ރާއްޖޭގެ ސިފަތަކާއެކު އާ ޓާމިނަލްގެ ޑިޒައިނަށް ބަދަލު ގެނެސްފި

މިދިޔަ ހަފްތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތްތައް ކުރިއަށް ދާ ގޮތް ބައްލަވާލައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަޅާ އާ ޓާމިނަލްގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސް، އެ މަސައްކަތް ވަރަށް ހަލުއިކަމާއެކު ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 51 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ޖަލްސާގައި ގައުމާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކުރިއަށް އޮންނަ އަހަރުގައި ސަރުކާރުން ކުރުމަށް ނިންމާފައިވާ ގިނަ ކަންތައްތަކެއްގެ ވާހަކަތަކެއް ވިދާޅުވެފައެވެ.

ރައީސް ސޯލިހު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއަކީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދީގެން ހިންގާނެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގައި ހިމެނޭ އާ ޓާމިނަލްގެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު މިދިޔަ ޖުލައި މަހު ވަނީ އެކަން އަލުން ފަށާފައެވެ. މިހާރު އެއާޕޯޓުގައި ހުރި ޓާމިނަލުގެ ހުޅަނގު ދެކުނު ފަރާތުން 78،000 އަކަ މީޓަރުގެ ސަރަހައްދެއްގައި ހަދާ މި ޓާމިނަލުގެ ފައުންޑޭޝަންގެ މަސައްކަތް ކުރިއަށްދާ އިރު، ޕައިލިންގްގެ މަސައްކަތް ވަނީ މުޅިން ނިންމާލާފައެވެ.

ރައީސް ސޯލިހު މިރޭ ވިދާޅުވީ އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް މިހާރު ކުރިއަށް ދަނީ އެތަނުގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސްގެން ކަމަށެވެ.

"އާ ޓާމިނަލްގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އެ މަސައްކަތް އަލުން ފަށައިގެން ވަރަށް ހަލުއިކަމާއެކު ކުރިއަށް އެބަދޭ. ޓާމިނަލްގެ މަސައްކަތް މިހާރު ކުރިއަށް ދަނީ ރާއްޖެ ސިފަވާ ގޮތަށް ޑިޒައިނަށްވެސް ބަދަލު ގެނެސްގެން،" ރައީސް ވިދާޅުވިއެވެ.

މިދިޔަ ހަފްތާ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތައް ހިނގަމުންދާ ގޮތް ބައްލަވާލައްވާފައެވެ.

ރައީސް ވިދާޅުވީ ބޯޑިންގް ބްރިޖުތަކާއި ޓާމިނަލް ނިމޭއިރު، އަހަރަކު ތިން މިލިއަން މީހުންނަށް ހިދުމަތް ދެވޭ ވަރަށް ޓާމިނަލުގެ ޖާގަ އިތުރުވެގެން ދާނެ ކަމަށެވެ.

މި އަހަރުގެ ޖެނުއަރީ މަހު ރައީސް ސޯލިހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން ބެއްލެވި އިރު އެއާޕޯޓުގެ އާ ޓާމިނަލުގެ ކުރެހުމެއް ނެތް ކަމަށެވެ.

"އެތެރެ އޮންނަންވީގޮތެއް ނޭނގެ. މުޅި ޑިޒައިން ނެތް. އެހެންވީމަ އެ މަސައްކަތް އެތަނުގައިވެސް ކުރަން އެބަޖެހޭ،" ރައީސް ވިދާޅުވިއެވެ.

ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެން ހިިންގާ މި މަޝްރޫއަށް އަބޫދާބީ ފަންޑާއި، ކުވެއުތު ފަންޑާއި ސައުދީ ފަންޑާއި، އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް)އިން 680 މިލިއަން ރުފިޔާ ވަނީ ދީފައެވެ.

comment ކޮމެންޓް