ބޮޑު ކާމިޔާބެއް: ގޭންގްތައް މައިތިރިކޮށް، އަނިޔާވެރި ކުށްތައް ދަށްކޮށްފި

ސްޕެޝަލް އޮޕަރޭޝަން ( އެސްއޯ) ފުލުހުން މީގެ ކުރިން މާލެ ތެރޭގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން -- ސަން ފޮޓޯ: ހުސެން ހަސަން

ގުރޫޕް ހަދައިގެން ނުވަތަ ރާވައިގެން ހިންގާ އަނިޔާވެރި އަމަލުތައް ފާއިތުވި ހަ އަހަރާއަޅާ ބަލާއިރު 50 ޕަސެންޓް މަދުކުރެވިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ފާއިތުވި ހަތަރު އަހަރުތެރޭ ހިނގައިދިޔަ އަނިޔާވެރި އަމަލުތަކުގެ ތަފާސް ހިސާބުތައް އާންމުކުރައްވައިފަ އެވެ.

އެގޮތުން 2014 ވަނަ އަހަރު 269 ގްރޫޕް މާރާމާރި ހިންގިއިރު މިދިޔަ އަހަރު ގްރޫޕް މާރާމާރީގެ 222 މައްސަލަ ވަނީ ހުށަހަޅައިފަ އެވެ. މިއަހަރު ގޭންގް މާރާމާރީގެ ގޮތުގައި އަދި ރެކޯޑްކޮށްފައިވަނީ 110 މައްސަލަ އެކެވެ. އެއީ، މިދިޔަ އަހަރާ އަޅާބަލާއިރު، 50 ޕަސެންޓް ދަށް އަދެކެވެ.

ބޮޑެތި އަނިޔާވެރި ކުށްތައް ވެސް ފާއިތުވި ހަ އަހަރު ވަރަށް ބޮޑަށް ވަނީ ކުޑަކުރެވިފައި ކަމަށް ތަފާސް ހިސާބުން ދައްކަ އެވެ. އެގޮތުން ބޮޑެތި އަނިޔާވެރި، 3036 ކުށެއް މިދިޔަ އަހަރު ރެކޯޑްކުރިއިރު މި އަހަރު އެ އަދަދު ހުރީ 2546 ގަ އެވެ. މިދިޔަ އަހަރަކީ، ވޭތުވެ ދިޔަ ހަ އަހަރުގެ ތެރޭގައި އެންމެ މަދުން އެ ބާވަތުގެ މައްސަލަތައް ހުށަހެޅުނު ފަހަރު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގަސްދުގައި މީހުން މެރުމުގެ ދެ ހާދިސާއެއް މި އަހަރު ހިނގާފައިވީ ނަމަވެސް، އެއީ އާއިލީ އަދި ބިދޭސީންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ހިގާފައިވާ މަރުތަކެކެވެ. އަދި އެއްވެސް ގޭންގް މާރާމާރީއެއްގައި މީހަކު މަރުވި މައްސަލައެއް ހިނގާފައެއް ނުވެ އެވެ.

ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ އަހަރު ގޭންގު މާރާމާރީތައް ވަރަށް ބޮޑަށް މަދުކުރެވިފައިވާ ކަމަށެވެ. އަދި މިި ސަރުކާރު އައި ފަހުން ގޭންގު މާރާމާރީތަކުގައި އެއްވެސް މީހަކު މަރުވެފައި ނުވުމަކީ މި ސަރުކާރަށް ހޯދުނުގެ ކާމިޔާބެއްގެ ގޮތުގައިވެސް ރައީސް ރޭ ސިފަކުރެއްވި އެވެ.

ކޮމިޝަނަރު ހަމީދު މިއަދު ވިދާޅުވި ގޮތުގައި ގުރޫޕް ހަދައިގެން ނުވަތަ ރާވައިގެން ހިންގާ އަނިޔާވެރި އަމަލުތައް ވަރަށް ބޮޑުތަނުން މަދުކުރެވުނީ މަގުތަކުގެ އަމާންކަން ދެމެހެއްޓުމަށް ތަރުތީބާއި ރަނގަޅު އިންތިޒާމްތަކާ އެކު ފުލުހުން ކުރި މަސައްކަތުގެ ސަބަބުން އެވެ. ކުރުމުން އަދި އެކަމާ ގުޅިގެން ފުލުހުންނަށް އޭނާ ވަނީ މަރުހަބާވެސް ދަންނަވައިފަ އެވެ.

comment ކޮމެންޓް