ކައުންސިލްތަކަށް ދޭ ފައިސާ މޮނީޓާކުރަން ޖެހޭ: ގަވަރުނަރު

ބަޖެޓު ކޮމެޓީގައި ގަވަރުނަރު އަލީ ހާޝިމް ވާހަކަ ދައްކަވަނީ -- ފޮޓޯ: މަޖިލިސް

ކައުންސިލްތަކަށް ގަނޑުކޮށް ފައިސާދޭ އިރު އެކަން މޮނީޓާ ކުރެވޭނެ ހަރުދަނާ އުސޫލެއް ގާއިމު ކުރަން ޖެހޭ ކަމަށް ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމެޓީގައި ބަޖެޓާ މެދު އެމްއެމްއޭ އިން ދެކޭ ގޮތް ހާމަކުރައްވައި ވާހަކަ ދައްކަވަމުން ގަވަރުނަރު މިއަދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ (ގަޑުކޮށްދޭ ފައިސާ) ގޮތުގައި 1.6 ބިލިއަން ރުފިޔާ ދޭން ކަނޑައަޅާފައިވާ ކަމަށާއި މިއީ ކައުންސިލްތަކުގެ މުސާރަ އާއި އެހެނިހެން ހަރަދުތައް ކުރުމަށް ކަނޑައަޅާފައިވާ ފައިސާ ކަމަށްވުމާ އެކު މި ފައިސާ ބޭނުންކުރާގޮތް މޮނީޓާ ކުރާނެ އުސޫލެއް ކަނޑައަޅަން ޖެހޭ ކަމަށެވެ.

"ކައުންސިލްތަކުން މި ފައިސާ ބޭނުންކުރާނެ އުސޫލުތަކެއް ގާއިމުކޮށް ހަރުދަނާ ގޮތެއްގައި މިކަން މޮނީޓާ ކުރެވޭނެ ނިޒާމެއް ގާއިމުކޮށް ކައުންސިލަތް ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ގާއިމް ކުރަން ޖެހޭ،" ގަވަރުނަރު ވިދާޅުވި އެވެ.

ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދޫކުރުމަކީ ކައުންސިލްތައް މާލީ ގޮތުން ލާމަރުކަޒު ކުރުމަށް ވިސްނައިގެން އެކުލާވާލާފައިވާ ސިޔާސަތެއް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

"އަޅުގަނޑުމެން ނިންމާފައި މިވަނީ ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓާއި، ބިމު ކުލީގެ 40 ޕަސެންޓާއި އެ ރަށެއްގެ އިހްތިސާސްގައިވާ ހުރިހާ ތަނަކުން ލިބޭ ކުއްޔާއި އިތުރު ފީތަކުގެ 100 ޕަސެންޓް އެ ކައުންސިލަކަށް ދިނުމަށް." ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓުގެ ޖުމްލަ ބަހަން ނިންމާފައިވާ ގޮތް

  • ރަށު ކައުންސިލްތަކަށް ހަތް ޕަސެންޓް
  • އަތޮޅު ކައުންސިލްތަކަށް 51 ޕަސެންޓް
  • ސިޓީ ކައުންސިލްތަކަށް 51 ޕަސެންޓް

ޝައުނާ ވިދާޅުވީ އެ ފައިސާ ވަކިވަކި ކައުންސިލްތަކަށް ދޫކުރާނީ ''ސެންޓްރަލީ'' ޖަމާ ކުރުމަށް ފަހު ވަކި ފިސްކަލް ފޯމިއުލާއަކުން ކަމަށެވެ.

އެ ފޯމިއުލާގެ ތެރެއިން ހިލޭ އެހީ ކަނޑައަޅާ އިރު ބަލާ ބައެއް ކަންތައްތަކުގެ ތެރޭގައި ދިރިއުޅޭ އާބާދީ، ބިމުގެ ބޮޑުމިން، އަތޮޅުގެ ވެރިކަން ކުރާ ރަށާ ހުރި ދުރުމިން، މާލެ އާއި ހުރި ދުރުމިން އަދި ކައުންސިލް ހިންގުމުގެ ފެންވަރު ހިމެނެ އެވެ.

މި އުސޫލުން ފައިސާ ބަހާ އިރު ބައެއް ކައުންސިލްތަކަށް މީގެ ކުރިން ލިބުނު ބަޖެޓަށް ވުރެ 400 ޕަސެންޓް ބޮޑު ބަޖެޓެއް ލިބޭނެ އެވެ.

އެ ބަދަލާ އެކު 2019 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާ އިރު ރަށު ކައުންސިލްތަކަށް ލިބޭ ފައިސާ ގާތްގަނޑަކަށް 148.6 ޕަސެންޓް، އަތޮޅު ކައުންސިލްތަކަށް ލިބޭ ފައިސާ 155.1 ޕަސެންޓް އަދި ސިޓީ ކައުންސިލްތަކަށް ލިބޭ ފައިސާ 433.4 ޕަސެންޓް އިތުރުވާނެ ކަމަށް އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ.

comment ކޮމެންޓް