މާލޭގެ މަގުތައް ހަދަން ބަޖެޓުގައި 79 މިލިއަން ރުފިޔާ

މާލޭގެ މަގުތަކުގައި ބަޔަކު ދުއްވަނީ--ސަން ފޮޓޯ/ ފަޔާޒް މޫސާ

މާލޭގެ މަގުތައް މަރާމާތު ކުރުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި 79 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މާލޭގެ މަގުތައް ހެދުމަށް ބޮޑު އަދަދެއް ހިމަނާފައިވާއިރު މާލޭގެ ގިނަ މަގުތައް މިހާރުވަނީ ދުއްވާމީހުންނަށާއި ހިނގާ މީހުންނަށްވެސް ދަތިވާވަރަށް ހަލާކުވެފަ އެވެ.

ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވީ އަބަދު ކޮންނަން ނުޖެހޭނެ ފަދަ ގޮތަކަށް މާލޭގެ މަގުތަކަށް ބަދަލުގެނެސް، ތަރުތީބު ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ.

"ސިޓީ ކައުންްސިލުން މަސައްކަތްތަކެއް ރާވައިގެން ކުރަން ގަސްތު ކުރައްވައިގެން ކުރިއަށް ގެންދަނީ ސްޓޯމް ވޯޓާ ޑްރެއިނޭޖް ވެސް ހިމެނޭ ގޮތަށް މާލޭގެ މަގުތައް ރަނގަޅު ކުރުމުގެ މަސައްކަތް. ދެން އޭގެ ތެރޭގައި އަންނާނެ ބައެއް މަގުތައް ރީސާފޭސް ކުރުމާ، ޕާކިން އަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިރުއިރުކޮޅާ މަގުކޮންނަން ޖެހުމަކީ ވެސް ފަސޭހަކަމެއް ނޫން ކަމަށާއި، އެހެންކަމުން މަގުތައް ކޮންނަން ޖެހޭ މިންވަރު ވީހާވެސް ކުޑަ ވާނެ ގޮތަކަށް ބިމު އަޑީގައި އޮތް ނެޓްވޯކް ބަދަލުކޮށް، އިތުރު ޕަމްޕުތަކެއް ބަހައްޓައި މަގުތައް ތަރުތީބު ކުރަން ރާވަމުން އަންނަ ކަމަށެވެ.

"އިރުއިރުކޮޅާ މަގު ކޮންނަން ނުޖެހޭ ގޮތަށް އެކަންތައް ތަރުތީބު ކުރަން. ވީހާވެސް ކުޑަ ކުރަން. އެއްވެސް ގޮތަކަށް ކޮންނަން ނުޖެހޭ ހާލަތެއް ނާންނާނެ. އެހެން ނަމަވެސް ވީހާވެސް މަދުން އެކަން ކުރަން ޖެހޭނެ ގޮތަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވާފައިވާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި މަގު ހެދުމުގެ މަސައްކަތްތަކަށް 1.5 ބިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. މިއީ ޕީއެސްއައިޕީ ބަޖެޓުގެ 15 ޕަސެންޓެވެ.

comment ކޮމެންޓް