ށ. އަތޮޅު ފިނޮޅަކުން ވެލިނަގަނިކޮށް ފުލުހުން ގޮސް ހުއްޓުވައިފި

ފިނޮޅަކުން ވެލި ނަގައި ބަސްތާތަކަށް އަޅާފައި--- ފޮޓޯ: ފުލުހުން

ށ. އަތޮޅުގެ ފިނޮޅަކުން ބަޔަކު ވެލި ނަގަން އުޅެނިކޮށް ފުލުހުން ގޮސް އެކަން ހުއްޓުވައިފިއެވެ.

ފުލުހުން ބުނީ ބަޔަކު މީހުން ގޮސް ވެލި ނަގަން ތިބީ ށ. ކަނޑިތީމު ކައިރީގައި އޮންނަ ގުނަފަރު ކިޔާ ފިނޮޅެއްގައި ކަމަށެވެ. ކަނޑިތީމު ކައުންސިލުން މިކަމުގެ މައުލޫމާތު ފުލުހުންނަށް ދިނުމާއެކު، ފުލުހުން ވަނީ އެތަނަށް ގޮސް އެކަންތައް ހުއްޓުވައި، އަދި ވެލި އަޅާފައި ހުރި ގޯނިތައް ހުސްކުރުވާފައެވެ.

ފުލުހުން ވަނީ އެ ފިނޮޅުން ނެގި އަޅާފައި ހުރި ބަސްތާތައް ދޯންޏަކަށް ބަރުކޮށްފައި ހުރި ފޮޓޯއެއްވެސް އާންމުކޮށްފައެވެ.

އެ ފޮނޮޅަކީ ކަނޑިތީމާ 15 މިނެޓުން ދެވޭހާ ކައިރީގައި އޮންނަ ރަށެކެވެެ.

ކަނޑިތީމު ކައުންސިލުގެ އޮފިޝަލަކު "ސަން" އަށް މިރޭ ވިދާޅުވީ އެ ފިނޮޅުން ކުރިން ވެލި ނަގާ ހަދާ ކަމަށާއި އެހެންނަމަވެސް އެކަން ސަރުކާރުން މަނާކުރި ފަހުން ވެލި ނެގުމުގެ ހާދިސާތައް ނުފެންނަ ކަަމަށެވެ.

މިއަދު ބަޔަކު އެ ފިނޮޅުން ވެލިނަގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުމާއެކު އެކަން ވަގުތުން ފުލުުހުންނަށް އެންގިކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.

comment ކޮމެންޓް