ބުއްދިޔާއި ޒަމީރު ވެސް ވިއްކާލީއެވެ.

ފަލަސްތީނުގެ ބިންތައް އިސްރާއިލުގެ އިންވެސްޓަރުންނަށް ވިއްކާ މައްސަލައިގައި ފަލަސްތީނުގެ ނަސާރާއިންގެ ޕެޓްރިއާކް ތިއޯފިލިސްއާ ދެކޮޅަށް މުޒާހަރާ ކުރަނީ-- ފޮޓޯ: އޭއެފްޕީ

ހެންރީ ސީގްމަން އަކީ އެމެރިކަން ޖުވިޝް ކޮންގްރެސް އާއި ސިނަގޯގް ކައުންސިލް އޮފް އެމެރިކާގެ ކުރީގެ ވެރިޔާއެވެ. އޭނާގެ ބައްޕާފުޅަކީ އިސްރާއީލް އުފެއްދުމަށް ޓަކައި ޔޫރަޕުގައި، ޒައިނިސްޓް ހަރަކާތުގެ ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ އުފަން ވެވަޑައިގަތީ ޖަރުމަނުގަ އެވެ. ޔޫރަޕް ދޫ ކުރައްވައި އެމެރިކާއަށް ހިޖުރަ ކުރެއްވީ 1942 ގަ އެވެ. މިހާރު އޭނާޔަކީ ޔޫއެސް މިޑްލްއީސްޓް ޕްރޮޖެކްޓްގެ ރައީސެވެ. އެމެރިކާގެ އެންމެ ނަންހުރި ޔަހޫދީ ރައްބީންގެ ތެރެއިން ބޭފުޅެއް ކަމުގައި ވެވަޑައިގަތުމުގެ އިތުރުން، އޭނާއަކީ ޔުނިވަރސިޓީ އޮފް ލަންޑަންގެ ސްކޫލް އޮފް އޮރިއެންޓަލް އެންޑް އެފްރިކަން ސްޓަޑީޒްގެ ކުރީގެ ވިޒިޓިންގ ރިސާރޗް ޕްރޮފެސަރެއް ވެސްމެއެވެ.

"ޑިމޮކްރެސީ ނައު" އަށް 2014 ވަނަ އަހަރު ހެންރީ ސީގްމަން ދެއްވި ބަސްދީގަތުމެއްގައި، އޭނާގެ ކުރިފުޅުމައްޗަށް ހުށައެޅުނު އެއް ސުވާލަކީ އެންޓި-ޑިފެމޭޝަން ލީގުން، ފަލަސްޠީނުގެ މިނިވަންކަމަށް ޓަކައި ޖިހާދު ކުރާ ޙަމާސް ޖަމާޢަތާ ބެހޭ ގޮތުން ބުނެފައިވާ ބުނުމަކަށް ސީގްމަންގެ ޚިޔާލުފުޅަކީ ކޮބައިތޯ މިއެވެ. އެންޓި-ޑިފެމޭޝަން ލީގުގެ ބުނުމެއްގެ ގޮތުގައި ސުވާލު ކުރަމުން ގެންދިޔަ ޕްރެޒެންޓަރު ތަކުރާރު ކުރި އެއްޗަކީ މި ދަންނަވަނީއެވެ. "ޙަމާސް ޖަމާޢަތުގެ ޗާޓަރެއް އޮވެއެވެ. އެ ޗާޓަރާ އެއްގޮތަށް އެ ޖަމާޢަތުން ކޮންމެ ދުވަހަކު ޢަމަލު ކުރެއެވެ. އެ ޗާޓަރުގައި އޮންނަނީ އިސްރާއީލުގެ ދައުލަތް ހަލާކު ކޮށްލުމަށް ގޮވައިލައިފައެވެ. ފާއިތު ވެދިޔަ ދެ އަހަރެއްހައި ދުވަހު މާބޮޑު ހަމަނުޖެހުންތަކެއް ނުހިނގައި އޮތުމުން، ލިބުނު ފުރުޞަތުގެ ބޭނުން ޙަމާސް ޖަމާޢަތުން ހިފައިފައި ވަނީ ރޮކެޓުތަކުން ގުދަންތައް ފުރުމަށެވެ. އެ ރޮކެޓުތަކުގެ ހަމައެކަނި ބޭނުމަކީ އިސްރާއީލަށް ޙަމަލާ ދިނުމެވެ. ޙަމާސްއިން ބިމުއަޑީގެ މަގުތަކުގެ ބޮޑު ވިޔުގައެއް ބިނާ ކޮށްފައި ވެއެވެ. އެ މަގުތަކުން ދެވެނީ އިސްރާއީލުގެ ސަރަޙައްދުގެ އެތެރެޔަށެވެ. މަޤުޞަދަކީ ގިނަ ޢަދަދެއްގެ އިސްރާއީލީން މެރުމާއި، އިސްރާއީލީން ރަހީނު ކުރުމެވެ." މި އިބާރާތްތައް ތަކުރާރު ކުރުމަށް ފަހު، ޕްރެޒެންޓަރު ހެންރީ ސީގްމަންގެ އަރިޔަހުން "ޖަވާބަކީ ކޮބައިތޯއޭ" އަހައެވެ.

ޖަވާބުގައި ސީގްމަން ހިނިފުޅު ވަޑުވައިލައްވައިފައި ވިދާޅުވިއެވެ. "އަޅުގަނޑުގެ ކުރީގެ ރަހުމަތްތެރިޔާ، އެންޓި-ޑިފެމޭޝަން ލީގުގެ އެބްރަހެމް ފޮކްސްމަންއަށް އަޅުގަނޑު ދަންނަވައިލާން އޮތް އެއްޗަކީ މިއެވެ. ބައްލަވާށެވެ! އިސްރާއީލުގެ ޗާޓަރުގައި ވެސް ހަމަ އޮތީ ތިޔަ ވިދާޅުވި ފަދައިންނެވެ. އެންމެ ކުޑަމިނުން ދަންނަވާ ނަމަ، އިސްރާއީލުގެ މިހާރުގެ ސަރުކާރުގެ ވެސް، އަދި ކުރީން އިސްރާއީލުގެ ވެރިކަން ކުރި ހުރިހާ ސަރުކާރުތަކެއްގެ ވެސް މަޤްޞަދަކީ ފަލަސްޠީނުގެ ދައުލަތެއް ވުޖޫދަށް އަޔަނުދިނުމެވެ. އަދި އިސްރާއީލުގެ ލަޝްކަރާއި، ހަތިޔާރު ގުދަންތައް ބިނާ ކުރެވިފައި ވަނީ ފަލަސްޠީނުގެ ދައުލަތެއް އުފެދުނަނުދިނުމުގެ ސިޔާސަތު ތަންފީޒު ކުރުމަށް ޓަކައެވެ. ޙަމާސް އާއި އިސްރާއީލީ ދައުލަތާ ދެމެދުގައި ހުރި ތަފާތަކީ، ޗާޓަރުގައި ލިޔުނު އެތި ޙަޤީޤީ އަދި ޢަމަލީ މައިދާނުގައި ތަންފީޒު ކުރަމުން ދަނީ އިސްރާއީލުން ކަމެވެ. އިސްރާއީލުން ދަނީ ސިޔާސަތު ތަންފީޒު ކޮށް، ފަލަސްޠީނުގެ ދައުލަތެއް އުފެދުނަނުދީ ހިފަހައްޓަމުންނެވެ. އެހެންކަމުން ފަލަސްޠީނުގެ ދައުލަތެއް ވުޖޫދަކު ނެތެވެ. ނަތީޖާއެއްގެ ގޮތުން ފަލަސްޠީނުގެ އެތައް މިލިޔަން ރައްޔިތުން ދިރިއުޅެމުން ދަނީ އަޅުވެތި ދިރިއުޅުމެއްގައި، ޙައްޤުތައް ގެއްލި، ރައްކައުތެރިކަމެއް ސަލާމަތެއް އަދި އަމާންކަމެއް ނެތި، އުއްމީދެއް ނެތި، މުސްތަޤްބަލެއް ފެންނާން ނެތް ޙާލަތުގައެވެ. އިސްރާއީލުގެ ޙާލަތަކީ މިއެއް ނޫނެވެ. އިސްރާއީލަކީ ވަރަށް ކާމިޔާބު ދައުލަތެކެވެ. އިސްރާއީލުގައި ޔަހޫދީން ދަނީ އުފާފާގަތިކަމާ އެކު ދިރިއުޅެމުންނެވެ. އިސްރާއީލުގައި އޮތީ ކުރިއަރަމުން ވަރުގަދަ ވަމުންދާ އިގުތިސާދެކެވެ. އިސްރާއީލުގައި ވަރުގަދަ ލަޝްކަރެއް އެބައޮތެވެ. އެ ލަޝްކަރުގެ މައިގަނޑު މަގުސަދަކީ ފަލަސްޠީނުގެ ދައުލަތެއް ވުޖޫދު ވިޔަނުދިނުމެވެ. ހައިރާން ކުރުވަނިވި، އަދި ހިތާމަވެރި ކަމަކީ، ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން، އެހެން ގައުމެއްގެ ބިން ހިފައިގެން އޮންނަ ލަޝްކަރަކުން އެ ބިމުގެ ރައްޔިތުން ހިމާޔަތް ކޮށްދީ ރައްކައުތެރިކޮށްދިނުން ވެސް ވާޖިބު ކޮށްފައި ވާ އިރު، ފަލަސްޠީނުގެ ބިންތައް ހިފައިގެން ތިބޭ އިސްރާއީލުގެ ސިފައިން، އެ ބިންތަކުގައި ވަޒަންވެރި ވެގެން އުޅޭ ޔަހޫދީން ފަލަސްޠީނުގެ ރައްޔިތުންނަށް، އިސްރާއީލުން ހިފައިފައި ވާ އެމީހުންގެ ބިންތަކުގައި، ޙަމަލަތައް ދޭ އިރު، އެކަން ހުއްޓުވާން އެއްވެސް މަސައްކަތެއް ނުކުރެއެވެ. އެކަމާ ބެހޭގޮތުން ސުވާލު ކުރެވިއްޖެ ނަމަ، އިސްރާއީލުގެ ސިފައިން ބުނަނީ ފަލަސްޠީނުގެ ރައްޔިތުން ހިމާޔަތް ކުރުމަކީ ތިމަންމެންގެ މަސްއޫލިއްޔަތެއް ނޫނޭ، ތިމަންމެންގެ މަސްއޫލިއްޔަތަކީ ހަމައެކަނި ޔަހޫދީން ހިމާޔަތް ކުރުމޭ، މިއެވެ.

ހަމަ މި ދެންނެވި ދުވަސްވަރު، "ޑިމޮކްރެސީ ނެޓްވޯރކް" އިން މުޅި ދުނިޔޭގައި ނަން މަޝްހޫރު އެމެރިކާގެ ޕްރޮފެސަރ ނޯމް ޗޮމްސްކީގެ ބަސްދީގަތުމެއް ވެސް ގެނެސްދީފައި ވެއެވެ. މި ބަސްދީގަތުމުގައި، އިސްރާއީލުން ފަލަސްޠީނުގައި ހިންގަމުން ގެންދާ އަމަލުތަކަކީ ދެކުނު އެފްރިކާގެ އެޕަރތައިޑް ޒަމާނުގައި ހިންގުނު އަނިޔާތަކަށް ވުރެ މާ އަނިޔާވެރި ކަންތައްތަކެއް ކަމަށް ވިދާޅުވެފައި ވެއެވެ. އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ މެދު ކަން ކުރަމުން ގެންދާ ގޮތާ، ދެކުނު އެފްރިކާގެ އެޕަރތައިޑާ އަޅާކިޔުމަކީ އިސްރާއީލަށް ދެވޭ ހަދިޔާއެއް ކަމަށް ވިދާޅުވެ، އޭނާ ތަކުރާރުކޮށް ވިދާޅުވީ އިސްރާއީލުގެ އަނިޔާވެރިކަމުގެ މަޤްޞަދު ތަފާތުވެފައި، އެ އަނިޔާވެރިކަމުގެ ދަރަޖަޔާއި މިންވަރު މާ ބޮޑަށް ވެސް ތަފާތު ކަމުގައެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ޗޮމްސްކީ ވިދާޅުވަނީ "އިސްރާއީލުގެ ތަޖުރިބާކާރުން ވަނީ އެ ގައުމުން ހިފައިފައި އޮންނަ ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް، ފުރާނަ ސަލާމަތް ކުރުމަށް ދުވާލަކަށް ބޭނުންވާ ކެލޮރީޒްގެ މިންވަރު ހިސާބު ކޮށްފައި ކަމަށާއި، އެއަށް ވުރެ އިތުރަށް ކާނާ ވެސް ޣައްޒާއަށް ލިބުނަނުދޭން އިސްރާއީލުން އަޅައިފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކަކީ "ގްރޮޓެސްކް" އަދި "ސެޑިސްޓިކް" ފިޔަވަޅުތަކެއް ކަމުގައެވެ.

މި ދެންނެވީ ދެ ބެއިފުޅެއްގެ ވާހަކައެވެ. މިފަދަ ކިތަންމެ ބެއިފުޅުންނެއް ޔޫރަޕާއި އެމެރިކާގައި އެބައުޅުއްވައެވެ.

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެކެވެ. އެކަމަކު ފަލަސްޠީނުގެ ރައްޔިތުންނަށް ތާއީދު ކުރުމުގައި، އެމީހުންގެ ހައްގުތައް ނެގެހެއްޓުމުގައި، އެމީހުންނަށް ހުރިހާ ގޮތަކުން ދޭން ޖެހޭ މަދަދާއި އެހީތެރިކަން ދިނުމުގައި، އަޅުގަނޑުމެންގެ ކަންތައްތައް ހުރީ ކިހައި ހިސާބެއްގައިތޯއެވެ؟

ދިވެހިރާއްޖޭގެ ބައެއް މީޑިޔާ ހައުސްތަކުން، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންގެންދާ އަނިޔާވެރި އުދުވާންތަކުގެ ޚަބަރުތައް ގެނެސްދިނުން ވެސް ވަނީ ގާތްގަނޑަކަށް ހުއްޓައިލައިފައެވެ. މީގެ އިތުރުން، ދާދި ފަހުން މީހަކު އަޅުގަނޑަށް ކިޔައިދިން ވާހަކައެއް ދަންނަވައިލާނަމެވެ. ދިވެހިރާއްޖޭގައި ވަޒީފާ ދޭ ފަރާތަކުން، ވަޒީފާޔަކަށް ކުރިމަތި ލީ މީހުންނާ އިންޓަރވިޔު ކުރި އިރު، އެއް ކެންޑިޑޭޓަކާ ކުރި ސުވާލުތަކުގެ ތެރެއިން އެއް ސުވާލަކީ "ފަލަސްޠީނުގެ ޙަމާސް ޖަމާޢަތަކީ ޓެރަރިސްޓް ޖަމާޢަތެއް ކަމަށް ގަބޫލު ކުރަންހެއްޔޭ" މިއެވެ. އަނެއް ސުވާލަކީ "ފަލަސްޠީނުގެ ބިމުގައި އިސްރާއީލުގެ ދައުލަތަކަށް ޙައްޤު ލިބިގެން ވާކަމަށް ޤަބޫލު ކުރަންހެއްޔޭ" މިއެވެ.

ވިއްކާލީ ހަމައެކަނި ދީނެއް ނޫނެވެ. ބުއްދިޔާއި ޒަމީރު ވެސް ވިއްކާލީއެވެ. ބާކީ ސަލާމަތުން އޮތީ، ނުވަތަ އޮންނާނީ ކޯއްޗެއްކަން އަޅުގަނޑު ނުދަންނަވާނަމެވެ. ތިޔަ ބެއިފުޅުން އެކަމާ ވިސްނަވާށެވެ.

comment ކޮމެންޓް