ދަރުމަވަންތަ ހޮސްޕިޓަލުގައި ފިޒިއޮތެރަޕިސްޓަކު އަންހެނަކާ ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު މައްސަލައެއް ބަލަނީ

ސެޕްޓެމްބަރ 4، 2019: ދަރުމަވަންތަ ކޮމްޕްލެކްސްގައި އެސްޓީއޯއިން އަލަށް ހުޅުވި ބޭސްފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަރުމަވަންތަ ހޮސްޕިޓަލުގައި ފިޒިއޮތެރަޕިސްޓަކު، އެތަނަށް ހިދުމަތް ހޯދަން ދިޔަ ޒުވާން އަންހެން ޕޭޝަންޓަކާ ބަދުއަހުލާގީ އަމަލެއް ހިންގަން އުޅުނުކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހަށް ހުށަހަޅައިފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަގެ 6:00 އެހާއިރު ކަމަށެވެ.

ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ފިޒިއޮތެރަޕީ ހަދަން ދިޔަ 19 އަހަރުގެ އަންހެނަކާ މެދު، ފިޒިއޮތެރަޕިސްޓު ބަދު އަހުލާގީ އަމަލު ހިންގި ކަމަށް ބުނެ އެވެ.

މައްސަލައިގައި ތުހުމަތު ކުރަނީ އެ ހޮސްޕިޓަލުގައި ފިޒިއޮތެރަޕިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާ އުމުރުން 28 އަހަރުގެ އިންޑިއާ ފިރިހެނަކާ މެދު އެވެ.

މައްސަލަ ހުށަހެޅި އެ ކުއްޖާގެ އާއިލާގެ ފަރާތުން، "ސަން"އަށް ބުނީ ފިޒިއޮތެރަޕިސްޓުގެ އަމަލުތަކުން އަންހެން ކުއްޖާއަށް ވަރަށް ބޮޑަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށެވެ. އެގޮތުން އަންހެން ކުއްޖާ ޑެޕްރަޝަންއަށް ގޮސް، ނުނިދުން ފަދަ އުނދަގޫތަކާ ކުރިމަތިވެފައިވާ ކަމަށް ވެސް އެ އާއިލާއިން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފާ ނުވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މައްސަލައާ ގުޅިގެން އައިޖީއެމްއެޗްގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އެފަދަ މައުލޫމާތެއް ލިބިފައި ނެތް ކަމަށެވެ.

އެޑިޓަރުގެ ނޯޓު: މި ޚަބަރުގައި "ރޭޕްކުރަން އުޅުނު" ކަމަށް ކުރިން ލިޔެވިފައި ވަނީ މައުލޫމާތުގެ ކުށަކުންނެވެ. ރަނގަޅު ގޮތަކީ "ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު"އެވެ. މި ޚަބަރު މިހާރު ވާނީ އިސްލާހުކުރެވިފައެވެ.

comment ކޮމެންޓް