ހައިވޭގައި ބަހަކާ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ކުޑަކުއްޖަކު މަރުވެއްޖެ

އެކްސިޑެންޓް ހިނގި ސަރަހައްދު --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މާލެ-ހުޅުމާލެ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ކުޑަކުއްޖަކު މަރުވެއްޖެއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ކުޑަކުއްޖާ އޭނާގެ މަންމައާއެކު ދަތުރުކުރި ސައިކަލުގައި، ފަހަތުން އައި ބަހެއް ޖެހިގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ސައިކަލުގައި ޖެހުނީ އެމްޓީސީސީއިން ދުއްވާ ބަހެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެކްސިޑެންޓުގައި މަރުވީ ކ. ތުލުސްދޫއަށް ނިސްބަތްވާ ފާތިމަތު އަންޖުން ޝަފީގު، 13 އަހަރެވެ.

މި އެކްސިޑެންޓު ހިނގީ ހުޅުމާލެ ކޮޅުން ހައިވޭ ފެށޭ ހިސާބުގައި ކުރިން އޮންނަ ބަސް ޓާމިނަލް ކައިރިންނެވެ. ކުޑަކުއްޖާ އިނީ އޭނާގެ މަންމައާއެކު ސައިކަލުގައެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދު --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހު "ސަން"އަށް ވިދާޅުވީ މި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާއަށް ފަރުވާ ދެމުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލުގައި ކަމަށެވެ. އެއީ ގދ. މަޑަވެއްޔަށް ނިސްބަތްވާ 51 އަހަރުގެ އަންހެނެއް ކަމަށް އާޝިޔާ ވިދާޅުވިއެވެ. އަދި އޭނާގެ ހާލަތު ސްޓޭބަލް ކަމަށާއި ބޭރުފުށުން އެއްވެސް ކަހަލަ އަނިޔާއެއް ނެތްކަމަށް ވިދާޅުވިއެވެ.

އެކްސިޑެންޓުގައި މަރުވި ކުޑަކުއްޖާ ގެންދިޔައީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. އެ ހޮސްޕިޓަލުގައި ކުއްޖާގެ އާއިލާގެ މެމްބަރުން މިވަގުތު އެބަ ތިއްބެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ އެމަޖެންސީ ދޮރޯށި ކައިރީގައި ބަޔަކު މިރޭ ހުއްޓިލައިގެން: މިރޭ ހިނގި އެކްސިޑެންޓުގައި މަރުވި ކުއްޖާ ގެންގޮސްފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އާއިލާއާ ގާތް ފަރާތަކުން "ސަން"އަށް ކިޔައިދިން ގޮތުގައި، އަންޖުންއާއި އޭނާގެ މަންމަ ހުޅުމާލެއަށް ދިޔައީ އާއިލާގެ މެމްބަރުންތަކަކަށް ޒިޔާރަތްކުރުމަށެވެ. އަދި އެނބުރި މާލެ އައުމަށް އައު މަގުމަތީގައި، ފަހަތުން އައި އެމްޓީސީސީގެ ބަހެއް ސައިކަލުގައި ޖެހުނީއެވެ.

ޓްރީޓޮޕް ހޮސްޕިޓަލް ސަރަހައްދުގައި ހުރި "ސަން"ގެ ނޫސްވެރިޔާ ބުނި ގޮތުގައި، އެ ސަރަހައްދުގައި އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހުވެސް މިވަގުތު ހުންނެވީ ހޮސްޕިޓަލު ސަރަހައްދުގައި، މަރުވި ކުއްޖާގެ އާއިލާއާ އެކުއެވެ.

comment ކޮމެންޓް