ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ލައިވްކުރުން މަޑުޖައްސާލައިފި

ކުރިމިނަލް ކޯޓު --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ލައިވްކުރުމަށް ހަދާފައިވާ އުސޫލު މުރާޖާކޮށް އާންމުކޮށްފައި ނޫނީ ޝަރީއަތްތައް ލައިވް ނުކުރަން އެ ކޯޓުންގެ ގާޒީންގެ ބައްދަލުވުމަކުން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީއިންގެ ބައްދަލުވުމެއް ބާއްވައި ނިންމި ނިންމުމެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ލައިވް ކުރުމުގެ އުސޫލެއް ހެދިފައިއޮތް ނަަމަވެސް އެ އުސޫލުގެ ދަށުން އެއްވެސް އިސްތިސްނާއެއް ނެތި ޝަރީއަތްތައް ޓެލެކާސްޓްކުރެވޭ ގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

އޭގެ އިތުރުން ޝަރީއަތްތައް ޓެލެކާސްޓް ކުރުމުގެ ސަބަބުން އެއްބަޔަކަށް ފައިދާވެ އަނެއް ބަޔަކަށް ގެއްލުންވުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި އޮތް ކަމަށް އެ ނިންމުމުގައި ބުނެފައިވެ އެވެ

"ނަތީޖާއެއްގެ ގޮތުން މުޖުތަމައުގައި ފިތުނަ އުފެދުމަށް ޖާގަ ހުޅުވިގެން ދިޔުމާއި އަދުލު އިންސާފާމެދު މީހުންގެ ހިތްތަކުގައި ޝައްކު އުފެދިގެން ދިޔުން ހިމެނޭ." ކްރިމިނަލް ކޯޓުގެ ގާޒީއިންގެ މަޖިލީހުން ނިންމި ނިންމުމުގައި ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓުން ބުނީ ބައެއް މައްސަލަތަކަކީ އެއްބައެއްގެ މައްޗަށް ޝަރީއަތްތައް ކުރިއަށްދާއިރު ހަމަ އެމައްސަލާގައި އެބައެއްގެ މައްޗަށް ތަހުގީގު ހިނގަމުންދާ މައްސަލަތައް ކަމަށެވެ. އަދި ޝަރީއަތް ޓެލެކާސްޓް ކުރުމުގެ ސަބަބުން މައްސަލައިގެ ތަހުގީގަސް ހުރަސް އެޅިގެންދާ ކަމަށްވެސް ބުނެފައިވެ އެވެ. އަދި ފަހުން ޝަރީއަތަށް އަންނަ މައްސަލަތަކަށްވެސް ނޭދެވޭ އަސަރު ކުރާނެ ކަމަށް ކްރިމިނަލް ކޯޓުގެ ނިިންމުމުގައި ވަނީ ބުނެފަ އެވެ.

ކްރިމިނަލް ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ހެކިންގެ ގޮތުގައި ޝަރީއަތަށް ހުށަހެޅިފައިވާ މީހުން މައްސަލައިގެ އަޑުއެހުމަށް ނުވެއްދޭއިރު، ޝަރީއަތްތައް ޓެލެކާސްޓް ކުރުމުން އެ ބޭނުން ނެތިގެންދާ ކަމަށެވެ. އެކަމުގެ ސަބަބުން އެކިބަސް އެއްގޮތްކުރަން މަސައްކަތް ކުރުމާއި އިންސާފަށް ހުރަސް އެޅުމުގެ ފުރުސަތު އޮތް ކަމަށްވެސް ބުނެފައިވެ އެވެ.

އެހުރިހާ ކަމަށް ބަލާއިރު ޝަރީއަތްތައް ޓެލެކާސްޓް ކުރުމުގެ އުސޫލު މުރާޖާކޮށް އާންމުކޮށްފައި ނޫނީ ޝަރީއަތްތައް ޓެލެކާސްޓް ނުކުރުމަށް ހުރިހާ ގާޒީއިންގެ އިއްތިފާގުން ވަނީ ނިންމާފަ އެވެ.

ނަމަވެސް މިހާރު ލައިވްކުރަމުންދާ ޝަރީއަތްތައް ލައިވް ނުކުރަން ނިންމައިފި ނަމަ ސުވާލު އުފެއްދުމުގެ ޖާގަ އޮތުމުން، އެ މައްސަލައިގެ ދެފަރާތުން ކުރެ ފަރާތެއް ޝަރީއަތް ލައިވް ކުރުމަށް އިއުތިރާޒު ނުކުރާ ނަމަ ލައިވްކޮށްގެން ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.

ކްރިމިނަލް ކޯޓުން ލައިވްކޮށްގެން ކުރިއަަށް ގެންދާ ޝަރީއަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން ދައުވާކުރާ މަނީލޯންޑަ ކުރުމުގެ މައްސަލައިގެ ޝަރީއަތެވެ. އެމައްސަލައިގެ ހުރިހާ އަޑުއެހުމެއްވެސް ކުރިއަށް ގެންދިޔައީ ލައިވްކޮށްގެންނެވެ. ދެން އޮންނާނީ މައްސަލައިގެ ހުކުމް ކުރުމަށް ބާއްވާ އަޑުއެހުމެވެ.

comment ކޮމެންޓް