އަންނަ ހަފްތާގައި އެމްއައިބީގެ ހިއްސާ ސްޓޮކް އެކްސްޗޭންޖުގައި ގަނެވިއްކޭނެ!

މޯލްޑިވްސް އިސްލާމިކް ބޭންކުގެ އާ ހެޑްއޮފީސް--- ސަން ފޮޓޯ

މޯލްޑިވްސް އިސްލާމިކް ބޭންކުން އެ ކުންފުނީގެ ހިއްސާ އާންމުކޮށް ވިއްކުމަށްޓަކައި ހިންގި އިނީޝަލް ޕަބްލިކް އޮފަރިންގް (އައިޕީއޯ)ގައި ބައިވެރިވެ ހިއްސާ ގަތް ފަރާތްތަކަށް، އެ ފަރާތްތަކުގެ ޑިޕޮސިޓަރީ އެކައުންޓުތަކަށް ޖަމާކޮށްފިއެވެ.

މި އަހަރު ހިންގި އެމްއައިބީގެ އައިޕީއޯގައި އާންމުކޮށް ވިއްކީ އެ ކުންފުނީގެ 31 ޕަސަންޓުގެ ހިއްސާއެވެ. އެއީ ޖުމްލަ 244 މިލިއަން ރުފިޔާގެ ހިއްސާއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން މިއަދު ބުނީ އައިޕީއޯގައި ހިއްސާ ގަތް ފަރާތްތަކުގެ ހިއްސާތައ، އެ ފަރާތެއްގެ ނަމުގައި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގައި ހުޅުވާފައިވާ ޑިޕޮސިޓަރީ އެކައުންޓުތަކަމަށް ޖަމާކޮށް ނިންމާފައިވާ ކަމަށެވެ.

ކޮންމެ އިންވެސްޓަރަކަށްވެސް އެކަށައަޅާފައިވާ ހިއްސާގެ މައުލޫމާތު އެ ފަރާތެއްގެ ޑިޕޮސިޓަރީ އެކައުންޓުން މިހާރު ލިބެން ހުންނާނެކަމަށް އެމްއައިބީއިން ބުނެއެވެ. އަދި އަންނަ ހަފްތާގެ އާދީއްތަ ދުވަހުން (17 ނޮވެމްބަރު 2019) ފެށިގެން ހިއްސާގެ ބާޒާރުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހިއްސާ ގަނެވިއްކޭނެ ކަމަށްވެސް އެ ބޭންކުން ބުނެއެވެ.

އިސްލާމިކް ބޭންކުގެ އައިޕީއޯއަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ. އެގޮތުން ރާއްޖޭގެ ބައެއް ލޯކަލް ކައުންސިލުތަކުންވެސް ވަނީ ކައުންސިލުގެ ނަމުގައި ބޮޑެތި އަދަދުން އެމްއައިބީގެ ހިއްސާ ގަނެފައެވެ.

ތަރުހީބު ބޮޑުވެ ގޮސް، އެ ކުންފުނިން ވިއްކަން އުޅުނު ހިއްސާގެ އަދަދަށް ވުރެ ގިނައިން ހިއްސާ ގަތުމަށްވެސް މީހުން އެދިފައިވެއެވެ. އެގޮތުން ހިއްސާ ވިއްކައިގެން ބޭންކުން ހޯދަން ކަނޑައެޅި އަދަދަށްވުރެ 46 ޕަސަންޓު އިތުރު އަދަދަށް ފައިސާ ލިބިފައި ވާތީ، އެމްއައިބީން ވަނީ އެ ފައިސާ ރީފަންޑްވެސް ކޮށްފައެވެ.

އެމްއައިބީން ހިއްސާ ވިއްކީ، ހިއްސާއެއް 35 ރުފިޔާގެ މަގުންނެވެ. އަދި މަދުވެގެން 20 ހިއްސާ ގަންނަން ޖެހުނެވެ.

comment ކޮމެންޓް