ބަޖެޓުގެ އެންމެ ބިރުވެރި މަންޒަރު!

ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާ އަހަރެއްގެ ބަޖެޓަކާ އެކު އާ އުންމީދުތަކެއް ގެނެސް ދިނަސް ކޮންމެ އަހަރެއްގެ ވެސް ބަޖެޓުން ފެންނަ އެންމެ ބޮޑު ކަންބޮޑުވުމަކީ، ހިފެހެއްޓުމެއް ނެތި މަތިވަމުން އަންނަ ދައުލަތުގެ ދަރަންޏެވެ. ހާއްސަކޮށް ބޭރުގެ ދަރަނި އިތުރުވަމުންދާ އިތުރުވުމެވެ. މިފަހަރު ވެސް ބަޖެޓުން ފެންނަނީ އެ ބިރުވެރި މަންޒަރެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ވޯލްޑް ބޭންކު ފަދަ ޖަމްއިއްޔާތަކުން އަބަދުވެސް ފާހަގަ ކުރާ އެއް މައްސަލައަކީ ބޮޑެތި ލޯނުތައް ނަގައިގެން ވިޔަސް، އުފެއްދުންތެރި ނޫން ކަންކަމަށް ދައުލަތުން ބޮޑެތި ހަރަދުތަކެއް ކުރަން ޖެހިފައި ވުމެވެ.

މި އަހަރުގެ ބަޖެޓުން ވެސް ދައްކާ އެންމެ ކަންބޮޑުވާ މަންޒަރަކީ އިތުރުވެ ބޮޑުވަމުން އަންނަ ދައުލަތުގެ ދަރަންޏެވެ. މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ޖުމްލަ ދަރަނި ހުރީ، 47.97 ބިލިއަން ރުފިޔާގަ އެވެ. އެހެން ނަމަވެސް މިއަހަރު ނިމޭއިރު އެ އަދަދު، 52.53 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.

ލޯނު ނަގައިގެން "ބޭކާރު" ހަރަދު

މިހާރު ހުށަހަޅާފައިވާ ބަޖެޓާ އެކު އަންނަ އަހަރު ނިމޭއިރު ރާއްޖެ ދަރާފައިވާ އަދަދު 56.10 ބިލިއަން ރުފިޔާއަށް އިތުރުވެގެންދާނެ ކަމަށް ބަޖެޓްގައި ވަނީ ލަފާކޮށްފަ އެވެ. އޭގެ ތެރެއިން 28.57 ބިލިއަން ރުފިޔާއަކީ އެތެރޭގެ ދަރަނި ކަމަށްވާ އިރު، ބޭރުގެ އިދާރާތަކަށް ރާއްޖެ ދަރާފައިވާ އަދަދު 28.42 ބިލިއަން ރުފިޔާއަށް އިތުރުވެގެންދާނެ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ރާއްޖޭގެ ދަރަނި ކުރުކޮށް:

  • 2018 ގައި ޖުމްލަ ދަރަނި: 47.97 ބިލިއަން ރުފިޔާ
  • 2019 ގައި ޖުމްލަ ދަރަނި: 52.53 ބިލިއަން ރުފިޔާ
  • 2020 ގެ ޖުމްލަ ދަރަނި: 56.10 ބިލިއަން ރުފިޔާ

ދަރަނި އިތުރުވާ މިންވަރު ދައްކައިދޭ ގްރާފެއް -- ގްރާފް/ ބަޖެޓް ފޮތް

މިވަރުގެ ބޮޑު ދަރަންޏަކާ އެކު ވެސް ކަންބޮޑުވުމަކީ އަންނަ އަހަރުގެ ބަޖެޓްގެ ވެސް، 59.4 ޕަސެންޓަކީ ރިކަރަންޓް ހަރަދަށް ވުމެވެ. ފިނޭންސުން ބުނިގޮތުގައި ރިކަރަންޓް ހަރަދުތައް ބޮޑުވަނީ އަލަށް އުފެދޭ މުއައްސަސާތަކާއި މުވައްޒަފުންނަށް ކުރާ ހަރަދު ބޮޑުވަމުން ދާތީ އެވެ. އެހެން ނަމަވެސް، ބަޖެޓްގެ ކެޕިޓަލް ހަރަދުތައް ނޫނީ އުފެއްދުންތެރި ކަންކަމަށް ކުރެވޭ ހަރަދު އުޅެނީ، މުޅި ޖުމްލަ ބަޖެޓްގެ 40.6 ޕަސެންޓްގަ އެވެ.

އަންނަ އަހަރުގެ ބަޖެޓްގެ ބޮޑު ބައެއް ރިކަރަންޓް ހަރަދަށް ދުއްވާލަން ޖެހޭ އިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ބަޖެޓަށް ލިބޭ އާމްދަނީއަކީ، 29.92 ބިލިއަން ރުފިޔާ އެވެ. އެއީ 5.68 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. އަދި މިއީ ޖީޑީޕީގެ ނިސްބަތުން 5.8 ޕަސެންޓެވެ. މި ނަމްބަރުން ދައްކާ މަންޒަރަކީ ރާއްޖޭގެ ހަރަދުތައް ހުރީ އުފެއްދުންތެރި ގޮތެއްގައި ނޫން ކަމެވެ.

ދަރަނި އިމުން ބޭރުވެއްޖެ

މުޅި ދައުލަތުގެ ޖުމްލަ ދަރަނި އަންނަ އަހަރު ނިމޭ އިރު 56.10 މިލިއަން ރުފިޔާއަށް އިތުރުވާއިރު އެއީ، ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ނިސްބަތުން 59.8 ޕަސެންޓެވެ.

އެހެން ނަމަވެސް، އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ބަޖެޓް ކޮމިޓީގައި ފާހަގަ ކުރެއްވި ގޮތުގައި ދައުލަތުން ގެރެންޓީ ދީގެން ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން ނަގާފައިވާ ލޯނުތަކުގެ އަދަދާ އެކު ދައުލަތުގެ އަސްލު ދަރަނި މިއަހަރު ނިމޭއިރު ހުންނާނީ، 71.5 ބިލިއަން ރުފިޔާގަ އެވެ. އަދި އެއީ ޖީޑީޕީގެ 79 ޕަސެންޓް ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ މިންގަނޑާއި ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގައިވާ ގޮތުން ރާއްޖޭގެ ދަރަނި ހުންނަން ޖެހޭނީ ޖީޑީޕީގެ 60 ޕަސެންޓަށް ވުރެ ދަށުގަ އެވެ.

"އަޅުގަނޑުމެންނަށް ފެންނަ މަންޒަރަކީ ދައުލަތުގެ އާމްދަނީ އިތުރުވާ މިންވަރަށް ވުރެ ހަރަދު ބޮޑުވަމުން އަންނަ އައުން. އެއީ އަޅުގަނޑަށް ހީވަނީ ދުރު ރާސްތާއެއްގައި އިގްތިސާދަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއްހެން،" ޒިޔަތު އޭނާގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މަޖިލީހުގެ ކޮމިޓީއަކަށް މައުލޫމާތު ދެއްވަނީ -- ސަންފޮޓޯ/ ފަޔާޒު މޫސާ

އެހެން ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި، ދަރަނި އިތުރުވުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުގައި ދަރަނި އިތުރުވާނީ އުފެއްދުންތެރިކަމުގެ ނިސްބަތް އިތުރުވާ މިންވަރު ބަލައިގެން ކަމަށެވެ. އަދި އުފެއްދުންތެރިކަން އިތުރު ނުވާ މިންވަރަކަށް ދަރަނި ނުނަގާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

"އުފެއްދުންތެރުކަން ކުރިއަރާ މިންވަރަށް ބަލާފައި އަޅުގަނޑުމެން ދަރަނި ނަގާނީ. އެއަށް ވުރެ އިތުރަކަށް ދަރަނި ނުނަގާނަން. އެހެން ވީމާ އުފެއްދުންތެރިކަން އިތުރުވާ މިންވަރަކުން ދަރަނި ނަގާ ނަމަ އެއީ މައްސަލައެއް ނޫން،" އަމީރު ވިދާޅުވި އެވެ.

އެހެން ނަމަވެސް މި އަހަރު ވެސް ރާއްޖޭގެ އުފެއްދުންތެރިކަން ކުރި އަރާނެ ކަމަށް ފުރަތަމަ ލަފާކުރެވުނީ، 6.8 ޕަސެންޓެވެ. ނަމަވެސް މި އަހަރު ނިމޭ އިރު އެ އަދަދު ހުންނާނެ ކަމަށް މިހާރު ލަފާ ކުރެވެނީ 5.7 ޕަސެންޓުގަ އެވެ.

އިގްތިސާދީ ދާއިރާގެ ބޭފުޅުން ވިދާޅުވާ ގޮތިގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ބޮޑު ބައެއް ބަރޯސާވަނީ ޓޫރިޒަމަށެވެ. އަދި ޓޫރިޒަމަކީ ކުރިޔާލާ އަންދާޒާ ކުރަން އުނދަގޫ ދާއިރާއެކެވެ. އެހެން ކަމުން އުފެއްދުންތެރިކަމަށް ބަލައިގެން ދަރަނި ބޮޑުކުރަމުން ދިޔުން އެއީ ބުއްދިވެރި ގޮތެއް ނޫން ކަމަށް އިގްތިސާދީ ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.

"ލިބޭ އެއްޗަކުން ދެކޮޅު ޖައްސަން އެބަ ޖެހޭ. ލޯނެއް ނަގަންޏާ އެ ފައިސާއެއް ހަރަދު ކުރަން ޖެހޭނީ ފީސިބުލް ޕްރޮޖެކްޓްތަކަށް. އިގްތިސާދު ފުޅާވެ އޭގެއިން ނަފާވާ ކަންކަމަށް. އެކަމަކު ދަރަނި ބޮޑުކޮށްފައި އަހަރުން އަހަރަށް ރިކަރަންޓް ހަރަދު ބޮޑުވަންޏާ އެއީ ކަމުދާ ގޮތެއް ނޫން،" އިގްތިސާދީ ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.

ރާއްޖެއަށް އޮތީ ތަދު އަހަރުތަކެއް

ބަޖެޓްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ދަރަނި އަނބުރާ ދެއްކުމަށް، މި އަހަރުގެ ވެސް 3.02 ބިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ. އެއީ މުޅި ދައުލަތުގެ އާމްދަނީގެ 14 ޕަސެންޓެވެ. އަދި އަންނަ އަހަރު އެ އަދަދު، 3.73 ބިލިއަން ރުފިޔާއަށް އަރާނެ އިރު، އެއީ އާމްދަނީގެ 21 ޕަސެންޓެވެ.

އޮޑިޓާ ޖެނެރަލް ޒިޔަތު ފާހަގަ ކުރެއްވި ގޮތުގައި، ކުރިއަށް މި އޮތް އަހަރުތަކުގެ ތެރޭގައި ރާއްޖެއިން ލޯނުތައް އަނބުރާ ދެއްކުމަށް ކުރިމަތިވާ ރިސްކް ވަރަށް ވެސް ބޮޑެވެ. ބަޖެޓްގެ ބޮޑު ބައެއް ލޯނުތައް ދެއްކުމަށް ހަރަދު ކުރަން ޖެހޭނެ އެވެ. ނަތީޖާއެއްގެ ގޮތުން އިގްތިސާދު ފުޅާނުވެ ރާއްޖޭގެ ދުވެލީގައި ބުރަކި ޖެހުމުގެ ބިރު ވަރަށް ބޮޑެވެ.

"ހަތަރު އަހަރުގެ ތެރޭގައި ދައުލަތުން ދޫކޮށްފައިވާ ދެ ބޮންޑުގެ ޖުމްލަ 340 މިލިއަން ޑޮލަރު ނުވަތަ 5.4 ބިލިއަނަށް އަރައި، އެ ފައިސާ އަނބުރާ ދައްކަން އެބަ ޖެހޭ އަޅުގަނޑުމެން. ސަރުކާރުން ނަގާފައިވާ ލޯނުތަކަށް ކުރިއަށް އޮތް ތިން އަހަރު ތެރޭގައި 19 ބިލިއަން ރުފިޔާ ދައްކަން އެބަ ޖެހޭ. އެހެން ވީމާ މިއީ ސަމާލުވާން ޖެހޭ ކަމެއް،" ޒިޔަތު ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގައި ފިނޭންސް މިނިސްޓަރު އަމީރު މެންބަރުން ބަޖެޓާ މެދު ފާޅުކުރައްވާ ހިޔާލު އަޑުއައްސަވަނީ -- ފޮޓޯ/ މަޖިލިސް

ބަޖެޓް ބަހުސްގެ ތެރެއިން ރައްޔިތުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވީ މިދިޔަ ސަރުކާރުން ޗައިނާއަށް ވިއްކާފައިވާ ބޮންޑު ކުރިއަށް އޮތް އަހަރެއްގެ ތެރޭގައި ރާއްޖެއިން އަނބުރާ ދައްކަން ޖެހޭ ކަމަށެވެ. އަދި އެކަން ފޫބައްދަން ޖެހެނީ ޗަޕާނަށް 300 މިލިއަން ޑޮލަރުގެ ސަމުރާއީ ބޮންޑެއް ވިއްކައިގެން ކަން ނަޝީދު ފާހަގަ ކުރެއްވި އެވެ. އަދި ދަރަނި އަނބުރާ ދައްކަން ޖެހޭ ދުވަސް ކައިރިވަމުން އަންނަ އިރު ކުރިއަށް އޮތީ ނޭވާ ހިފަހައްޓާލައިގެން ތިބެން ޖެހޭ ދުވަސްތަކެއް ކަމަށް ވެސް ނަޝީދު ފާހަގަ ކުރެއްވި އެވެ.

"އެއް ދަރަނިން ސަލާމަތްވާން އަޅުގަނޑުމެން އަނެއް ދަރަނީގައި އެޅެން މިޖެހެނީ. މިއީ ނޭވާ ހިފަހައްޓާލައިގެން ތިބެން ޖެހޭ ދުވަސްތަކެއް. ބޮޑެތި ދަރަނިތަކެއް އަނބުރާ ދައްކާން އެބަ ޖެހޭ،" ދަރަނި ބޮޑުވުމުގެ ކަންބޮޑުވުން ރައީސް ނަޝީދު ފާހަގަ ކުރެއްވީ އެހެން އެވެ.

ރާއްޖޭގެ ދަރަނީގެ ހާލަތުގެ ނާޒުކު ފައްތަރެއްގައި އޮތްއިރު، އަންނަ އަހަރުގެ ތެރޭގައި ވެސް އެތެރޭގެ މާކެޓަށް 564 މިލިއަން ރުފިޔާގެ ޓީބިލާއި ބޮންޑް ވިއްކަން ވަނީ ހަމަޖެހިފަ އެވެ. އަދި ބޭރުގެ އެކި ފަރާތްތަކަށް ބޮންޑާއި ސުކޫކު ވިއްކައިގެން 4.63 ބިލިއަން ރުފިޔާ ރާއްޖެއިން އަންނަ އަހަރު ވެސް ދަރަނީގެ ގޮތުގައި ނަގާނެ އެވެ. މި ހިސާބަށް ދަރަނީގެ ހާލަތު ދާއިރު ހަރަދު ކުޑަކުރަން އަދި ވެސް ވިސްނާކަށް ނުވޭ ހެއްޔެވެ؟

comment ކޮމެންޓް