ރައީސް ސޯލިހު، ނަޝީދު އަދި މާރިޔާގެ މައްސަލަތައް އިދިކޮޅުން އޭސީސީއަށް ހުށަހަޅައިފި

(ކ-ވ) ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ --

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލަތަކެއް ހުށަހަޅައިފި އެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އެ ކޯލިޝަނުން ރައީސް ސޯލިހާއި، ރައީސް ނަޝީދާއި، މިނިސްޓަރު މާރިޔާއާއަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަތަކުގެ ތަފްސީލުތައް ދެއްވައިފަ އެވެ.

މިއަދު މެންދުރު ހުށަހެޅި އެ ތިން މައްސަލައިގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ހުށަހެޅި މައްސަލައަކީ އެމަނިކުފާނުގެ އަމިއްލަފުޅު ދަތުރުފުޅުތަކަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ލޯންޗުކޮޅު ބޭނުން ކުރެއްވި ކަމަށް ތުހުމަތު ކުރާ މައްސަލައެކެވެ. އަދި ބޭނުން ކުރީ ރަސްމީ ލޯންޗުކޮޅުކަން އޮޅުވާލަން ލޯންޗުގައި ހުރި ދައުލަތުގެ ނިޝާނުގެ މަތީގައި ސަތަރި އަޅާފައިވާކަން އެ މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.

"މިއީ ކޮރަޕްޝަނުގެ އަމަލެއް. ކޮރަޕްޝަނާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާ އަދި 14 ވަނަ މާއްދާއަށް ބަލާ އިރު ދައުލަތުގެ އެއްވެސް ވަސީލަތެއް ދައުލަތުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ވެސް [އަމިއްލަ ބޭނުމަށް] ބޭނުމެއް ނުކުރެވޭނެ،" ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ވަކީލުންގެ ޓީމުގެ ބޭފުޅަކު ވިދާޅުވި އެވެ.

މިއަދު އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މުސާ

ސަރުކާރުން މީގެ ކުރިން އެމަކާ ގުޅިގެން ކުރިން ބުނެފައި ވަނީ އެކަން ކުރީ، އެމްއެންޑީއެފް އިން އެދިގެން ސަލާމަތީ ސަބަބުތަކަށް ޓަކައި ކަމަށެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ތުހުމަތުކޮށް އޭސީސީއަށް ލާފައިވާ މައްސަލައަކީ، މިފަހުން އެމަނިކުފާނު ދެކުނުގެ އަތޮޅުތަކަށް ޕާޓީގެ ބޭނުމަށް ވަޑައިގެންނެވި ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޓީމު ބޭނުން ކުރި ކަމަށް ތުހުމަތު ކުރާ މައްސަލައެކެވެ. އިދިކޮޅު ވަކީލުން ބުނާ ގޮތުގައި އެމަނިކުފާނު އަމިއްލަ ބޭނުމަށް ކުރެއްވި ދަތުފުޅުތަކުގެ މަންޒަރުތައް މަޖިލީހުގެ މީޑިއާ ޓީމުން ވަނީ ކަވަރުކޮށް، ރަސްމީ ދަތުރުފުޅެއްގެ ގޮތުގައި މަޖިލީހުގެ ސޯޝަލް މީޑިއާގައި ބޭނުންކޮށްފަ އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ދެކޮޅަށް ހުށަހެޅީ، އޭނާ ޖިޓެކްްސް ސިމްޕޯޒިއަމްގައި ބައިވެރިވަޑައިގަންނަވަން ދުބާއީއަށް ކުރެއްވި ދަތުފުޅުގައި، ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު ސައިފް ބިން ޒައިދާ އެކު ބޭއްވި ބައްދަލުވުމަށް އެކަމަނާގެ ދަރިފުޅު ގެންދެވި މައްސަަލައެވެ. އިދިކޮޅުގެ ވަކީލުން ތުހުމަތު ކުރާ ގޮތުން އެކަމަނާ އެ ދަތުފުޅުގައި ވަޑައިގަތީ އަމިއްލަ ހައިސިއްޔަތުން ކަމަށް ވިދާޅުވި ނަމަވެސް، ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބާ ބައްދަލުކުރެއްވީ ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން ކަމަށެވެ. އެހެންކަމުން، އެފަދަ ބައްދަލުވުމެއްގައި ދަރިފުޅު ބައިވެރިކުރުމަކީ ގައުމުގެ ސަލާމަތަށް ވެސް ނުރައްކާވާނެ ކަމެއްގެ ގޮތުގައި ވަކީލުން ސިފަކުރެއްވި އެވެ.

އެ ދަތުރުޅާ ގުޅޭ ގޮތުން މިނިސްޓަރު މާރިޔާ މީގެ ކުރިން ވިދާޅުވެފައި ވަނީ އެ ދަތުފުޅަކީ އަމިއްލަ ހައިސިއްުޔަތުން ކުރެއްވި ދަތުފުޅެއް ކަމަށެވެ. އަދި އެ ދަތުރުފުޅުގެ އެއްވެސް ހަރަދެއް ދައުލަތުން ކޮށްފައި ނުވާ ކަމަށް ވިދާޅުވެފައިވެ އެވެ.

ރައީސް ސޯލިހާއި، ރައީސް ނަޝީދާއި، މިނިސްޓަރު މާރިޔާއާ ދެކޮޅަށް އިދިކޮޅުން މައްސަލަ ހުށަހަޅާފައިވާ ނަމަވެސް، އެ މައްސަލަތައް ބަލާނެ ކަމެއް ނުވަތަ ނުބަލާނެ ކަމެއް އަދި އެ ކޮމިޝަނުން އަންގާފައި ނުވެ އެވެ.

ކޯލިޝަނުގެ ވަކީލުން ވިދާޅުވީ އަދި ވެސް ސަރުކާރުގެ އިސް ފަރާތްތަކަށް ތުހުމަތު ކުރެވޭ އިތުރު މައްސަލަތަކެއް އޭސީސީއަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

އޭގެ އިތުރުން ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި ފަރާތްތަކާ ގުޅޭ އިތުރު ގާތްގަނޑަކަށް ފަސްދޮޅަކަށް މައްސަލައެއް އާންމު މީހުންގެ ނަންމަތީގައި އޭސީސީއަށް ހުށަހަޅާފައިވާނެ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ. އެ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތައް ބަލާނެ ކަމަށް އޭސީސީ އިން އަންގާފައިވާ ކަމަށް ވެސް ބުންޏެވެ.

comment ކޮމެންޓް