މިއީ ރާއްޖެ ކަފުންކުރަން ތައްޔާރުކޮށްފައި އޮތް ބަޖެޓެއް: ޝިޔާމް

އޮކްޓޯބަރު 7، 2019: 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 50 ވަނަ ޖަލްސާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2020ގެ ބަޖެޓަކީ ރާއްޖެ ކަފުންކުރުމަށް ހުށަހަޅާފައިވާ ބަޖެޓެއް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ބަޖެޓަށް ބަހުސް ކުރައްވަމުން ޝިޔާމް މިއަދު ވިދާޅުވީ އަންނަ އަހަރަށް ހުށަހެޅި ދައުލަތުގެ ބަޖެޓަކީ ޖަޒީރާ ރާއްޖެ ނުވަތަ އެޖެންޑާ19 ރަނގަޅަށް ތަންފީޒު ކުރަން ހުށަހަޅާފައިވާ ބަޖެޓަކަށް ވެދާނެ ކަމަށާއި އެހެން ނަމަވެސް ބަޖެޓުން ފެންނަނީ "މި ދިވެހިރާއްޖެ ކަފުންކުރާ" މަންޒަރު ކަމަށެވެ.

"ވިހިވިހީގެ ބަޖެޓަކީ އަޅުގަނޑު ދަންނަވާނީ ދިވެހިރާއްޖެ ކަފުން ކުރުމަށް ޓަކައި ތައްޔާރުކުރެވިފައި އޮތް ބަޖެޓެއް،" މެމްބަރު ވިދާޅުވި އެވެ.

ބަޖެޓުގައި ބޮޑެތި އަދަދުތައް ޖަހާލެވިދާނެ ކަމަށާއި މިހާރު ހުށަހަޅާފައިވާ ބަޖެޓަކީ ވެސް ރާއްޖޭގެ ތާރީހުގައި ވެސް ނުދެކޭ ފަދަ ބޮޑު ބަޖެޓެއް ކަމަށެވެ.

އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައި ވަނީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 29.9 ބިލިއަން ރުފިޔާ އެވެ.

ޝިޔާމް ވިދާޅުވީ އާމްދަނީ އާއި ޕީއެސްއައިޕީ ބަޖެޓުގައި ބޭނުން އަދަދެއް ޖެހިދާނެ ކަމަށާއި ނަމަވެސް އެފައިސާ ހޯދޭނީ ފައިސާ ހޯދަން އެނގޭ ބަޔަކަށް ކަމަށެވެ.

"އަދި އެ ފައިސާ ލިބިއްޖެ ނަމަވެސް ޕީއެސްއައިޕީގެ މަޝްރޫއުތައް ހިންގުމުގެ ޝައުގުވެރިކަމާއި އެ މަޝްރޫއުތައް ހިންގަން އެނގޭ ބަޔަކަށް ނޫނީ އެ މަޝްރޫއުތަކެއް ނުވަތަ ބަޖެޓުގައި ޖަހާފައި ހުރި ފައިސާގެ އަދަދުތަކެއް ބޭނުމެއް ނުކުރެވޭނެ،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވަނީ ބަޖެޓު ޑެފިސިޓްގެ ގޮތުގައި 5.6 ބިލިއަން ޖަހާފައި އޮތް ނަމަވެސް، ބަޖެޓު ޑެފިސިޓް 7.5 ބިލިއަނަށް އަރާ ކަމަށް ވިދާޅުވެފަ އެވެ. އަދި މި އަހަރު ނިމޭ އިރު ދައުލަތުގެ ދަރަނި 71 ބިލިއަން ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި ދަރަނި ޖީޑީޕީގެ ނިސްބަތުން 2020 ނިމޭއިރު 81 ޕަސެންޓުގައި ހުންނާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

"މިއީ ހަމައެކަނި އަޅުގަނޑު ދައްކާ ވާހަކައެއް ނޫން. އޮޑިޓާ ޖެނެރަލް ހުށަހަޅާފައި އޮތް ކަރުދާހުގައި ވެސް އޮންނާނީ އަޅުގަނޑު ހަމަ މި ދައްކާ ވާހަކަ މިގޮތަށް. ބިރުވެރި ކަމެއް، ބިރުހުރި ކަމެއް. އެހެންކަމުން އަޅުގަނޑު މި ދަންނަވަނީ މި ބަޖެޓަކީ މީ ރާއްޖެ ކަފުންކުރާނެ ބަޖެޓެކޭ. މި ދިވެހިރާއްޖެ ކަފުންކުރާނެ ބަޖެޓެއް މި ބަޖެޓަކީ،" މެމްބަރު ވިދާޅުވި އެވެ.

ޖީޑީޕީ ނިސްބަތުން ދަރަނި މިހާރު ހުރީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުންނަންވާނެ ކަމަށް ބުނާ މިންވަރަށް ވުރެ 11.5 ޕަސެންޓު މަތީގައި ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.

"އަދި ދަރަންޏަށް ޒިންމާވާ ގާނޫނު ބުނާ ގޮތުން އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުންނަންވާނީ 60 ޕަސެންޓަށް ވުރެ ދަށުގައި. އަޅުގަނޑުމެން މިދައްކަނީ 2019 ވަނަ އަހަރު ނިމޭ އިރު ވެސް 79 އިންސައްތާގައި މި އަދަދު ހުރި ވާހަކަ،" ޝިޔާމް ވިދާޅުވި އެވެ.

ނައިފަރު ދާއިރާއަށް ބަޖެޓުކޮށްފައިވާ އަދަދުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މި ބަޖެޓުގައި ނައިފަރު ދާއިރާއަށް ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ބޮޑެތި އަދަދުތަކެއް ހިމަނާފައިވާ ކަމަށެވެ.

އެގޮތުން ނައިފަރު ދާއިރާއަށް މުޅިން އަލަށް ފަށާ ޕްރޮޖެކްޓުތަކަށް 66 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައި ވާކަމަށާއި ނަމަވެސް މިއީ ނައިފަރު ދާއިރާގެ ރައްޔިތުން ހިތްހަމަޖައްސާލައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ވޯޓު ހޯދަން ޖަހާފައި އޮތް އަދަދަކަށް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން އަޅުގަނޑު ދަންނަވަން ޖެހޭ ސަބަބަކީ މި އަހަރު ނައިފަރު ދާއިރާއަށް ބަޖެޓު ކުރެވިފައި ހުރި ކަންތައްތަކުގެ 18 ޕަސެންޓު ވެސް އަޅުގަނޑުމެންނަށް ހާސިލު ނުވެ މިދަނީ،" ޝިޔާމް ވިދާޅުވި އެވެ.

ނައިފަރު ދާއިރާއަަކީ ރާއްޖޭގެ ފަސް ވަނައަށް އެންމެ ބޮޑު އާބާދީ ކަމުގައި ވާއިރު، އެ ދާއިރާއަށް ޕީއެސްއައިޕީ ބަޖެޓުގައި ޖަހާފައިވާ އަދަދަކީ ޕީއެސްއައިޕީ ބަޖެޓުގެ 0.68 ޕަސެންޓު ކަމަށް މެމްބަރު މިއަދު ވިދާޅުވި އެވެ.

"އެއީ މުޅި ބަޖެޓުގެ 0.17 ޕަސެންޓު ނައިފަރު ދާއިރާއަށް މިއޮތީ ޖެހިފައި. މިއީ އަޅުގަނޑުމެން ހިތާމަކުރާ ކަމެއް. މިއީ ބޮޑު އާބާދީއަކަށް ވަރަށް ކުޑަ އަދަދެއް،" ޝިޔާމް ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ނައިފަރުގެ 12 މަޝްރޫއެއް ވަނީ ހިމަނައިފަ އެވެ. އޭގެ ތެރޭގައި މުޅިން އަލަށް ފަށާ ފަސް މަޝްރޫއެއް ހިމެނެ އެވެ.

ނަމަވެސް ނައިފަރު ދާއިރާގެ ރައްޔިތުން އަސްލު ބޭނުންވާ ކަންކަން މި ސަރުކާރަށް އެނގޭތޯ މެމްބަރު ވަނީ ސުވާލު އުފައްދަވައިފަ އެވެ. އަދި ނައިފަރު ދާއިރާގެ ރައްޔިތުން ބޭނުންވާ ކަންކަން ލިސްޓުކޮށް އިސްކަންދޭ ތަރުތީބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މީގެކުރިން ހުށަހަޅާފައިވާ ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.

"އެހެން ނަމަވެސް ބަޖެޓު އައި އިރު އެއިން އެއްވެސް ކަމެއް ނެތް،" ޝިޔާމް ވިދާޅުވި އެވެ.

ކޮމިޓީ މަރުހަލާގައި ބަޖެޓުގެ ކަންކަން ކުރިއަށްދާއިރު، ދާއިރާތަކުގެ ރަށްތައް ކޮމިޓީއަށް ގެނެވެންޖެހޭނެ ކަމަށާއި އެރަށްރަށުގެ މީހުން ބޭނުންވާ ކަންކަން އޮޅުންފިލުވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަޖިލީހުގެ ރިޔާސަތުން އެދިގެން ރަށު ކައުންސިލްތަކުން ބޭނުންވާ ކަންކަމުގެ ތަފްސީލީ ރިޕޯޓު ފޮނުވާފައި އެބަހުރި ކަމަށާއި، ބަޖެޓު ހަމަޖައްސައިދޭން ޖެހޭނީ އެ ކަންކަމަށް ކަމަށް ވެސް މެމްބަރު މިއަދު ވަނީ ވިދާޅުވެފަ އެވެ.

ޝިޔާމް ވާހަކަދައްކަން ފެށުމުގެ ކުރިން ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މެމްބަރު ޝިޔާމަށް ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވައި، އެ މެމްބަރުގެ ވާހަކަ އަޑުއެއްސެވުމަށް ހުރިހާ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

comment ކޮމެންޓް