ މެމްބަރުންނަށް ވެސް ލިބެން ޖެހޭ ކަމަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އެގޮތަށް ވިދާޅުވީ، އިދިކޮޅު މެމްބަރަކު ބަޖެޓާ މެދު ވާހަކަދައްކަވަނިކޮށް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ނިޒާމީ ނުކުތާ ނަންގަވައި އެ މެމްބަރަށް ރައްދުދެއްވަން މަސައްކަތް ކުރެއްވުމުންނެވެ. އަދި އޭގެ ފަހުން ނެންގެވި ނިޒާމީ ނުކުތާއަށް އެމަނިކުފާން ފުރުސަތު ނުދެއްވަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ، މަޖިލިސް ގަވައިދުގައި ބުނާގޮތުން ނިޒާމީ ނުކުތާއެއް ނެގޭނީ ނިޒާމް ގެއްލޭ ނަމަ އެކަން ފާހަގަ ކުރުމަށް ކަމަށެވެ. އަދި ނިޒާމް ގެއްލޭނަމަ އެމަނިކުފާނަށް ވެސް އެކަން އެނގިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ނިޒާމް ގެއްލޭނެ ނަމަ އަޅުގަނޑަށްވެސް ސާފްވާނެ. އެމްޑީޕީގެ ލީޑަރު ވިޔަސް، ޖުމްހޫރީ ޕާޓީގެ ލީޑަރު ވިޔަސް އެމްޑީއޭގެ ލީޑަރުވިޔަސް، ކޮންގްރެސްގެ ލީޑަރުވިޔަސް ރިޔާސަތުން ސިޔާސީ ޕާޓީތަކަށް އިހުތުރާމް ކުރާނެ،" ނަޝީދު ވިދާޅުވި އެވެ.

މަޖިލިސް ހިނގަން ޖެހޭނީ ތަރައްގީވެފައިވާ ގައުމުތަކުގައި ހިނގާ ބާވަތުގެ މަޖިލީހެއްގެ ގޮތުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ބަޖެޓަކީ މުޅި ރާއްޖޭގެ ރައްޔިތުންގެ އެންމެ މަސްލަހަތާ ގުޅިފައިވާ ކަމަކަށްވާއިރު، ވާދަވެރި ޕާޓީތަކަށް ޖަވާބު ދިނުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ސަރުކާރު ހިންގާ ޕާޓީން ބަޖެޓެއް އެކުލަވާލައި މަޖިލީހަށް ހުށަހެޅީމަ އެޔަށް ވާދަވެރި ޕާޓީތަކުން ޖަވާބު ދޭން ޖެހޭނެ، އެއީ ރާއްޖޭގެ ސިޔާސީ ނިޒާމަކީ. އިރާދަކުރެއްވިއްޔާ އަޅުގަނޑު ބަލާނީ މި މަޖިލިސް ވެސް އަދި އަޅުގަނޑު ޝާމިލުވާ އެހެން ކަންކަންވެސް މި ނިޒާމުން ކުރިއަށް ދެވޭތޯ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ މެމްބަރުން ނިޒާމީ ނުކުތާ ނަންގަވަން ފެއްޓެވީ އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝިޔާމް ވާހަަކަ ދައްކަވަން ފެއްޓެވުމުން އެވެ.

ނިޒާމީ ނުކުތާ ނުދެއްވައިގެން އައްޑޫ މީދޫ ދާއިރާ މެމްބަރު ރޮޒައިނާ އާދަމް ތަކުރާރުކޮށް އަޑުގަދަ ކުރުމުން ރައީސް ނަޝީދު ވަނީ އޭނާގެ ނަން އިއްވައި މަޖިލިސް ތަޅުމުން ނެރެފަ އެވެ. އެއީ މި މަޖިލީހުގައި އެމްޑީޕީ މެމްބަރަކު ނެރުނު ފުރަތަމަ ފަހަރެވެ.

https://sun.mv/127273/?utm_source=desktop&utm_medium=cpc&utm_campaign=desktopNotifications

comment ކޮމެންޓް