މެޗު ނުނިމެނީސް ސްޓޭޑިއަމުން ނުކުތުމުން ރޮނާލްޑޯއަށް އަދަބު

ރޮނާލްޑޯގެ ބަދަލުގައި ޑިބާލާ ކުޅެން ނުކުންނަނީ --- ފޮޓޯ// އޭޕީ

އިޓާލިއަން ލީގުގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ޔުވެންޓަސްއާއި އިންޓަ މިލާން ބައްދަލު ކުރި މެޗު ނިމުމުގެ ތިން މިނަޓު ކުރިން ސްޓޭޑިއަމް ދޫކޮށް ދިޔަ މައްސަލައިގައި ޔުވެންޓަސްގެ ފޯވާޑް ކުރިސްޓިއާނޯ ރޮނާލްޑޯއަށް ދެ އަހަރު ދުވަހުގެ ބޮޑު ސަސްޕެންޝަނެއް އަައިސްދާނެ ކަމަށް ކުރިން ރެއާލް މެޑްރިޑް އަދި މިލާންއަށް ވެސް ކުޅެދީފައިވާ އެންޓޯނިއޯ ކަސާނޯ ބުނެފި އެވެ.

ލީގުގެ ތާވަލުގައި މިވަގުތު 32 ޕޮއިންޓާ އެކު އެއްވަނައިގައި އޮތް ޔުވެންޓަސް އެންމެ ފަހުން މިލާނާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު މޮޅުވީ 0-1 ގެ ހަނި ނަތީޖާ އަކުންނެވެ. އެ މެޗުގައި އެ ޓީމަށް ޖަހައިދިން ހަމައެކަނި ގޯލު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ޕައޮލޯ ޑިބާލާ ޖަހައިދިން ނަމަވެސް މެޗުގެ "ބޮޑު މަންޒަރަކަށް" ވީ އެ ޓީމުގެ ފޯވާޑް ރޮނާލްޑޯގެ ފަރާތުން ފެނުނު ބައެއް ކުޅިވަރާ ޙިލާފު އަމަލުތަކެކެވެ.

މެޗުގެ 55 ވަނަ މިނަޓުގައި ރޮނާލްޑޯގެ ބަދަލުގައި ޑިބާލާ އެރުވި އިރު ރޮނާލްޑޯގެ ފަރާތުން ކޮންމެސް ވަރެއްގެ ނުރުހުމެއް ފެނުނެވެ. މިއީ ޖެހި ޖެހިގެން އޭނާ މިގޮތަށް ބަދަލު ކުރި ދެވަނަ މެޗެވެ. ހިތް ހަމަ ނުޖެހިފައި ހުރި ރޮނާލްޑޯ ބަދަލު ކުރުމުން އޭނާ ބެންޗަށް ދިއުމުގެ ބަދަލުގައި ދިޔަގޮތަށް ދިޔައީ ސްޓޭޑިއަމްގެ އެތެރެއަށެވެ. އަދި އޭނާ ވަނީ މެޗު ނިމުމުގެ ތިން މިނަޓު ކުރިން ސްޓޭޑިއަމް ދޫކޮށް ގޮސްފަ އެވެ.

ރޮނާލްޑޯގެ މި އަމަލާ އެކު ގިނަ ބަޔަކު އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒު ކުރަމުންނެވެ. އަދި އޭނާ ހިތް ހަމަ ނުޖެހިގެން ވެސް ކުޅިވަރާ ޙިލާފު އަމަލެއް ކުރުމުން އެކަމަށް އަދަބެއް ދޭން ޖެހޭ ކަމަށް ބައެއް މަޝްހޫރު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އެގޮތުން ކުރީގެ ރެއާލް މެޑްރިޑް އަދި މިލާންގެ ތަރި ކަސާނީ ބުނީ ރޮނާލްޑޯ އެ ކުރީ ވަރަށް ވެސް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި، އެކަމަށް އޭނާއަށް ބޮޑު އަދަބެއް ދީފާނެ ކަމަށެވެ.

"އެއީ ފުޓުބޯޅައިގެ ގަވާއިދާ ޚިލާފު ކަމެއް. އަހަރެންނަށް ވެސް އެފަދަ ހާލަތެއް ދިމާނުވީ ކިރިޔާ. އެކަމު އަހަރެން އެނބުރި ބެންޗަށް ދިޔައީ ދެ އަހަރުގެ ސަސްޕެންޝަނެއް އަންނާނެ ކަމަށް ބުނުމުން." ކަސާނޯ ބުންޏެވެ.

އޭނާ ބުނީ ރޮނާލްޑޯއަށް ވެސް ދެ އަހަރު ވަންދެން ފުޓުބޯޅަ ނުކުޅެ ހުންނަން ޖެހޭ ފަދަ އަދަބެއް އެކަމާ ގުޅިގެން ލިބިދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ނަމަވެސް އެކަމާ ގުޅިގެން ޔުވެންޓަސްގެ ކޯޗު މޯރީޒިއޯ ސަރީ ބުނީ ރޮނާލްޑޯގެ އެ އަމަލު އެގޮތަށް އޭނާ ހިންގީ އޭނާއަށް އަނިޔާވެފައި ހުރުމުން ކަމަށެވެ. އަދި އޭނާ އަވަހަށް ސްޓޭޑިއަމުން ދިޔައީ ވެސް ފަރުވާ ހޯދުމަށް ކަމަށެވެ.

comment ކޮމެންޓް