އަރަމްކޯގެ އައިޕީއޯ ލޯންޗު ކުރުން މިމަހުގެ 17އިގައި

ސައުދީގެ އަރަމްކޯއިން ވަނީ ހިއްސާ ވިއްކަން ތައްޔާރުވެފައި -- ފޮޓޯ: ގެޓީ

ރިޔާޒު (ނޮވެމްބަރު 10): ސައުދީ އަރަބިއާގެ ގައުމީ ތެޔޮ ކުންފުނި އަރަމްކޯގެ ހިއްސާ ވިއްކުމަށްޓަކައި އިނީޝަލް ޕަބްލިކް އޮފަރިން (އައިޕީއޯ) ލޯންޗު ކުރާނީ މިމަހުގެ 17ގައި ކަމަށް އެކުންފުނިން ހާމަކޮށްފި އެވެ.

އަރަމްކޯއިން އިއްޔެ ނެރުނު ހިއްސާގެ ބަޔާނުގައިވާ ގޮތުން އައިޕީއޯ ލޯންޗު ކުރުމަށް ފަހު، ހިއްސާ ގަތުމަށް ހުށަހަޅާ މުއްދަތު ނިމޭނީ އަންނަ މަހުގެ ހަތަރެއްގަ އެވެ. އަދި އެކުންފުނީގެ ހިއްސާގެ އަގު ކަނޑައަޅާނީ ޖެހިގެން އަންނަ ދުވަހުގަ އެވެ.

އަރަމްކޯގެ ހިއްސާގެ ބަޔާނުގައިވާ ގޮތުން އެކުންފުނިން ވަކި ވަކި ފަރުދުންނަށް ވިއްކާނީ 0.5 ޕަސެންޓު ހިއްސާ އެވެ. އަދި ބޮޑެތި މުއައްސަސާތަކަށް ހިއްސާ ވިއްކާނެ މިންވަރު ނިންމާނީ ފަހުންނެވެ.

ރޮއިޓާސްގައިވާ ގޮތުން އަރަމްކޯއިން ސައުދީގައި އެކެއް ނުވަތަ ދެ ޕަސެންޓު ހިއްސާ ވިއްކާނެ ކަމަށް ބެލެވެ އެވެ. އަދި އޭގެއިން 20 ބިލިއަން ޑޮލަރާއި 40 ބިލިއަން ޑޮލަރާ ދެމެދުގެ ފައިސާ އެ ކުންފުންޏަށް ލިބޭނެ އެވެ.

އެއް ޓްރިލިއަން ޑޮލަރަށް ވުރެ އަގު ހުރި އަރަމްކޯގެ އައިޕީއޯއަކީ ދުނިޔޭގެ ތާރީހުގައި ވެސް އެންމެ ބޮޑު އައިޕީއޯއަށް ވުން ގާތް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެ އެވެ.

ސައުދީން އަރަމްކޯގެ ހިއްސާ ވިއްކަން ނިންމީ އެގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން 2030އަށް ކަނޑައަޅުއްވާފައިވާ ތަސައްވަރުގެ ދަށުންނެވެ. އެތަސައްވަރުގައި ވަނީ ސައުދީން ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ގައުމަށް އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ހޯދުމަށް ނިންމައިފަ އެވެ.

comment ކޮމެންޓް