ކުރިން ލިބުނު ދަރިފުޅުވެސް މަރުވީ، ރޭ ވަކިވީ ހުރި ހަމައެކަނި ދަރި!

ރޭގެ އެކްސިޑެންޓްގައި ނިޔާވި، ފާތިމަތު އަންޖުމަން ޝަފީގް (އަންޖުމް)ގެ މަހާނަ: އެ މަރާ އެކު އާއިލާ ވަނީ ފުން ހިތާމައެއްގައި -- ސަން ފޮޓޯ: ފަޔާޒް މޫސާ

ގްރޭޑް ހަތެއް ނިންމާލައި ލިބުނު ޗުއްޓީގައި ފާތިމަތު އަންޖުމަން ޝަފީގް (އަންޖުމް) އާއި އޭނާގެ މަންމަ އައިމިނަތު އަހުމަދު އިއްޔެ ހުޅުމާލެއަށް ދިޔައީ އާއިލާ ބަޔަކާ ބައްދަލުކޮށްލާށެވެ. އެ ބައްދަލުވުމަށް ފަހު، ރޭ 11 ޖަހަނިކޮށް ދެމައިން ސައިކަލުގައި ދަތުރަށް ފެށީ އެނބުރި މާލެ އަންނާށެވެ.

ނަމަވެސް މާލެ-ހުޅުމާލެ ހައިވޭއަށް ނޭރި އުޅެނިކޮށް އެ ދަތުރު ކުރުކޮށްލަން ޖެހުނީ އެވެ. ފަހަތުން އައި ބަހުން ޖެހި ސައިކަލު ފަހަތުގައި އިން އަންޖުމް ވިއްސައިގެން ދިޔައީ އެވެ. ދިޔަގޮތަށް ބިންމަތީގައި އަންޖުމްގެ ބޯ ޖެހި، ބޮލުގައި އަޅާފައި އޮތް ހެލްމެޓް ވެސް ފުނޑުފުނޑުވީ އެވެ. ބޮލަށް ލިބުނު ގެއްލުުމުގައި އަންޖުމް ވަގުތުން މަރުވީ ކަމަށް ބެލެވޭ އިރު، ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ފުރާނައެއް ނެތެވެ. އައިމިނަތުގެ ދަރިފުޅު އޭނާގެ ކުރިމަތީ ދުނިޔެ ދޫކޮށްދިޔައީ އެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދު --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅު

އުމުރުން 12 އަހަރުގެ އަންޖުމް އަކީ އައިމިނަތުގެ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅެވެ. އުމުރުން 40 އަހަރު ވީފަހުން އެ ދެމަފިރިންނަށް ލިބުނު ނަސީބެވެ. ކުއްޖަކު ހޯދަން އެ ދެމަފިރިން ވަނީ އުނދަގޫ، ދިގު ދަތުރެއް ކޮށްފަ އެވެ. ބޭސްކުރަން އެތައް ގައުމަކަށް ގޮސް ތަކުލީފު އުފުލި އެވެ.

އެތައް ދުއާ އަކާއި ފަރުވާއަކަށް ފަހު އެދެމީހުންނަށް ކުއްޖަކު ލިބުނީ ގާތްގަނޑަކަށް 20 އަކަށް އަހަރު ފަހުންނެވެ. އެހެންކަމުން އެ ދެމެފަރިންނަށް ދަރިފުޅު އަންޖުމް އަކީ އެ މީހުންގެ ފުރާނަ އެކޭ އެއްފަދަ އެވެ. އެ ދަރިފުޅު ބަލަމުން އައީ، އެތައް އުންމީދަކާއެކު އެހާމެ ލޯބި ދީގެންނެވެ.

"ވަރަށް ލޯބިވާނެ އަންޖުމް ދެކެ. ހުރިހާ ކަމެއް ކޮށްދީގެން ވަރަށް ލޯބިން އެކުއްޖާ ބަލަމުން އައީ. ވަރަށް ވަރު ހުންނާނެ. ވަރަށް ރަނގަޅު ދެމަފިރިން އެއީ،" އައިމިނަތުގެ އެކުވެރިޔަކު ބުންޏެވެ.

ފާތިމަތު އަންޖުމަން ޝަފީގް (އަންޖުމް) --

އައިމިނަތުގެ އާއިލާ މެމްބަރަކު ކިޔައިދިން ގޮތުގައި އަންޖުމް އަކީ އެދެމަފިރިންނަށް ލިބުނު ފުރަތަމަ ދަރިފުޅެއް ނޫނެވެ. އޭގެ ކުރިން ވެސް އެދެމަފިރިންނަށް ކުއްޖަކު ލިބުނެވެ. ނަމަވެސް ފުރާވަރު އުމުރުގައި އެކުއްޖާ ވެސް ވަނީ ނިޔާވެފަ އެވެ.

ޖަމާލުއްދީން ސްކޫލުގައި ތައުލީމު ހާސިލުކުރަމުން ދިޔަ އަންޖުމް އަކީ ކިޔެވުމަށް މޮޅު، ސްކޫލުގެ އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވަމުން ދިޔަ ދަރިވަރެކެވެ. ކެޑޭޓުގައި ފާހަގަކޮށްލެވޭ ދަރިވަރެއްގެ އިތުރުން ކީރިތި ގުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ވެސް އަންޖުމް ދިޔައީ ކުރަމުންނެވެ.

އެތައް އުންމީދަކާ އެކު އެހާމެ ލޯބިން ބަލަމުން އައި ފުރާނަ ފަދަ ދަރިފުޅު ދުނިޔެ ދޫކޮށްފައި ދިޔުމުން އެދެމަފިރިންގެ ލޮލުން މިއަދު ކަރުނަ ނުހިކެ އެވެ.

އެކްސިޑެންޓު ހިނގިކަން ޑްރައިވަރަކަށް ނޭނގޭ!

ހައިވޭއަށް އަރަން އޮންނަ، ހުޅުމާލެ ބަސް ޓާމިނަލްގެ ބެންޑް ސަރަހައްދުގައި ރޭ އެކްސިޑެންޓު ހިނގީ އަންޖުމް އާއި އޭނާގެ މަންމަ ދަތުރުކުރި ސައިކަލުގައި، ފަހަތުން އައި އެމްޓީސީސީގެ ބަސް ޖެހިގެން، ނަމަވެސް އެކްސިޑެންޓު ހިނގުމުން ވެސް އެ ބަސް މަޑުނުކޮށް ދިޔައީ އެވެ. ބަސް ހުއްޓުވީ ހައިވޭގެ މެދެއްހާ ހިސާބުން، ފުލުހުންނެވެ. އެބަހުގައި ތިބި މީހުންނަށް އެކްސިޑެންޓެއް ހިނގިކަން އެނގުނީވެސް އެ ހިސާބުން އެވެ.

ރޭ އެކްސިޑެންޓު ހިނގި ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކްސިޑެންޓާ ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު މިއަދު "ސަން" އަށް ވިދާޅުވީ އެކްސިޑެންޓް ހިނގިކަން ބަސް ދުއްވަން އިން ޑްރައިވަރަށް ވެސް އަދި ބަސް ކޮންޑަކްޓަރަށް ވެސް ނޭނގޭ ކަމަށެވެ.

އެކްސިޑެންޓު ހިނގި އިރު ބަސް ދަތުރުކުރަމުން ދިޔައީ 15 ވަރަކަށް ފަސިންޖަރުންނާވެސް އެކު އެވެ. ނަމަވެސް އެއިން މީހަކަށް ވެސް އެކްސިޑެންޓު ހިނގި ކަމެއް ނޭނގެ އެވެ.

އެމްޓިސީސީ ބަހެއް ޖެހި ހިނގި ދެވަނަ މަރު!

މިދިޔަ ރޯދަ މަހުވެސް އެމްޓީސީސީގެ ބަސް ޑްރައިވަރަކަށް ނިދި ޖެހި، ޕޭމަންޓް މަތިން ހިނގާފައި ދިޔަ ޔޫކްރޭންގެ ފަތުރުވެރިއެއްގެ ގަޔަށް ބަސް އަރައި އެމީހާ ވަނީ މަރުވެފަ އެވެ.

އަދި ހަމަ އޭގެ ކުޑަދުވަސްކޮޅެއް ފަހުން އެމްޓީސީސީގެ ބަހެއް ދުއްވަން އިން ޑްރައިވަރަކަށް ނިދި ޖެހިގެން ކާރެއްގައި ޖެހި އެކްސިޑެންޓްއެއް ހިނގި އެވެ. މި ދެ އެކްސިޑެންޓާ ގުޅިގެން އެ ދެ މީހުން ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.

ނަމަވެސް ރޭ އެކްސިޑެންޓު ހިނގީ ޑްރައިވަރަށް ނިދިގެނެއް ނޫނެވެ. އަދި އެކްސިޑެންޓުވި ބަހަކީ އެމްޓީސީސީގެ ބަސް ދުއްވޭ އެންމެ މަތީ ސްޕީޑް 50 ކިލޯ މީޓަރަށް ލިމިޓްކޮށްފައިވާ ބަހެއް ކަމަށް ވެސް ޝާހު ވިދާޅުވި އެވެ. އެެހެންކަމުން އެއަށް ވުރެ ބާރު ސުޕީޑްގައި އެ ބަސް ނުދުވާނެ އެވެ.

އެކްސިޑެންޓަށް ފަހު ފުލުހުން ވަނީ ބަސް ދުއްވަން އިން ޑްރައިވަރު ހައްޔަރުކޮށްފަ އެވެ. އަދި ބަހުގެ ފޮރެންސިކް ތަހުލީލެއް ވެސް ވަނީ ފަށައިފަ އެވެ.

ޝާހު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ބަހުގައި ކޫރުމެއް ވެސް އެޅިފައި ނެތް ކަމަށާއި، ބަހުގެ އެއްވެސް ތަނަކުން ލޭގެ އަސަރެއް ވެސް ފެނިފައި ނުވާ ކަމަށެވެ.

މައްސަލަ ތަހުގީގުކޮށް، އިހުމާލުވާ ފަރާތެއް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ އިރު، ދެ މަފިރިއަކަށް މިވަނީ ފޫނުބެއްދޭ ވަރުގެ ހިތާމައަކާ ކުރިމަތިވެފަ އެވެ. ދިގު އިންތިޒާރަކަށް ފަހު، ލިބުނު ދަރިފުޅު އެ މީހުންގެ އަތުން މިއަދު މި ވަނީ ބީވެ، އައުމެއް ނެތް ދުނިޔެއަށް ދަތުރުކޮށްފަ އެވެ. އެންމެންނާ ވެސް ގުޅޭ، ހިތްހެޔޮ އަންޖުމްގެ ހިނިތުންވުން އެދެމަފިރިންނާއި ވަކިވެ ގޮސްފައި މި ވަނީ އެންމެން ރޮއްވާފަ އެވެ. މިއަދު އެތަށް ބަޔަކު ރޮނީ އަންޖުމް އެމީހުންނާ ވަކިވެ ދިޔައިމަ އެވެ.

comment ކޮމެންޓް