ސްޓެމް ފެސްޓު ނިންމާލައިފި

ވިމެން އިން ޓެކް އިން އިންތިޒާމުކޮށްގެން ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކުރިއަށް ގެންދިޔަ "ސްޓެމް ފެސްޓް 2019"ގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިމެން އިން ޓެކް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ހުކުރު ދުވަހާއި އިއްޔެ ކުރިއަށް ގެންދިޔަ ރާއްޖޭގެ ފުރަތަމަ ސްޓެމް ފެސްޓު ނިންމާލައިފި އެވެ.

ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތެމެޓިކްސްގެ ދާއިރާގެ އުފެއްދުންތައް ހުޅުމާލޭގައި ޝޯ ކޭސް ކުރި މި އެގްޒިބިޝަނުގައި 20 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ސަރުކާރު ކުންފުނިތަކާއި މުވައްސަސާތައް، ކޮލެޖު ޔުނިވާސިޓީ އަދި އަމިއްލަ ކުންފުނިތަކާއި ސްޓާޓް އަޕް ކުންފުނިތަކުން ބައިވެރިވި އެވެ.

ވިމެން އިން ޓެކް މޯލްޑިވްސްގެ ނައިބު ރައީސާ ނިއުމާ ފާއިޒު ވިދާޅުވީ ފުރަތަމަ އިވެންޓާ ބަލާފައި ސްޓެމް ފެސްޓު ކާމިޔާބު ކަމަށެވެ. އެގްޒިބިޝަނަށް ޒިޔާރަތްކުރި ފަރާތްތަކަށް ވިމެން އިން ޓެކް މޯލްޑިވްސް އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ނޮވެމްބަރު 8، 2019: ވިމެން އިން ޓެކް އިން އިންތިޒާމުކޮށްގެން ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކުރިއަށް ގެންދިޔަ "ސްޓެމް ފެސްޓް 2019"ގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މި އެގްޒިބިޝަނުގެ ބައިވެރިންނަށް ވެސް ޝުކުރު އަދާކުރަން ވިމެން އިންޓެކް ގެ ފަރާތުން. އެގްޒިބިޝަން މިހާ ކާމިޔާބު ކަމާޢެކު ނިންމާލެވުނީ އެފަރާތްތަކުގެ އެފޯޓާ އެކު،" ނިއުމާ ވިދާޅުވި އެވެ.

ސްޓެމްފެސްޓްގެ މައިގަނޑު އަމާޒަކީ ސައިންސް، ޓެކްނޮލަޖީ، އިންޖިނިއަރިން، މެތެމެޓިކްސް ދާއިރާގައި ހުރި ފުރުސަތުތަކާއި އެ ދާއިރާތަކުން ދިވެހިން އަމިއްލައަށް އުފައްދާފައިވާ އުފެއްދުންތައް ޝޯކޭސް ކުރުމާއި ދާއިރާގައި ހުރި ޑިޖިޓަލް ހިދުމަތްތައް ރައްޔިތުންނަށް އެއްތަނަކުން ފެންނަގޮތަކަށް އެ ހިދުމަތްތައް ޝޯކޭސްކޮށް، އެ ހިދުމަތްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމެވެ.

ނޮވެމްބަރު 8، 2019: ވިމެން އިން ޓެކް އިން އިންތިޒާމުކޮށްގެން ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކުރިއަށް ގެންދިޔަ "ސްޓެމް ފެސްޓް 2019"ގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްޓެމް ފެސްޓުގެ ތެރެއިން ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ވެސް އިއްޔެ ވަނީ ކުރިއަށްގެންގޮސްފަ އެވެ.

އަންނަ އަހަރު ވެސް މިފަދަ އެގްޒިބިޝަނެއް މިއަހަރަށް ވުރެ ފުޅާކޮށް ކުރިއަށްގެންދާނެ ކަމަށް ވިމެން އިން ޓެކް މޯލްޑިވްސް އިން ބުންޏެވެ.

comment ކޮމެންޓް