އުއްތަމަ ފަނޑިޔާރާއި އާދަމް މުހައްމަދު ސަސްޕެންޑްކޮށްފި، ވަކިކުރަން މަޖިލީހަށް

އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އަދި ފަނޑިޔާރުން އާދަމް މުހައްމަދު --- ސަންފޮޓޯ/

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވަކިކުރަން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުން މަޖިލީހަށް ފޮނުވައިފި އެވެ.

އެގޮތަށް ނިންމީ މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގަ އެވެ.

އެބައްދަލުވުމަށް ފަހު ޖޭއެސްސީއިން މިއަދު ޖޭއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުއްތަމަ ފަނޑިޔާރު އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލަތަކެއް އެ ކޮމިޝަނުން ތަހުގީގު ކުރި އިރު ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމު ކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތައް އެ ފަނޑިޔާރުން ކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދުގެ މައްޗަށް ތަހުގީގު ކޮމިޓީއަށް ސާވިތުވެފައިވާ ކަންތައްތަކަކީ ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރު ކަމުގެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލުތަކަކަށް ވުމުން އެ ދެފަނޑިޔާރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމައިފިން." ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން އުއްތަމަ ފަނޑިޔާރު އަދި ފަނޑިޔާރު އާދަމް މުހައްމަދު 60 ދުވަހަށް ސަސްޕެންޑް ކުރުމަށްވެސް ޖޭއެސްސީއިން މިއަދު ވަނީ ނިންމާފަ އެވެ. އެގޮތަށް ނިންމާފައިވަނީ އެކޮމިޝަނުން ތަހުގީގު ކުރި މައްސަލަތަކުގެ ބާވަތަށް ބަލައި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ސުޕްރީމް ކޯޓުގެ އިތުރު ދެ ފަނޑިޔާރެއްގެ މައްސަލަވެސް ޖޭއެސްސީއިން ތަހުގީގުކުރަމުން ދާ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއިން ބަލަމުން ދަނީ ގާނޫނުއަސާސީއާ ހިލާފަށް އެ ކޯޓުން ނިންމި މައްސަލަތަކަކާ ގުޅިގެންނެވެ. އަދި އެމައްސަލަ ތަހުގީގުކޮށް ފުރަމަ ނަސޭހަތް ދިނުމުން އުއްތަމަ ފަނޑިޔާރު ވަނީ ނަސޭހަތް ގަބޫލު ނުކޮށްފަ އެވެ. އަދި މައްސަލައިގެ ތަހުގީގު ރިޕޯޓު ޖޭއެސްސީއިން ފޮނުވުމުން އުއްތަމަ ފަނޑިޔާރު ވަނީ ތަހުގީގު ރިޕޯޓާ ހަވާލު ނުވެ އަނބުރާ ފޮނުވާލާފަ އެވެ.

އޭގެ ފަހުން ޖޭއެސްސީއިން ބަލަމުން ދާ ސުލޫކީ މައްސަލައާ ގުޅިގެން ތަހުގީގަށް ހާޒިރުވާން ފޮނުވި ނޯޓިހާވެސް އުއްތަމަ ފަނޑިޔާރު ހަވާލެއް ނުވެ އެވެ.

ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލައާ ގުޅިގެން ތަހުގީގަށް ހާޒިރުވާން ނޯޓިސް ފޮނުވުމުން ތަހުގީގަށް ހާޒިރުވާން އުޒުރުވެރި ވަޑައިގަންނަވާ ކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ. ފަނޑިޔާރު އާދަމް މުހައްމަދު ވިދާޅުވީ ޖޭއެސްސީގެ ތަހުގީގަށް ހާޒިރުވާން ފޮނުވީ ބާތިލް އަމުރެއް ކަމަށެވެ.

comment ކޮމެންޓް